އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދައިގެން މާލޭގެ ހަތަރު އަވަށުގައި ހުރި ސަހަރާގައި ޕާކިން ބިލްޑިން ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

Advertisement
އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދައިގެން މާލޭގެ ހަތަރު އަވަށުގައި ހުރި ސަހަރާގައި ޕާކިން ބިލްޑިން ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުގެ މެމްބަރު އަހުމަދު ޒަމީރު މިއަދު ސީއެންއެމްއަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދުމަށް ފަހު އެއީ ދީނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމެއް ކަމަށްވާނަމަ މާލޭގެ ހަތަރު ސަހަރާގައި ޕާކިން ބިލްޑިން ހެދުމަށް އައުޓްސޯސް ކުރުމަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ކައުންސިލަށް ހުށަހަޅާފަ ވަނީ މިދިޔަ ޖުލައި މަހުގެ 21 ގައި ކަމަށެވެ.
ޒަމީރު ވިދާޅުވީ އެކަމަށް ކައުންސިލުގެ އަގުލަބިއްޔަތު ވެސް ލިބިފައިވާ ކަމަށެވެ. ކައުންސިލަށް ހުށަހެޅި ހުށަހެޅުމުގައިވާ ގޮތުން ޕާކިން ބިލްޑިން ހެދުމަށް އައުޓްސޯސް ކުރުމަށް އާންމުކޮށް ހުޅުވާލުމަށްފަހު އެ މަސައްކަތް ހަވާލުކުރާނީ އެންމެ ރަނގަޅަށް ޕްރޮޕޯސަލް ހުށަހަޅާ ބަޔަކަށެވެ.
ޒަމީރު އިތުރަށް ވިދާޅުވީ، މާލޭގައި ހުރި ހަތަރު ސަހަރާގައި ޕާކިން ބިލްޑިން ތަރައްގީ ކުރާނީ ކިހިއްތޯ އަދި ނުހިންނާ ކަމަށެވެ. އެގޮތުން އެތަނުގައި ޕާކިން ބިލްޑިން ތަރައްގީ ކުރާނީ ގަބުރުތައް ނަގައިގެންތޯ ނުވަތަ ނޫންތޯ ވެސް ނިންމާނީ އިސްލާމިކް މިނިސްޓްރީއަށް މަޝްވަރާ ކުރުމަށް ފަހު ހިޔާލު ހޯދައިގެން ކަމަށެވެ.
ޕާކިންގެ މައްސަލަ މާލެއަށް ބޮޑުވެފައިވާއިރު މިހާރު ވެސް މާލޭގެ ބައެއް ސަހަރާތަކުގައި ޕާކިން ޒޯނުތައް ތަރައްގީކޮށްފައި އެބަހުއްޓެވެ.
ޕާކިން މައްސަލައާ ގުޅިގެން ވެސް އާންމުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވާއިރު ކުރިން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ޕާކުކުރާނެ ޖާގަ ނުދައްކާ މި ސަރުކާރުން ސްޓިކާ ނުޖަހާނެ ކަމަށް ބުނެފަ އެވެ. އެކަމަކު މިހާރު ވެސް އުޅަނދުފަހަރުގައި ސްޓިކާ ޖަހަމުން އަންނައިރު އާންމުންގެ ސުވާލަކީ މިހާރު ސްޓިކާ ޖަހަނީ ޕާކު ކުރާނެ ޖާގަ ދައްކާފައިތޯ އެވެ. އަދި އެ ޖާގަ ނުފެންނަ ކަމަށް ބުނެ ވެސް އެމީހުން ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.