ads
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހްމަދު ހައިލަމް---
32 ދައުވާ، 11 އަހަރުގެ ޖަލު ހުކުމެއް، ކޮރަޕްޝަން ހުއްޓުވާނީ ކިހިނެއް؟: ހައިލަމް
ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ފާޑުވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 32 ދައުވާއަށް އިއުތިރާފުވުމުން 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިއްވާފައެވެ. 

އެ 32 ދައުވާތަކުގައި ޒިޔަތު ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ ފައިސާގެ އަދަދު 781 މިލިއަން ރުފިޔާއަށް އަރާއިރު، ދައުވާތަކަށް ޒިޔަތު އިއުތިރާފުވީ ދައުލަތާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިމައްސަލާގައި ދައުލަތުން އެދުނީ ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. 

މިކަމަށް ފާޑުވިދާޅުވަމުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ކުރެއްވި ޓްވީޓެއްގައި ވަނީ، 700 މިލިއަން ރުފިޔާއަށް ހިޔާނާތްތެރި ވުމުން، 11 އަހަރުގެ ޖަލު ހުކުމް އަންނަގޮތަށް އެއްބަސްވުން ހެދުމުގެ ފުރުސަތު އޮންނަނަމަ ކޮރަޕްޝަން ހުއްޓުވާނީ ކިހިނެތްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. 

ގާނޫނުލް އުގޫބާތުގެ 1006 ވަނަ މާއްދާގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަ ގޮތުން އެންމެ ބޮޑު ކުށަށް އަދަބުގެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ފަހު، ދެން ހުރި ކުށްތަކުގައި ވަކި ތަރުތީބަކުން އަދަބުގެ މިންވަރު ދަށް ކުރަން ޖެހޭނެ އެވެ. އެގޮތަށް އަދަބުގެ މިންވަރު ދަށް ކުރަމުން ގޮސް 12 ވަނަ ދައުވާގެ އަދަބަކީ އެންމެ ދުވަހަކަށް ޖަލަށްލުމެވެ. އަދި ބާކީ އޮތް 20 ދައުވާގައި އެއްވެސް އަދަބެއް ޒިޔަތުގެ މައްޗަކަށް ނާންނާނެ އެވެ. އެއީ އެއް ދުވަހުގެ ޖަލު ހުކުމަކީ އަދަބުގެ އެންމެ ކުޑަ މިންވަރު ކަމަށްވާތީ އެވެ. 

މިިމައްސަލާގައި ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވަން ދައުލަތުން އެދިފައިވަނީ ހިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދަށް ބަލައި، ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށް ފަހު، އަދިި ތަހުގީގަށް ޒިޔާތު އެއްބާރުލުން ދެމުންދާތީ އަދަބުގެ ދެ ދަރަޖަ ދަށްކޮށް، ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް