މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އޭޑްސް ދުވަހާއި ގުޅިގެން ދެއްވި ހާއްސަ ހޮތާބުގައެވެ. މިނިސްޓަރު ވިދާޅުވީ، 90ގެ އަހަރުތަކުގައި އޭޑްސްއާއި ދެކޮޅަށް ކުރެވުނު މަސައްކަތުން ފަހާގަ ކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައިވީނަމަވެސް، އަދިވެސް އޭޑްސް އަކީ ދުނިޔޭގެ އާއްމު ސިއްހަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި މިހާރު ދިމާވެފައިވާ ކޮވިޑުގެ ހާލަތާއި ގުޅިގެން އާއްމު ސިއްހަތާއި ގުޅޭ އެހެނިހެން ކަންތައްތަކަށް ދަތިތައް ދިމާވަމުންދާއިރު، އެކަމުގެ ސަބަބުން އޭޑްސްގެ ނުރައްކާވެސް ދަނީ އިތުރުވަމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިބައްޔާއި ގުޅިގެން ރާއްޖޭގައި ކުރެވުނު ދިރާސާތަކުން، ރާއްޖޭގައި މި ބަލި ފެތުރިގެން ދިޔުމަށް މަގުފަހިވާ ފަދަ އާދަތައް ފެންނަންއެބަހުރި ކަމަށެވެ. އެހެންކަމުން އޭޑްސްއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ރާއްޖޭގައި މިބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކުން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މިނިސްޓަރު ނަސީމް ގޮވާލެއްވިއެވެ. އަދި މިހާރުވެސް އެފަދަ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިބައްޔަށް ދެވޭ ފަރުވާ އާއި، ފަރުވާއަށް ބޭނުންވާ އެހެނިހެން ވަސީލައްތައް ހަމަޖައްސާފައިވަނީ ސަރުކާރުގެ ފަރާތުން ހިލޭ ފޯރުކޮށްދެވޭ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ، ކޮވިޑުގެ މިހާލަތާއި ގުޅިގެން އޭޑްސް ބަލި މީހުންނަށް ބޭނުންވާ ފަރުވާގެ ކަންތައް ލުއި ފަސޭހަގޮތެއްގައި ލިބޭނެގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ނަސީމްގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ، އޭޑްސްގެ ބަލިމީހުންނާ ދޭތެރޭ ދެކޭގޮތާއި ތަފާތުކުރުން މުޖުތަމައުން ނައްތާލާ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖެއަށް ލިބިފައިވާ "މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ ޖެހުން ނައްތާލެވިފައިވާ ގައުމެއްގެ" ނަން އެ ގޮތުގައި ދެމެހެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ.
މިއަހަރުގެ އޭޑްސް ދުވަހުގެ ޝިއާރަކީ "ގްލޯބަލް ސޮލިޑަޓަރީ، ޝެއާޑް ރެސްޕޮންސިބިލިޓީ" މިއެވެ. ބައިނަލްއަގްވާމީ ފެންވަރުގައި މިޝިއާރު ކަނޑައަޅާފައިވަނީ މިހާރު މުޅިދުނިޔެއަށް ދިމާވެފައިވާ، ކޮވިޑް 19 ގެ ހާލަތާ ގުޅުވައިގެންނެވެ.