ފްރާންސްގެ މަޝްހޫރު އަންހެން ރެފްރީ ސްޓެފަނީ ފްރަޕާޓް ރެފްރީކަން ކުރާނީ ޗެމްޕިއަންސް ލީގުގައި މާދަމާރޭ ޔުވެންޓަސްއާ ޑައިނަމޯ ކިއޭވް ވާދަކުރާ މެޗުގެއެވެ.
ޗެމްޕިއަންސް ލީގުގައި މުޅިން އަލަށް އަންހެން ރެފްރީއެއް މާދަމާ ރެފްރީކަން ކުރަން ހަމަ ޖެހުނު ނަމަވެސް މީގެ ކުރިން ޔޫރަޕްގެ ބައެއް ބޮޑެތި މުބާރާތްތަކުގައި އަންހެން ރެފްރީން، އަދި ފްރަޕާޓާވެސްވަނީ ރެފްރީކަން ކޮށްފައެވެ.
މިދިޔަ އަހަރު ޔުއެފާ ސުޕަ ކަޕުގައި ލިވަޕޫލާ ޗެލްސީ ވާދަކުރި މެޗަކީ ފްރަޕާޓާގެ މެޗުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މެޗެކެވެ. މީގެ އިތުރުން އުމުރުން ތިރީސް ހަ އަހަރުގެ ފްރަޕާޓާވާނީ އަންހެން ވޯލްޑްކަޕުގައިވެސް ރެފްރީކަން ކޮށްފައެވެ.