މިދިޔަ އަހަރުގެ މި މުއްދަތުގައި އޮސްޓްރިއާ ގައި ވަޒީފާ ނެތް މީހުންގެ އިންސައްތަ 7.4 ގައި ހުރުމަށް ފަހު މި އަހަރުގެ ނޮވެމްބަރު މަހުގައި އެ އަދަދު ވަނީ 9.5 އިންސައްތަ އަށް އިތުރުވެފަ އެވެ. އެއާއިއެކު އެ ގައުމުގެ އާބާދީގެ ތެރެއިން 457،197 މީހުންނަކީ އެއްވެސް ވަޒީފާއެއް އަދާކުރަމުން ނުދާ މީހުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޮސްޓްރިއާގެ ލޭބާ މިނިސްޓަރު ކްރިސްޓީން އޭޝްބާކާ ވިދާޅުވީ އެ ގައުމުގައި ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ކަމަށާއި، އެގޮތުން މިދިޔަ މަހާއި އަޅާ ބަލާއިރު، އެ އަދަދު 33،000 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ ތެރެއިން 13،000 މީހުންގެ ވަޒީފާ ނެތިފައި ވަނީ ސީޒަަނަލް ކަންތައްތަކުގެ ސަބަބުން ކަމަށެވެ.
ލޮކްޑައުންގެ ސަބަބުން އޮސްޓްރިއާގައި އެންމެ ބޮޑު ތާށިކަމެއް އުޅެނީ ހޮސްޕިޓަލިޓީ ސިނާއަތުން ކަމަށްވާ އިރު، އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވަޒީފާ ގެއްލުނު މީހުންގެ އަދަދު 43 އިންސައްތަ އަށް އިތުރުވެފައިވާ އިރު، އޭގެ ފަހަތުން ވަޒީފާ ގެއްލުނު މީހުންގެ އަދަދު އެންމެ ގިނައީ އެ ގައުމުގެ ދަތުރުފަތުރު ކުރުމުގެ ސިނާއަތުގަ އެވެ. އެއީ 41 އިންސައްތަ އެވެ.
އޮސްޓްރިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހަލުވިކަމާއި އެކު އިތުރުވަމުން ދިއުމުގެ ސަބަބުން، އެ ގައުމުގެ ސަރުކާރުން ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ދެވަނަ ފަހަރަށް އެ ގައުމު ލޮކްޑައުން ކޮށްފަ އެވެ. އަންނަ ހޯމަ ދުވަހު އަލުން އެ ގައުމު ހުޅުވައިލާ އިރު، އެންމެ ފުރަތަމަ ހުޅުވައިލާނީ ފިހާރަތަކާއި ސްކޫލްތައް ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ.
އޮކްޓޯބަރު މަހުން ފެށިގެން ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދިޔަ އޮސްޓްރިއާ މިދިޔަ މަހުގެ 17 ވަނަ ދުވަހު ލޮކްޑައުން ކުރުމަށްފަހު ދުވާލަކު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ.
މިހާތަނަށް އޮސްޓްރިއާ އިން 282،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 3،100 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.