އޭނަ ޓްވީޓާގައި އެކަން ހާމަ ކުރަމުން ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވިގެން ހެދި ޓެސްޓް ތަކުން އިއްޔެ އޭނަ ޕޮޒިޓިވްވެފައިވާ ކަން އެނގިފައިވާ ކަަމަށެވެ. އަދި މިވަގުތު ހުރީ އައިސޮލޭޝަންގައި ކަމަށާއި އެނާގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފައިވެއެވެ.
ސަނީ ޑިއޯލް ވަނީ އެންމެ ފަހުން އޭނައާއި ބައްދަލުވި އެންމެން އަމިއްލައަށް އައިސޮލޭޓްވެ، ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އެދިފައެވެ.
އޭނަ މިވަގުތު ހުރީ ކޮޑުހުޅުގެ އޮޕަރޭޝަނެއްކޮށް ފަރުވާ ހޯދުމަށްޓަކައި ކޮލްކަތާގައެވެ. އަދި އޮޕަރޭޝަން ކުރެވި ރަނގަޅު ވަމުން އަންނާތީ އޭނައާއި އޭނަގެ އާއިލާ އޮތީ މުމްބައީއަށް އެބުރި އައުމަށް ނިންމާފައެވެ. އެހެންނަމަވެސް އޭނަ ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު އެ ދަތުރު ފަސްކުރަން މިހާރު ވަނީ މަޖުބޫރުވެފައެވެ.
މިފަހުން ވަނީ މަޝްހޫރު އެކްޓަރު ސަލްމާން ހާންގެ މެނޭޖަރު ޖޯޑީ ޕަޓޭލްވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އޭނަގެ ދެ ސްޓާފަކުވެސް ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން މިވަގުތު ސަލްމާންގެ މުޅި އާއިލާ ތިބީ އައިސޮލޭޝަންގައެވެ.
ތިން ސްޓާފަކު ޕޮޒިޓިވްވެ ސަލްމާންގެ މުޅި އާއިލާ 14 ދުވަހުގެ އައިސޮލޭޝަނެއްގައި ތިބިއިރު ސަލްމާ އާއި ސާލިމްގެ ވެޑިން އެނިވާސަރީއަށް އެ އާއިލާ ދިޔައީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް މިހާރުގެ ހާލަތަށް ބަލައި އެ ސެލެބްރޭޝަން ލަސްކުރާނެ ކަމަށް ބެލެވެއެވެ.
އަދި މި ދުވަސްކޮޅަކީ ސަލްމާންގެ މަޝްހޫރް ރިއާލަޓީ ޝޯ ބިގްބޮސް ވެސް ކުރިއަށް ދާ ދުވަސްކޮޅެއް ކަމުން ސަލްމާން ކުއްލި ގޮތަކަށް އައިސޮލޭޓް ވާންޖެހުމާއިއެކު ބިގްބޮސްގެ ޝޫޓިންއަށް ވެސް ވަނީ ބުރޫއަރާފައެވެ.