ads
ލަންކާ ސަރަހައްދުގައި އުފެދިފައިވާ ތޫފާން--
ތޫފާން ހުރީ ކެލާގެ އިރު އުތުރުން 770 ކިލޯމީޓަރު ދުރުގައި!
ތޫފާން "ބުރެވި" ހުރީ ހއ. ކެލާގެ އިރު އުތުރުން 770 ކިލޯމީޓަރު ދުރުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ބާރު ގަދަވެ، ތޫފާނަކަށް ބަދަލުވެ، އޭގެ އަސަރު ރާއްޖެއަށް ބުރާސްފަތި ދުވަހު ކުރަން ފަށާނެކަމަށް މެޓް އޮފީހުން ހާމަކުރީ އަންގާރަ ދުވަހު އެވެ. 

ތޫފާނާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ސީއެންއެމް އާއި ހިއްސާކުރަމުން މެޓް އޮފީހުން ބުނީ ތޫފާން ވަނީ ރޭގެ 10:30 އާއ 11:30 އާ ދޭތެރޭގެ ވަގުތެއްގައި ސްރީލަންކާގެ އުތުރުގެ ސަރަހަައްދުން ހުޅަނގަށް ދަތުރުކޮށްފައި ކަމަށާއި މިވަގުތު ތޫފާން އޮތީ ސްރީލްކާއާއި އިންޑިއާއާއި ދޭތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. އަދި ތޫފާނުގެ ބާރުމިނަކަށް އެއްވެސް ބަދަލެއް އައިސްފަ ނުވާކަމަށް މެޓުން ބުނެއެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާތަކުން ލަފާ ކުރާ ގޮތުގައި މިއަދު ހަވީރާއި މިރޭގެ ވަގުތެއްގައި އިންޑިއާގެ އަށްސޭރިފަށަށް އެ ތޫފާން އަރާނެއެވެ.

އެ ތޫފާނާއި ރާއްޖެއާއި ހުރި ދުރުމިނަށް ބަލާއިރު، ތޫފާން މިވަގުތު ހުރީ ހއ. ކެލާގެ އިރު އުތުރުން 770 ކިލޯމީޓަރު ދުރުގައި ކަމަަށާއި ތޫފާން މިހާރު ވަނީ ކުޑަކޮށް ހުޅަނގަށް ޖެހި، ހުޅަނގު ދެކުނަށް މިސްރާބު ޖަހާފައިކަމަށް މެޓުން ބުނެއެވެ. 

"މާނައަކީ އިންޑިއާގެ ސަދަން ޑިޓޮކްސް އިންޑިއާ އަދި ތަމިލްނާޑޫ ކައިރިން ގޮސް "އަރަބިއަަން ސީ" އަށް ދެ ދުވަހެއްގެ ތެރޭގައި ތޫފާން ދަތުރުކުރާނެ. އެހެންވީމާ ތޫފާން ހުޅަނގަށް ޖެހެމުން ދިޔުމާއެއްކޮށް ރާއްޖޭގެ ސަރަހައްދުގައިވެސް މިހާރު އިއްޔެއަށް ވުރެ މިއަދު ކުޑަކޮށް ވައިގަދަކޮށް މިއުޅެނީ. އެހެންނަމަވެސް އަދި އާދަޔާ ހިލާފަކަށް ވައިގަދަވެގެންނެއް ނުދޭ. ތޫފާނާއި ގުޅިގެން ކޮންމެ ވެސް ވަރަކަށް ވައިގަދަވެގެން މި އަންނަނީ. އެހެންވީމަ ތޫފާނުގެ އަސަރު މިކުރަނީ." މެޓް އޮފީހުން ބެނެއެވެ.

އެހެންކަމުން ބައެއް ހިސާބުތަކަށް ދޭތެރެދޭތެރެއިން ވިއްސާރަ ކުރާނެ ކަމަށާއި ކަނޑުތަށްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ އެދިފައެވެ. 

ތޫފާނާއި ގުޅިގެން ރޭގެ ވަގުތެއްގައި އެލާޓެއް ނެރެފައިވެއެވެ. މެޓް އިން ބުނީ އެއީ މޫސުން ގޯސްވެގެން ނެރެފައިވާ އެލާޓޭއް ނޫންކަމަށާއި އެއެލާޓަކީ، އެ ތޫފާން ހުރި މިސްރާބުގެ ދަށުން ކޮންސާން އޭރިއާއަށް ތޫފާން އައުމާއިއެކު ނެރެފައިވާ އެލާޓެއް ކަމަށެވެ. މެޓުން ބުނީ މޫސުމަށް އަންނަ ބަދަލުތަކާއިއެކު އެލާޓެއް ނެރެންޖެހިއްޖެ ހާލަތެއްގައި އެލާޓުތައް ނެރެމުންދާނެ ކަމަށާއި މިވަގުތު އެއްވެސް އެލާޓެއް ނެރެފައިނުވާ ކަމަށެވެ.

އޭގެ އިތުރުން ހުރިހާ ހިސާބަަކަށްވެސް އަވިދީފައޮތް ނަމަަވެސް ދޭތެރެ ދޭތެރެއިން ވިއްސާރަވެ، ވައިވެސް ގަދަވެ، ތޫފާންގެ އަސަރު ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހު ވެސް ކުރަމުންދާނެ ކަމަށާއި އެހެންނަމަވެސް އާދަޔާއި ހިލާފަށް ރާއްޖޭގެ މޫސުން ގޯސް ނުވާނެކަމަށް މެޓް އިން ބުނެއެވެ. 

ރާއްޖޭގެ މޫސުން 24 ގަނޑިއިރަށް ލަފާކުރާ ގޮތަށް ބަލާއިރު ހުރިހާ ސަރަހައްދަކަށްވެސް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަަމަށް މެޓުން މައުލޫމާތު ދެއެވެ. 

އޭގެ އިތުރުން ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި ހަތް ފޫޓާއި ދެމެދުގަ ކަމަށް މެޓުން ބުނެއެވެ. އެހެންކަމުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް