ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރުތައް ހަވާލުކުރީ ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަރުކާރުގެ އެކި އޮފިޝަލުން ވިދާޅުވި ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ޑަބްލިޔުއެޗްއޯ އިން އެއްވެސް އިރެއްގައި ދުބާއީގެ ކުންފުންޏާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައެއް ނުވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާގޮތުން، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ހެލްތު މިނިސްޓްރީން ދުބާއީ ކުންފުންޏާ ވެންޓިލޭޓަރު ގަތުމަށް 34.5 މިލިއަން ރުފިޔާ އަށް ހަވާލުކުރުމުގައި އެ ކުންފުންޏަކީ އެފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވަޒަންކޮށްފައި ނުވާ ކަމަށެވެ.
ޑަބްލިޔުއެޗްއޯ އިން ގަބޫލުކުރާ ސަޕްލަޔަރުންގެ ލިސްޓެއް ހެލްތު މިނިސްޓްރީއާ އެ ޖަމިއްޔާއިން ހިއްސާކޮށްފައި ނުވާ ކަމާއި ދުބާއީ ދުބާއީ ކުންފުންޏަކީ ޑަބްލިޔުއެޗްއޯ އިން ރެކޮމެންޑްކުރި ފަރާތެއް ނޫން ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
އެގޮތުން ދުބާއީގެ ކުންފުންޏަކީ ދިވެހި ސަރުކާރާއެކު މީގެ ކުރިން ވިޔަފާރީގެ މުއާމަލާތެއް ކޮށްފައިވާ ކުންފުންޏެއް ނޫނެވެ.
ކުންފުނީގެ ފަންނީ ގާބިލުކަން ދެނެގަތުމަށް މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް މީގެ ކުރިން އެ ފަރާތުން ކޮށްފައިވާ ޕްރޮޖެކްޓްތަކާއި ކުންފުނީގެ މިކަމުގެ ތަޖުރިބާ ބަޔާންކޮށްދޭ ޕްރޮފައިލެއްގެ އިތުރުން ކުންފުނީގެ މާލީ ގާބިލުކަން ވަޒަންކުރުމަށްޓަކައި ކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާނާއި މާލީ ގާބިލުކަން އަންގައިދޭ އެހެނިހެން މައުލޫމާތު ހެލްތު މިނިސްޓްރީން ހޯދާފައެއް ނުވެ އެވެ.
އޭގެ އިތުރުން ދުބާއީ ކުންފުނީގެ ވެބްސައިޓުން އެ މައުލޫމާތު ހުރިތޯބެލުމަށް ކުރި މަސައްކަތުން އެ ކުންފުނީގެ ވެބްސައިޓެއް ވެސް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.
މީގެ އިތުރުން މާދަމާގެ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައިވަނީ މުޅިންވެސް ކޮމިޓީ ރިޕޯޓު ތަކެވެ.
އަމީންގެ މައްސަލައިގެ އިތުރުން މާދަމާގެ ޖަލްސާއަށް 8 ކޮމިޓީއެއްގެ ރިޕޯޓެއް އެޖެންޑާ ކޮށްފައިވެއެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނުއުމުގެ ބިލު ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ވެސް ހިމެނެއެވެ.
މާދަމާގެ ޖަލްސާގައި މި ހުރިހާ ރިޕޯޓެއް ފާސްކުރުމަށް އަމާޒު ވަނީ ކަނޑައަޅާފައެވެ.
މިދައުރުގެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.
މިދައުރުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ނުނިމި އޮތް އެންމެ މުހިއްމު އެއްބިލަކީ ދިވެހި ފުލުހުންގެ ބިލެވެ. މިބިލުގެ މަސައްކަތްވެސް ހޯމަ ދުވަހު ނިންމުމަށް ވަނީ އަމާޒު ކޮއްފައެވެ.
ރައްޔިތުން މަޖިލީހުގެ ޖަލްސާ އެޖެންޑާކޮށްފައިވަނީ މާދަމާ ހަވީރު 4:30 ގައި ބޭއްވުމަށެވެ.