
ބްރިޓިޝް އެއާވޭސް އިން ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައިވާ އިރު، 250 ފަތުރުވެރިންނާއި އެކު އެ އެއާލައިންގެ ފްލައިޓެއް މިއަދު މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައިސްފައިވެ އެވެ.
މީގެ ކުރިން ހަފްތާއަކު ތިން ދުވަހު ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ކޮށްފައިވާ އިރު، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއްް އެއާލައިނަކީ ބްރިޓިޝް އެއާވޭސް ކަމަށްވާ އިރު، އެ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރުގައި އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން 18 އަށް ވުރެ ގިނަ އެއާލައިންތަކުން ރާއްޖެއަށް އޮޕަރޭޝަންތައް ފަށާފައިވާ އިރު، މިއަދު ކަޒަކްސްތާންގެ އަސްތާނާ އެއާގެ އިތުރުން ސީޝެލްސް އެއާ އިން ވެސް ވަނީ ރާއްޖެއަށް ދަތުރުތައް ފަށައިފަ އެވެ.
ބޯޑަރު ހުޅުވާލުމާއި އެކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވެފައިވާ އިރު، އިނގިރޭސިވިލާތުން އެކަނިވެސް 5000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.