ads
ފޮޓޯ: ޝާކްސް އެމްއެމްއޭ
މާޝަލް އާޓްސް އެސޯސިއޭޝަން އުފެދުމުން ބައިނަލް އަގުވާމީ ފެންވަރުގައި ރާއްޖެ ވާދަކުރާނެ!
މާޝަލް އާޓްސް އެސޯސިއޭޝަން އުފެދުމުން ބައިނަލް އަގުވާމީ ފެންވަރުގައި ރާއްޖެ ވާދަކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ގާއިމުކުރި ޓީޓީ ހޯލްއާއި މާޝަލް އާޓްސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ ތެރެއިން، މިއަދު ހުޅުވުނު އާ ވަސީލަތްތަކަކީ، ޓީޓީއާއި މާޝަލް އާޓްސްއަށް ޝައުގުވެރިވާ ޒުވާނުންނަށް ހުޅުވިގެންދާ ރަނުގެ ފުރުސަތުތަކެއް ކަމަށާއި މިއަދު ހުޅުވުނު ގައުމީ މާޝަލް އާޓްސް ސެންޓަރުގެ އިތުރުން، މާޝަލް އާޓްސް އެސޯސިއޭޝަނެއް، ވަރަށް އަވަހަށް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި އޭރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ވާދަކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ އެސޯސިއޭޝަން ޤާއިމުވެ، މާރޝަލް އާރޓްސްއަށް ރަސްމީ ހައިސިއްޔަތެއް ލިބުމުން، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ނަމުގައި ވާދަކޮށް، ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ވަރަށް ގިނަ ޒުވާނުން އެބަތިބިކަން އަޅުގަނޑަށް ހަމަ ޔަގީން. އެފަދަ އުންމީދީ މޫނުތަކެއް، މިތަނުންވެސް އަޅުގަނޑަށް އެބަ ފެނޭ. އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި، ރާއްޖޭގެ ކުޅުންތެރިން ހޯދި ފަޚުރުވެރި ކާމިޔާބީ އަޅުގަނޑުމެންގެ ހަނދާނުގައި މިއަދުވެސް އެބަހުރި. ޚާއްޞަކޮށް، ޓޭބަލް ޓެނިހާއި ބެޑްމިންޓަނުން ހޯދި ހަތަރު ރަން މެޑެލް އަޅުގަނޑު ފާހަގަކޮށްލަން. އޭގެ ތެރެއިން ތިން ރަން މެޑެލް ހޯދައިދިނީ، އަޅުގަނޑުމެންގެ ޒުވާން އަންހެން ޓީޓީ ޓީމު." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ވަރަށް ކުރިއްސުރެވެސް ޗެސް އެސޯސިއޭޝަނެއް އެބައޮތް. ނަމަވެސް، އެ ކުޅިވަރު ކުޅެވޭނެ ރަސްމީ އިންތިޒާމެއް، ކުޅުންތެރިން ފަރިތަކުރާނެ ރަނގަޅު ތަނެއް، މިދިޔަ އަހަރުގެ އޮގަސްޓު މަހު، ޗެސް އާކޭޑް ހުޅުވުމާ ހަމައަށްވެސް ރާއްޖޭގައި ހަމަޖެހިފައެއް ނެތް.


މިދިޔަ މަހު އޮންލައިންކޮށް ބޭއްވި، ބައިނަލްއަޤްވާމީ ޗެސް މުބާރާތް، "ސައުތު އޭޝިއަން ޗެސް ފެސްޓިވަލް ފޯ ކެޑޭޓްސް، ޔޫތު އެންޑް ޑިސޭބަލްޑް ޖޫނިއާސް 2020"ގައި ރާއްޖޭގެ ދެ ކުޅުންތެރިއަކު ވަނީ ރަން މެޑެލް ހާސިލުކޮށްފައެވެ. އެއީ، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހައެއް ގައި ކިޔަވާ، އުމުރުން 12 އަހަރުގެ މަރިޔަމް މިޝްކާ މިގްދާދާއި، ތާޖުއްދީން ސްކޫލްގެ ގްރޭޑް ނުވައެއް ގައި ކިޔަވާ، ޢުމުރުން 14 އަހަރުގެ މަރިޔަމް ލައިސާ ޢަބްދުއްރަޝީދު އެވެ. މިއީ ބައިނަލްއަޤްވާމީ ޗެސް މުބާރާތަކުން ރާއްޖެއަށް ރަން މެޑެލް ލިބުނު ފުރަތަމަފަހަރެވެ.

ރައީސް ވަނީ ސަރުކާރުން ތަރައްގީކުރާ ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޒުވާން ކުޅުންތެރިންނަށާއި، އެ ކުޅުންތެރިންގެ ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއެކު، ރާއްޖެއަށް ރީތި ނަން ހޯދައިދޭން ގަދައަޅައި މަސައްކަތް ކުރުމަށާއި ކުޅިވަރުގައި ކާމިޔާބީއާ ހަމައަށް ގެންގޮސްދޭ އެންމެ ވަރުގަދަ ބާރަކީ، ރަނގަޅު އަހްލާގެއްގެ މަތީގައި ސާބިތުވެހުރުންކަން ގަބޫލުކޮށް، ކޮންމެ ކުޅުންތެރިއަކީވެސް، ދީނީގޮތުންނާއި އަހްލާގީގޮތުން ރީތި ނަމޫނާއެއް ދައްކާ ޒުވާނަކަށްވުމަށް ރައީސް ސޯލިހް އިލްތިމާސްކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް