ads
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު-- ފޮޓޯ: މަޖިލިސް
ކައުންސިލް އިންތިހާބު ބާއްވަން ފުރުސަތުދޭން ގޮވާލައިފި
ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ކުރަން ޖެހޭ ކަންކަން ކުރަން ދައުލަތުގެ އިދާރާތަކުން އިލެކްޝަންސް ކޮމިޝަނަށް ފުރުސަތު ދިނުމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ގޮވާލައްވައިފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހުގެ މިރޭގެ ޖަލްސާއަށް ހުށަހަޅުއްވަމުން ލާމަރުކަޒީ ކޮމިޓީގެ މުގައްރަރު ނިޔާޒު ވިދާޅުވީ ކޮވިޑާއެކު ކައުންސިލް އިންތިހާބު މިހާރު އިއުލާންކޮށްފައިވާ އޮތް ތާރީހަށް ނުބޭއްވިދާނެ ކަމަށް އިލެކްޝަންސް އިން މަޖިލީހުގައި ބުނެފައިވާ ކަމަށެވެ. 

ނިޔާޒު ވަނީ އިންތިހާބުގެ ކުރިން ކެމްޕޭނު ކުރުމާއި އިންތިހާބު ބޭއްވުމަށް ކުރަންޖެހޭ އިދާރީކަންކަން ފުރިހަމަކުރުމުގެ ފުރުސަތު ދެން ނުޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. 

ނިޔާޒު ވިދާޅުވީ އިންތިހާބު އިތުރަށް ފަސްކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އެގޮތުން އިތުރަށް އެއް އަހަރަށް ވުރެ ދިގުދެމިގެންދާ ގޮތަށް އަނެއްކާ ވެސް މިހާރު ތިބި ކައުންސިލަރުން ތިބުމަކީ ނުރަނގަޅު އަސަރެއްކުރާނެ ކަމެއްކަން ފާހަގަކޮށް ވިދާޅުވީ ނިޔާޒު ވަނީ އެކަމަށް ދައުލަތުގެ އިދާރާތަކުން އެއްބާރުލުން ދިނުމަށް ގޮވާލައްވާފަ އެވެ. 

ނިޔާޒުގެ އެ ވާހަކަތާކާއެކު ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބު ބާއްވަން ކުރަންޖެހޭ ކަންކަމަށް ފުރުސަތު ދިނުމަށް މަޖިލީހުން ސިޓީއަކުން ސަރުކާރުގެ އިދާރަތަކުގައި ދަންނަވާނެ ކަމަށެވެ. ނަޝިދު އެގޮތަށް ވިދާޅުވިއިރު ކޮވިޑް-19 ގެ ސަބަބުން ފަސް ކުރި ލޯކަލް ކައުންސިލް އިންތިހާބު މާޗު ހައެއްގައި ބާއްވަން ތައްޔާރުވާކަމަށް އީސީން ބުނެ އެވެ. 

ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ އޭޕްރީލް މަހުގައި ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް އޭރު ފަސްކުރިއިރު އެއާއެކު ކެމްޕެއިން ވެސް ހުއްޓުނެވެ. އެހެންނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި އެއްގޮތަށް ސިޔާސީ ޕާޓީތަކަށް ކެމްޕެއިން ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 2،69562 އެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 4172 އަށް ވުރެ ގިނަ މީހުން ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާއިރު އޭގެ ތެރެއިން 70 އަށް ވުރެ ގިނަ ކެންޑިޑޭޓުން ނަން އަނބުރާ ވަނީ ނަގާފަ އެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކައުންސިލް އިންތިހާބު ފަސްކޮށް، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލާފައިވަނީ އިންތިހާބު ބާއްވައި، މެމްބަރުން ހުވާކުރަންދެން އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް