އެ ރިޕޯޓް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ. ރިޕޯޓް ފާސްވުމާއި ގުޅިގެން ގާނޫނޫ ނަންބަރު 5/2013 ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކުރީގެ ހެލްތް މިނިސްޓަރު އަމީންގެ މަށްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
އަދި ދައުވާކޮށްފިނަމަ ޕީޖީގެ ދައުވާއާއި ގުޅިގެން އެ ކުށުގެ އަދަބަކަށް ވާނީ 3000 ރުފިޔާއާއި 10000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސްދުވަހާއި ހަ މަސް ދުވަހުގެ މުއްދަތައް ޖަލަށް ލުމެވެ.
އެ މައްސަލައާއި ގުޅީގެން ކޮމެޓީން ހުށަަހެޅި ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި، އެމައްސަލައާ ގުޅިގެން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ލިޔުމުން ޖަވާބު ހޯއްދެވުމަށް އޭރުގެ ހެލްތް މިނިސްޓަރު އަމީންއަށް ފޮނުއްވި ސުވާލުގެ ޖަވާބާއި އޮކްޓޯބަރު 20 ގައި އޮތް ކޮމެޓީގެ ދެވަނަ ބައްދަލުވުމުގައި މިނިސްޓްރީން ދެއްވި މައުލޫމާތައް ބަލާއިރު، އެއްވެސް ތަފާތެއް ހުރިކަމަށް ކޮމެޓީން މެމްބަރުންނަށް ފާހަގަ ކުރެވިފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް، އޮގަސްޓް 16 ވަނަ ދުވަހު އޮޑިޓާ ޖެނެރަލް ނެރުއްވި "ކޮވިޑް-19 އާގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް" ގައި ބަޔާންކުރެވިފައިވާ މައުލޫމާތައް ބަލާއިރު، ކޮމެޓީން މިނިސްޓަރު އަމީންއާއި ކުރިމަތި ކުރިވި ސުވާލުތަކަށް ދެއްވާފައިވާ ޖަވާބުތައް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ހިލާފުކަން ކޮމެޓީގެ މެމްބަރުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން، ކޮމެޓީއަށް ހާޒިރުވެ، އަމީން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، ވެންޓިލޭޓަރުތައް ހޯދުމުގައި ޑަބްލިޔުއެޗްއޯ އާ ހެލްތް މިނިސްޓްރީއާ ދެމެދު ރަސްމީކޮށް މުއާމަލާތް ކުރެވުނުކަން ފާހަގަކުރައްވައި، އެ މުއާމަލާތްކުރިކަމުގެ ހެއްކެއްގެ ގޮތުން މިނިސްޓަރު ކޮމެޓީއަށް ހުށަހެޅުއްވި އީމެއިލް ކޮޕީ ކޮމެޓީން ބެލިބެލުމުން، އެ އީމެއިލްތަކުން މުއާމަލާތްކޮށްފައިވަނީ މިނިސްޓްރީގެ މުވައްޒަފަކާކަން ނުވަތަ މިނިސްޓްރީއާ ގުޅުންހުރި ފަރާތަކާކަން އެ ލިޔުމުން އެނގެން ނެތް ކަމާއި އެ ދެ ފަރާތުގެ ދެމެދުގައި އެފަދަ އެއްވެސް ރަސްމީ ލިޔުމެއްވާނަމަ އެ ލިޔުން ކޮމެޓީއަށް ހުށަހެޅުމުގެ ފުރުސަތު ކޮމެޓީން ދެވިފައި ވީނަމަވެސް ރަސްމީ އެއްވެސް ލިޔުމެއް މިނިސްޓްރީންނާއި މިނިސްޓަރުވެސް ކޮމެޓީއަށް ހުށަހަޅާފައިނުވާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.
އަދި އެމައްސަލައާއި ގުޅިގެން ސަބް ކޮމެޓީން ޑަބްލިޔުއެޗްއޯގެ ކަންޓްރީ އޮފީހުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ސާފުކޮށްފައި ނުވާނެކަން ފާހަގަކޮށް އެ މައްސަލަ ނިންމުމުގައި ރިއާޔަތްކޮށްފައިވަނީ، އޮޑިޓް އޮފީހުން ނެރެފައިވާ "ކޮވިޑް-19 އާގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް" އަށް ކަމަށް ވެސް ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓް: ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ބޮޑެތި މައްސަލަތައް!
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އިން އަހަރުގެ ދެ ވަނަ ކުއާޓާގައި ކޮށްފައިވާ ހަރަދުތައް އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެެރެފައިވާ ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓްގައިވާ ގޮތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އާ އެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރެވެ.
އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ އެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާ އަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކުރެ އެވެ.
އޮޑިޓާ ޖެނެރަލްސް އޮފީހުން ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ވެންޓިލޭޓަރު ގަތުމަށް، ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު، ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފާހަގަކޮށްފަ އެވެ. އަދި ޕާފޯމަންސް އާއި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބަލަހައްޓާފައި ނުވުމާއި، ބިޑް ކޮމިޓީން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ހިމަނާފައި ވުމާއި، އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައިވާއިރު، މި ރިޕޯޓުގެ ތާރީހާ ހަމައަށް ވެންޓިލޭޓަރު ލިބިފައި ނުވާތީ އެކަން ފާހަގަކޮށް އެކަން ތަހުގީގުކުރުމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީ އިން ފިނޭންސް މިނިސްޓްރީ އަށް ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.