ads
އައްޑޫ ފްލައިން ސްކޫލްގެ ބޯޓްތަކެއް——ފޮޓޯ: އެޑިޝަން
ފްލައިންގް ސްކޫލާ ޖެހުމުން ގާނޫނުވީ ކަނު އެއްޗަކަށް!
މީގެ ހަ އަހަރު ކުރިން، 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ރަޖިސްޓްރީކުރެވުނު ފޮރިން ޑިރެކްޓް އިންވެސްޓްމަންޓެއްގެ ދަށުން ހެދިގެން ދިޔަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ޒިންމާދާރުކަން ކުޑަކަމާއި، އެ ފަރާތް ޒިންމާކުރުވަންޖެހޭ ދައުލަތުގެ މުއައްސަސާގެ ފަރުވާކުޑަކަމުގެ ވާހަކައަކީ އާ ވާހަކައެއްނޫނެވެ.

އައްޑޫ ފްލައިންގް ސްކޫލަކީ 2001 ވަނަ އަހަރު ތަސްދީގުކުރެވުނު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ 2/2012 ދަށުން 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުންއަންނަ ސްކޫލެކެވެ. މި ގާނޫނު ބުނާގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީއަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާލިބިގަތުމުގެ ހައްގު އޮންނަ، ދިވެހިރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރާ ގުޅުންހުރި އެންމެހައި ކަންކަން ރާވާ ހިންގާ ތަންފީޒުކުރުމުގެ ގާނޫނީ ބާރު އޮންނަ ފަރާތެވެ. ސުވާލަކީ މި ގާނޫނީ ބާރު އޮތުމުންވަނީ ކީއްތޯއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގަވާއިދު ބުނާގޮތުން އެއާކްރާފްޓަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެ އެއާކްރާފްޓެއްގެ ރެޖިސްޓްރޭޝަން ބާތިލުކުރަންޖެހެއެވެ. އެއީ ތަމްރީނުގައި ބޭނުންކުރާ އެއާކްރާފްޓް ނަމަވެހެވެ. އެހެންނަމަވެސް 2018 ވަނަ އަހަރު ސިވިލް އޭވިއޭޝަނުން ފްލައިންގް ސްކޫލް އޮޑިޓްކޮށް ހެދި ރިޕޯޓުންވެސް އަދި މިއަހަރު ހެދި އޮޑިޓް ރިޕޯޓުންވެސް އެތަނުގައި ރަނގަޅު ފެންވަރުގެ އަދި ހުންނަންޖެހޭ މިންގަނޑުގެ އެއާކްރާފްޓް ނެތްކަމާއި، ހުރި އެއާކްރާފްޓްތައް ވެސް މެއިންޓެއިންކުރަމުންނުދާކަން ވަނީ ފާހަގަކޮށްފައެވެ. 

ސިވިލް އޭވިއޭޝަން ގަވާއިދުގައިބުނާގޮތުން، ކަނޑައަޅާ ގަވާއިދުތަކާއި މިންގަނޑުތަކަށްވުރެ ދަށް ފެންވަރަކަށް ހިންގާ އެއްވެސް އެއާކްރާފްޓެއް ބަލައިނުގަތުމުގެ ބާރު ސިވިލް އޭވިއޭޝަނަށް ލިބިގެންވެ އެވެ. އަދި މިކަން ދެނެގަތުމަށްޓަކައި ކޮންމެ ވަގުތަކުވެސް އިންސްޕެކްޝަން ހެދުމުގެ ބާރުވެސް ލިބިގެންވެއެވެ. އަދި މި އިންސްޕެކްޝަނަށްފަހު، ގަވާއިދާއި ހިލާފުވެފާވާކަން ފާހަގަވެއްޖެނަމަ، ހިދުމަތް ސަސްޕެންޑްކުރުން ނުވަތަ ލައިސެންސް ބާތިލުކުރުމުގެ ބާރުވެސް ލިބިގެންވެއެވެ. 2018 ވަނަ އަހަރު ހެދި އޮޑިޓް ރިޕޯޓުގައިވެސް، އަދި މިއަހަރު ހެދި އޮޑިޓް ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާގޮތުން، އެ ސްކޫލްގެ މުހިއްމު މަގާމްތަކުގައި މީހުންނެތުމުގެ ސަބަބުން 'ރިސްކް' ނަގަންޖެހިފައިވެ އެވެ. އެންމެ ކުޑަ މިނުން ހެޑް އޮފް ޓްރެއިނިންގްވެސް ނެތްކަންވަނީ ފާހަގަކޮށްފައެވެ. ސުވާލަކީ މި ރިސްކުގައި ދަރިވަރުން ކިޔަވާއިރުވެސް ސިވިލް އޭވިއޭޝަނުން އަތް ހޫރާލައިގެން ތިބެނީ ކީއްވެތޯއެވެ. 200 އަށްވުރެ ގިނަ ދަރިވަރުންނާ އެ ދަރިވަރުން ނިސްބަތްވާ އާއިލާތަކާއި، އެ ދަރިވަރުންގެ ފަރާތުން ގައުމަށް ލިބެން ހުރި ފައިދާއަށްވުރެ ބޮޑު މަސްލަހަތެއް އިސްކުރެވެނީތޯއެވެ.

އަދި މިވަރަކުން ނުނިމެއެވެ. ސިވިލް އޭވިއޭޝަން ގަވާއިދު ބުނާގޮތުން ޕައިލެޓުންނާއި އިންޖިނިއަރުންނާއި އަދި މިނޫންވެސް އެއާކްރާފްޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ބަލަދުވެރިއަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީއެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާ މިންގަނޑަކުން ފޯރުކޮށްދޭ ތައުލީމާއި ތަމްރީނަކުން ފިޔަވާ އެނޫންގޮތަކުން ހޯދާ ތައުލީމާއި ތަމްރީނު ބަލައިނުގަތުމުގެ އިހްތިޔާރުވެސް ލިބިގެންވަނީ ސިވިލް އޭވިއޭޝަނަށެވެ. މިއަހަރު ސިވިލް އޭވިއޭޝަނުންކޮށްފައިވާ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި އެތަނުގައި ސްޓޫޑަންޓް- ޓީޗާ ރޭޝިއޯއެއް ނުހިފަހައްޓައެވެ.

'އާޓީފިޝަން ލިސްޓެއް' ބޭނުންކޮށްގެން މަދު ދަރިވަރުން ކިޔަވާކަން ދައްކަން އެތަނުން މަސައްކަތްކޮށްފައިވާކަމަށް ވެސް އޮޑިޓް ރިޕޯޓުން ބުނެއެވެ. މީގެ އިތުރުން އޮޑިޓް ރިޕޯޓުގައިވެސް ދަރިވަރުންނާ ދޭތެރޭ ނާއިންސާފުން އަމަލުކުރާ ވާހަކައާއި، ނުގަވައިދުން ދަރިވަރުން ވަކިކުރަމުން ގެންދާކަންވަނީ ފާހަގަކޮށްފައެވެ. މިވަރުގެ އޮޅުވާލުމާއި މަކަރު ހަދާއިރުވެސް ސިވިލް އޭވިއޭޝަނާއި އެތަނަށް ޒިންމާވާ ޓްރާންސްޕޯޓް މިނިސްޓްރީ އިން ޒިންމާ ނަގަންނުޖެހޭ އިދާރާތަކާއި މިކަން މަތިކޮށް ބަލަހައްޓައިގެން ހުންނަނީ ކީއްވެތޯ މިއީ ސުވާލު އުފެދޭކަމެކެވެ.

މިއަހަރުގެ ޖަނަވަރީ މަހު ގެޒެޓްކޮށްފައިވާ މޯލްޑިވްސް ސިވިލް އޭވިއޭޝަން ރެގިއުލޭޝަންވެސް އެބޯތެވެ. 308 ސަފްހާގެ މައްޗަށް އޮތް މިގަވާއިދަށް އަމަލުކޮށްފިނަމަ، ފްލައިންގް ސްކޫލް ބަންދުކޮށްފާނެތާ ހަމަޔަގީނުން ދެ އަހަރުވެދާނެ އެވެ. ސުވާލަކީ، ނެތީ ގާނޫނާއި ގަވާއިދުތޯ އެވެ. ގާނޫނާއި ގަވާއިދު ހިންގަން ކެރޭވަރުގެ މިނިސްޓަރެއްތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް