ads
އަބްދުﷲ ޒިޔަތު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި ހެކިބަސް ދެއްވަނީ --
ޒިޔަތު 11 އަހަރަށް ޖަލަށް
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ޒިޔަތުގެ މައްޗަށް ދައުވާކުރަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިިވި ކަމަށް ބުނެ އެވެ. އެ 32 ދައުވާތަކުގައި ޒިޔަތު ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދު 781 މިލިއަން ރުފިޔާއަށް އަރައެވެ. 

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ކްރިމިނަލް ކޯޓުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު، އޭނާ އިއުތިރާފުވީ، ދައުލަތާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އަޑުއެހުމުގައި، ކޮންމެ ދައުވާއެއް ވަކިވަކިން އިއްވުމުން އޭނާ ވަނީ އެ ދައުވާއަކަށް އިއުތިރާފްވާ ކަމަށް ވިދާޅުވެފަ އެވެ. 

އަދި އެއިން ކޮންމެ ދައުވާއަކަށް އެއްބަސްވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި އިއުތިރާފް ވަނީ އަމިއްލަ އިހްތިޔާރުގައި ތޯ ވަކިވަކިން ގާޒީ ސުުވާލު ކުރެއްވުމުން ޒިޔަތު ވިދާޅުވީ، އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި، ދައުވާތަކަށް އެއްބަސްވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ.

ދައުވާތަކަށް އިއުތިރާފު ވަމުން ޒިޔާތު ވިދާޅުވެފައިވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުވަތަ އޭނާ އެންގެވި ފަރާތްތަކާ އެ ޗެކްތައް ހަވާލު ކޮށްފައިވާނެ ކަމަށެވެ. އަދި އެ ޗެކްތަކުން ލިބުނު އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައި ނުވާކަމަށާއި، އެ ފައިސާ އަދީބު އެންގެވި ފަރާތްތަކާ ހަވާލުކުރަމުން ދިޔައީ ސަރުކާރުގެ އެކި ކަންކަމަށް އެ ފައިސާ ހަރަދު ކުރާ ކަމަށް އަދީބު ވިދާޅުވެފައިވާތީ ކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. 

އެ މައްސަލާގައި ދައުލަތުން އެދުނީ ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއީ ހިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދަށް ބަލައި، ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށް ފަހު، އަދިި ތަހުގީގަށް ޒިޔާތު އެއްބާރުލުން ދެމުންދާތީ އަދަބުގެ ދެ ދަރަޖަ ދަށްކޮށް، ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުންނެވެ. 

އޭނާއަށް އުފުލި ކޮންމެ ދައުވާއެއްގެ ހުކުމަކީ ހަތް އަހަރާއި ދެ މަހާއި 12 ދުވަހަށް ވާއިރު، ގާނޫނުލް އުގޫބާތުގެ ދަށުން އެއް ދައުވާއަށް ވުރެ ގިނަ ދައުވާ ކުރާ ނަމަ ދެން އަންނަ ދައުވާގެ ހުކުމަކަށް ވާނީ ފުރަތަމަ ކުރާ ދައުވާގެ ދެބައިކުޅަ އެއް ބައެވެ. އަދި ދެން އަންނަ ދައުވާގެ ހުކުމަކީ ހަތަރުބައި ކުޅަ އެއް ބައެވެ. 

މި އުސޫލުގެ ދަށުން ފުރަތަމަ 12 ދައުވާގެ އަދަބު ވަނީ ލުއިކޮށްދީފަ އެވެ. އަދި 32 ދައުވާގެ ތެރެއިން ބާކީ 20 ދައުވާއަށް ހުކުމެއް އައިސްފައެއް ނުވެ އެވެ. 

ޒިޔަތުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް

1 ވަނަ ދައުވާ - 5 އަހަރާއި 7 މަސް
2 ވަނަ ދައުވާ - 3 އަހަރާއި 2 މަހާއި 12 ދުވަސް
3 ވަނަ ދައުވާ - 1 އަހަރާއި 7 މަސް
4 ވަނަ ދައުވާ - 9 މަހާއި 18 ދުވަސް
5 ވަނަ ދައުވާ - 4 މަހާއި 24 ދުވަސް
6 ވަނަ ދައުވާ - 2 މަހާއި 12 ދުވަސް
7 ވަނަ ދައުވާ - 1 މަހާއި 06 ދުވަސް
8 ވަނަ ދައުވާ - 18 ދުވަސް
9 ވަނަ ދައުވާ - 09 ދުވަސް
10 ވަނަ ދައުވާ - 04 ދުވަސް
11 ވަނަ ދައުވާ - 02 ދުވަސް
12 ވަނަ ދައުވާ - 01 ދުވަސް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް