ރައީސް އޮފީހުން ބުނީ ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެވޭ އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ މުއްދަތު މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް އިތުރުކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފުރަަތަމަ، އެލަވަންސް ދޭން ނިންމީ އޭޕްރީލް، މެއި އަދި ޖޫން މަހާ ހަމައަށް އެލަވަންސް ދޫކުރުމަށް ނަމަވެސް ހާލަތަށް ބަލާއި ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހާ ހަމައަށް އެލަވަންސް އަންނަނީ ދޫކުރަމުންނެވެ.
އިކޮނޮމިކް ރިލީފް ފަންޑުގެ ދަށުން، އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 129.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އެގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 11,072 އަށް ވުރެ ގިނަ މީހުންނަށް އެ އެލަވަންސް ދޫކޮށްފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށް ތައާރަފްކުރި މި އެލަވަންސްގެ ދެނީ ވަޒީފާ ނެތް މީހުންނަށާއި، ނޯ ޕޭ ލީވްގައި ތިބި މީހުންނާއި، މުސާރައިން ބައެއް އުނިކޮށްފައިވާ މީހުންނާއި، އާމްދަނީ ހޯދުމަށް ދަތިވެފައިވާ އަމިއްލަ ނުވަތަ ފްރީލާންސް މަސައްކަތް ކުރާ މީހުންނަށެވެ.
އިންކަމް ސަޕޯޓުގެ ގޮތުގައި ފޯރުކޮށްދެނީ މުސާރަ ނުލިބޭ ފަރާތްތަކަށް 5،000 ރުފިޔާ އަދި މުސާރައިގެ ގޮތުގައި 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެ އަދަދު ހަމަވާ މިންވަރެކެވެ.
އެ އެލަވަންސަށް ޝަރުތު ހަމަވުމަށް ކުރިމަތިލާ ފަރާތްތަކުން މިދިޔަ އަހަރުގެ އެކެއް ޑިސެމްބަރާ ހަމަޔަށް ވަޒީފާއެއްގައި މަސައްކަތްކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ.
އެ އެލަވަންސަށް ކުރިމަތިލާ ފަރާތްތަކުން، ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ކުރި އަސަރު، ޖޮބް ސެންޓަރުގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރަން ޖެހެ އެވެ.