ads
ބަލިވި މީހުންނާއި އެމީހުންގެ އެހީތެރިން-- ފޮޓޯ: އޭޕީ
ޑަބްލިއުއެޗްއޯއިން އިންޑިއާގެ "ގޮތް ނޭނގޭ" ބަލި ތަހުލީލު ކުރަނީ
އިންޑިއާގެ ދެކުނު އަންދްރަ ޕްރަދޭޝް ސްޓޭޓުގައި ގޮތް ނޭނގޭ ބައްޔެއް ޖެހި އެކަކު މަރުވެ، އެތައް ސަތޭކަ ބަޔަކަށް ފަރުވާ ދޭން ފެށުމާއެކު އެ ބަލި ދެނެގަތުމުގެ މަސައްކަތް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ފަށައިފި އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ރިޕޯޓު ކުރާ ގޮތުގައި އެ ބަލި އިތުރަށް ހޯދާ ދެނެގަތުމަށް ޑަބްލިއުއެޗްއޯގެ ޓީމެއް މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ. އޭގެ އިތުރުން އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ވެސް ދަނީ އެކަން ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ސެންޓާ ފޯ ސެލިއުލާ އެންޑް މޮލެކިއުލާ ބަޔޮލޮޖީ (ސީސީއެމްބީ) ގެ ސައިންޓިސްޓުންނާއި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ސައިންޓިސްޓުން ދަނީ މިކަމުގައި މަސައްކަތް ކުރަމުންނެވެ. 

އަންދްރަ ޕްރަދޭޝްގެ އެލޫރޫ އަވަށުން ބަލިވެ މިހާތަނަށް 450 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު، އެމީހުންގެ ލޭގެ ސާމްޕަލް ވަނީ ސީސީއެމްބީ އާއި އެއިމްސްގެ ލެބުތަކަށް ފޮނުވާފަ އެވެ. 

ސީސީއެމްބީގެ ޑައިރެކްޓަރު ރާކޭޝް މިޝްރާ ވިދާޅުވެފައި ވަނީ މީހުން ބަލިވާ ސަބަބު މިހާތަނަށް ޑޮކްޓަރުންނަށް ހޯދިފައި ނުވާ ކަމަށާއި ލޭގެ ސާމްޕަލްތަކުން ބަލާނީ އެއްވެސް އިންފެކްޝަނެއް އުޅެމުންދޭތޯ ކަމަށެވެ.

ބަލި މީހުންގެ ގައިން ގިނަ އަލާމާތްތަކެއް ދަނީ ފެންނަމުންނެވެ. އެގޮތުން މޭ ނުބައިކޮށް، ފިޓު ޖެހުމާއި، ކުއްލިއަކަށް ހޭވެރިކަން ދިޔުން ފަދަ ކަންކަން ހިމެނެ އެވެ. 

މީގެ ކުރިން ޑޮކްޓަރުން ބެލި ބެލުމުން ލޭގެ ސާމްޕަލްތަކުން އެއްވެސް އިންފެކްޝަނެއްގެ އަލާމާތެއް ނުފެނެ އެވެ. އެގޮތުން ބަލާފައި ވަނީ މަދިރިން ފެތުރޭ ޑެންގޫ އަދި ޗިކުންގުންޔާ ފަދަ އިންފެކްޝަންތަކެވެ.

މިކަން ދިމާވެފައި މި ވަނީ ކޮވިޑް-19 ގެ ހާލަތު އިންޑިއާގައި ގޯސްވެފައި ވަނިކޮށެވެ. އެގޮތުން ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ކޮވިޑް ބަލި މީހުން ތިބީ އިންޑިއާގަ އެވެ. 

އޭގެ އިތުރުން އަންދްރަ ޕްރަދޭޝްއަކީ އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އެއް ސްޓޭޓެވެ. އެ ތަނުގެ 800،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައި ވެއެވެ. 

ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ ހަފްތާ ބަންދުގައި މީހުން ބަލިވެ ފަރުވާ ދޭން ޖެހުނީ ކޮވިޑުގެ ސަބަބުން ކަމަށް ނުބެލެވެ އެވެ. އެ ސްޓޭޓުގެ ހެލްތު މިނިސްޓަރު އައްލާ ކާލީ ކްރިޝްނާ ސްރީނިވާސް ވިދާޅުވީ ބަލިވި ހުރިހާ އެންމެން ވެސް ކޮވިޑަށް ނެގެޓިވް ކަމަށެވެ. 

"މިއީ ގޮތް ނޭނގޭ ބައްޔެއް. ލެބް އެނެލިސިސް ހަދައިގެން މީގެ ހަގީގަތް ހޯދޭނީ،" ސްރީނިވާސް ވިދާޅުވެފައި ވެއެވެ.

އަންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޖާގަންމޯހަން ރެޑީ ވިދާޅުވީ މިއީ ފެން ނުވަތަ ވައި ތަގައްޔަރުވުމުގެ ސަބަބުން ދިމާވި ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށެވެ. 

އެހެން ނަމަވެސް އެ ސަރަހައްދުގެ ފެނުގެ ސާމްޕަލްތައް ވެސް ދަނީ ނަގައިގެން ޓެސްޓު ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް