ads
ބިބީ މޯލްޑިވްސް ގެސްޓްހައުސް--- ފޮޓޯ: އަގޯޑާ
ގެސްޓުހައުސް ވިޔަފާރި ކުރިން ހުރި ހިސާބަށް ދާން ދެ ތިން އަހަރު ނަގާނެ: ގޭމް
ގެސްޓްހައުސްތަކުގެ ވިޔަފާރި ކުރިން ހުރި ހިސާބަށް ދިއުމަށްޓަކައި ދެ ތިން އަހަރު ނަގާނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފި އެވެ.

ރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގެސްޓްހައުސް އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރު އިބްރާހީމް ޝިފާއު ވިދާޅުވީ ކޮވިޑް-19 ގެ ކުރީގެ ހާލަތުގައި ގެސްޓްހައުސްތައް ހުރި ހިސާބަށް ދާން މަދުވެގެން ދެ ތިން އަހަރު ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން ވަކި ހަމަތަކެއްގެ މަތިން ގެސްޓްހައުސްތަކުން ހިދުމަތް ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ހުއްދަދީފަ އެވެ. އެއާއި އެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ގެސްޓްހައުސްތަކުން ހިދުމަތްދެމުން އަންނާތީ މިއީ އުންމީދީ މަންޒަރެއްކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ގެސްޓްހައުސްގެ ސިނާއަތް ކުރިއަރަމުންދާނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުން އިހު ހުރި ހިސާބަށްދާން ދެ އަހަރު ނުވަތަ ތިން އަހަރު ނަގާފާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ސިނާއަތު ހުޅުވައިގެން ކުރިއަށްދާ ކަމަށް ވަންޏާ މަޑުމަޑުން ތެދުވަން ފެށޭނެ ކަމަށް މި ބަލަނީ މި އަންނަ އަހަރު. އެކަމަކު އިހު ރުހި ހިސާބަށް އަޅުގަނޑުމެން ދާ ކަމަށް ވަންޏާ ދެ އަހަރު ނުވަތަ ތިން އަހަރު ނަގާފާނެ." ޝިފާއު ވިދާޅުވި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގެސްޓްހައުސްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ގެސްޓްހައުސްތައް ހިންގާ ބައެއް ފަރާތްތަކަށް ގެއްލުން ލިބި، އަލުން ގެސްޓްހައުސްތައް ހުޅުވުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވައި ޝިފާއު ވިދާޅުވީ މި ދަތިތަކަށް ހައްލެއް ލިބޭތޯ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި އެކު މަޝްވަރާކުރަމުންދާ ކަމަށެވެ.

"ގެސްޓްހައުސް އެސޯސިއޭޝަނުން އަޅުގަނޑުމެން އެބަ މަޝްވަރާ ކުރަން އެކަމަކު ބޮޑެތި އެންމެ ދަތިވެފަ ހުރި ކަންކަމަށް އަދި މާބޮޑު ކުރިއެރުންތަކެއް ނުލިބި ދަނީ." ޝިފާއު ފާހަގަކުރައްވާފައިވެ އެވެ.

ގެސްޓްހައުސް ވިޔަފާރި އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިއްމު ވިޔަފާރިއަކަށްވެފައިވާ އިރު، އެ ވިޔަފާރި އާއި ސީދާ 6،000 ވަޒީފާ ގުޅިފައި އެބަ އޮތެވެ.

އަންނަ ހަފްތާގެ ހޯމަ ދުވަހުގައި މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވައިލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ރޭ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް