ads
ކޮރަޕްޝަނުގެ މައްސަލަތަކަށް އިންސާފު ހޯދަން ރައްޔިތުން ބޭނުންވޭ--
ކޮރަޕްޝަނާ ދެކޮޅު ހަނގުރާމަ، ރައްޔިތުންނަށް ދައްކާ ދަޅައެއް؟
ކޮރަޕްޝަނާއި ނަހަމަ ނުފޫޒުގެ ދަލުގައި ރާއްޖެ ޖެހިފައި ވާތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ހާމައަށް ކޮރަޕްޝަނުގެ ކުޅިގަނޑު ކުޅުނު ދުވަސްވަރެއް މީގެ މަދު އަހަރުތަކެއް ކުރިން ދިމާވި އެވެ. މިހާރު ދިމާވެފައި މިވާ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރެއިން ވެސް ތުންތުން މަތިން ދެކެވެނީ ބައެއްގެ ޖީބަށް ބަރު ކުރަމުންދާ ކަމުގެ ވާހަކަ އެވެ.

ކޮރަޕްޝަނަކީ ކޮން އެއްޗެއް ކަމެއް އިހު ޒަމާނުގަައި އޮންނަނީ ވަކިނުވެފަ އެވެ. ބޮޑު މީހާއަށް ވައިޖަހައިގެން ކަން ކުރާ އުސޫލު ހަރުލާފައި ވުމުން، އެއީ މާ ބޮޑު މައްސަލައެއްގެ ގޮތުގައި ބެލެވިފައެއް ނޯވެ އެވެ. ނަމަވެސް "ހަކުރު ދެންޏާ ބޮޑުބޭބެ" އަދި ކެޔޮކޭ ވަރު އިނގޭނީ ބިތުފަންގި ނެގީމަ" އޭ ބުނާ ބުނުން ފަދަ ބަސްތަކުން ކާބަފައިންގެ ތެރޭގައި ވެސް މިކަމުގެ ކަންބޮޑުވުން އޮތް ކަން އެނގެ އެވެ. 

ކޮރަޕްޝަނުގެ ނުބައި ރޯޅި އެނބުރެމުން ގޮސް ކޮރަޕްޝަނަކީ މައްސަލައެއް ނޫން ކަމަށް މީގެ އަހަރުތަކެއް ކުރިން ބައެއް މީހުންނަށް ހީވި އެވެ. ކަމެއް ޖެހުމުން ކޮންމެ މީހަކު ވެސް ގޮސް އުޅުނީ "ބްރޯ" ކައިރިއަށެވެ. ހިފެހެއްޓުމެއް ނެތި "ބްރޯ" ގެ ފައިސާތައް ބަހަމުން ދިޔަ ގޮތުން ވެސް މިކަމުގައި ނުބައެއް އުޅޭ ކަން އެއީ އެންމެންނަށް އެނގެން އޮތް ބޮޑު ސިއްރެކެވެ. 

އެ ކަންތައްގަނޑު ހުޅު ބޮޑުވަމުން ގޮސް މުޅި ތަނަށް ފެތުރި އަނދާ އަޅިއަށް ވި އިރު ލިބޭނެ ގެއްލުމެއް ލިބި ނިމިއްޖެ އެވެ. ދިވެހި ރައްޔިތުންގެ ހަޒާނާއިން 1.4 ބިލިއަން ރުފިޔާ ވީ ގޮތެއް ނޭނގި ގެއްލިއްޖެ އެވެ. ފައިސާ ބެހި މީހުންނާއި އޭގައި ހިފި މީހުންގެ ނަންތައް ބާރު ސްޕީޑުގައި ދައުރުވި އެވެ. ނަމަވެސް އެއް ވެރިކަން ނިމި އަނެއް ވެރިކަން އައިސް ތިންވަނަ އަހަރު ފަށައިގެން ދާއިރު، ލިބުނު އިންސާފާ މެދު ރައްޔިތުން މާ ހިތްހަމައެއް ނުޖެހެ އެވެ.

ރައްޔިތުންގެ ހަޒާނާއިން ގެއްލުނު އެ ފައިސާތައް ކޮބާ ހެއްޔެވެ؟ ފައިސާ ބެހި މީހުންގެ ބޮޑުންނާ ދައުލަތުން އެއްބަސްވުން ހަދާ ކޯޓުން ޖަލު ހުކުމްތައް އިއްވި ނަމަވެސް އެމީހުން ތިބީ އަމިއްލަ ގޭގެ ފިނި ކޮޓަރީގެ މަދު ގޮދަޑިތަކުގައި ނިދާށެވެ. މިއީ ލިބެމުންދާ އިންސާފާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ އެއް ސަބަބެވެ. 

ބައެއް މީހުން ސިފަކުރާ ގޮތުގައި އެމްއެމްޕީއާރްސީ ހިޔާނާތަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކައަކީ ރައްޔިތުންނަށް ދައްކާ ދަޅަ އެކެވެ. ކޮރަޕްޝަނާއި އިންސާފު ހޯދުމާ މެދު ރައްޔިތުންގެ މެދުގައި އެހާވެސް އިތުބާރު ކުޑަ އެވެ. 

މިހާރު ކުރިމަތިވެގެން މި އުޅޭ ބަލިމަޑުކަމުގެ ތެރެއިން ކޮރަޕްޝަނުގެ އަމަލެއް ހިންގަފާނެ ކަމަށް މީހަކު ހީ ނުކުރާނެ އެވެ. އެކަމަކު އެއީ ވެސް ކުށް ހީ އެކެވެ. ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ހިންގި ޖަރީމާ އޮތީ ހާމައަށް ފެންނާށެވެ. މިކަމުގައި މިހާތަނަށް އިންސާފުގެ ކޮޅުމަތި ވެސް އަދި ނުފެނެ އެވެ. 

"... ކޮވިޑް-19 ބަލިމަޑުކަމުގެ ތެރެއިން ލިބުނު އެންމެ މުހިއްމު އެއް ފިލާވަޅަކީ ކިތައްމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަމެއްގައި ވެސް ކޮރަޕްޝަނުގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތު ކަމެއް ނެތި ރައްޔިތުންގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަން ފަސް ނުޖެހޭނެ ކަމެވެ،" މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ދެއްވި ހިތާބުގައި ވިދާޅުވެފައި ވެއެވެ.

ކޮންމެއަކަސް މި މައްސަލަތަކާ ހުރެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް ބަޔަކީ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މިނިވަން، މުސްތަގިއްލު އެންޓި ކޮރަޕްޝަން ކޮމިޝަން އެވެ. ރައްޔިތުންގެ ގިނަ ބައެއްގެ ފާޑުކިޔުމުގެ އިތުރުން ސަރުކާރުގެ ބައެއް ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ގޯސް ކުރަނީ އޭސީސީ އެވެ. 

ކޮރަޕްޝަން ހުއްޓުވުމަށް ނިޒާމީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭސީސީގެ ރައީސް މިއަދު ދެއްވި ހިތާބުގައި ވިދާޅުވެފައި ވާއިރު، އެ ބަދަލުތައް ގެނެސްގެން ނަމަވެސް ރާއްޖެ މިއަދު މި އޮތް ހާލަތުން އެހެން ހާލަތަކަށް އެބަ ގެންދަން ޖެހެ އެވެ. ބަލިމަޑުކަމެއްގެ ތެރެއިން ކޮރަޕްޝަނަށް އިތުރު ދޮރުތައް ހުޅުވޭނެ ކަން ދެނެތިބެ، ފާރަވެރިވާން ޖެހެ އެވެ. އަދި މައްސަލަތައް ތަހުގީގު ކުރުމުގައި ހަރުދަނާ އުސޫލުތައް ގެންގުޅެ، އަދަބު ދިނުމުގައި ވެސް ފުރިހަމަ އިންސާފަށް ވާސިލްވާން ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް