ads
މިދިޔަ އަހަރު މަޖިލީހުން ޖުމްލަ 37 ބިލް ފާސްކޮށްފައިވޭ
މަޖިލީހުގެ ހަޔާތުގައި ތާރީހީ އަހަރެއް
ނިމިގެން މިދާ 2020 ވަނަ އަހަރަކީ ރައްޔިތުންގެ މަޖިލީހުގައި ގިނަ މައްސައްކަތްތަކެއް ކުރެވުނު އަހަރެކެވެ. ހާއްސަކޮށް މަޖިލީހުގެ ތާރީހުގައި ކޮށްފައި ނުވާފަދަ ތަޖުރިބާތަކެއް ކުރަން ޖެހުނު އަހަރެކެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި އާ ގާނޫނުތައް ހެދުމުގެ އިތުރުން، ޒަމާނުއްސުރެ މަޖިލީހުގެ ތެރޭގައި ރައްޔިތުންގެ މަންދޫބުން ޖަހާ ސަކަރާތަށް ވެސް އާ ސޮފްހާތަކެއް ލިޔެވިގެންދިޔަ އަހަރެކެވެ.

އެގޮތުން 2020 ވަނަ އަހަރު މަޖިލީހުން ފާސްކޮށްފައިވާ މުހިންމު ބައެއް ގާނޫނުތަކުގެ ހުލާސާއަކަށް ޖެހިލުމުގެ ކުރިން 2020 ވަނަ އަހަރު މަޖިލީހުގައި ހިނގާފައިވާ ބައެއް މުހިންމު ބޮޑެތި ކަންކަމަށް ބަލާލާނަމެވެ. އެގޮތުން މުހިންމު އެއްކަމަށް މީގެ ކުރިން މަޖިލީހުގެ ތާރީހުގައި ވެސް ޖަލްސާތަށް ބާއްވާފައި ނުވާ ފަދަ ގޮތަކަށް މަޖިލީހުގެ ޖަލްސާތައް ވަނީ ބާއްވާފައެވެ. 

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ފުރަބަންދުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހިފައިވަނީ އެންމެ ފުރަތަމަ ވާޗުއަލްކޮށެވެ. މިގޮތަށް ޖަލްސާތައް ބޭއްވުމަށްފަހު، ދެވުނު ބައެއް ލުއިތަކާއިއެކު، ވަކި ހާއްސަ އުސޫލުތަކެއްގެ ދަށުން އަނެއްކާވެސް މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ފެށިއެވެ. ނަމަވެސް އެތައް ފަހަރެއްގެ މަތިން ޖަލްސާތަކުގައި އެޗްޕީއޭގެ ގައިޑްލައިނާއި ބައެއް މެމްބަރުން ހިލާފުވިކަން ފާހަގަކޮށްލެވެއެވެ. 

your imageކޮވިޑާއި ގުޅިގެން މަޖިލިސް ނުހުއްޓި ކުރިއަށް ގެންދިޔުމަށް މަޖިލިސް އޮންލައިންކޮށް ކުރިއަށް ގެންދިޔަ-

ހާއްސަކޮށް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އާ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ޖޫންމަހުގެ ދެވަނަ ދުވަހުގެ ދަންވަރު ބޭއްވުނު ޖަލްސާ ފާހަގަކޮށްލެވެއެވެ. ގައިޑްލައިންތަކާއި މުޅިން ހިލާފަށް މަޖިލީހުގެ ތަޅުމުގައި އެއްވެސް ގައިދުރުކަމެއް ނެތި ހަމަނުޖެހުން ހިނގައި، ބައެއް މެމްބަރުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. 

ހާއްސަކޮށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވުމުން އޭނާ ނެރުމުގައި ހިނގި ހަމަނުޖެހުމުގައި އޭނާއަށް އަނިޔާތަކެއްވެ އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮޮމިޓީން ވެސް ވަނީ ބަލާފައެވެ.

ޖުމްލަ 37 ބިލް

2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ މަސައްކަތްތަކަށް ޖުމްލަކޮށް ބަލާއިރު، އަލަށް ފާސްކުރި ގާނޫނުތަކާއި ގާނޫނަށް ގެންނަން ފާސްކުރި އިސްލާހުތަކާއިއެކު 37 ބިލެއް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މީގެ ތެރެއިން 25 ބިލެއް މިހާތަނަށް ރައީސް ވަނީ ތަސްދީގު ކުރައްވާފައެވެ. 

your imageމިހާތަނަށް މަޖިލީހުން ފާސްކުރި 25 ބިލް ރައީސް ތަސްދީގުކޮށްފައިވޭ

މީގެ ތެރެއިން ފާހަގަކޮށްލެވޭ ބިލްތަކުގެ ތެރޭގައި އިންތިގާލީ އިންސާފުގެ ބިލާއި ޖިނާއި އިޖުތާރުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ބިލާއި، އަދި ފުލުހުންގެ ހިދުމަތުގެ ބިލު ހިމެނެއެވެ. އަދި ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން، ސުޕްރީމް ކޯޓުގެ ލަފާގެ މަތީން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނެސް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނުވެސް ފާސްކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. 

އިންތިގާލީ އިންސާފުގެ ބިލް

އިންތިގާލީ އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ވެސް މެއެވެ.

އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. ބިލު ހުށަހެޅުނުއިރު އެ ބިލަކީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް އެކުލަވާލި ބިލެކެވެ. 

ނަމަވެސް ބިލުގެ މަސައްކަތް ނިންމާލީ، އިންތިގާލީ އިންސާފު ހޯދުމުގެ މުއްދަތު އިތުރު ކުރުމަށް ފަހު އެވެ. އެގޮތުން 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ބަދަލުގައި އެ މުއްދަތު، 1953 އަށް ބަދަލުކުރިއެވެ. އަދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމުކޮށް، އެ އޮފީހާއި މަސްއޫލިއްޔަތުތައް މަތިކުރުމަށް އެ ބިލުގައި ކަނޑައަޅާފައިވެއެވެ. 

ފުލުހުންގެ ހިދުމަތުގެ ބިލު

ސަރުކާރު ހިންގާ މައި ޕާޓި އެމްޑީޕީގެ ޝައުގުވެރިކަން އެންމެ ބޮޑަށް އޮތް އެއް ބިލަކީ މިއީއެވެ. ބިލުގެ މައިގަނޑު އެއް މަގްސަދަކީ 7 ފެބްރުއަރީގައި ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި ފުލުހުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ހޯދައި އެ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމެވެ. 

އެގޮތުން ބިލްގައިވާ ގޮތުން ފުލުހުންގެ ބޯޑު އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި ސުޕްރިޓެންޑެންޓުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުންގެ ބޯޑުން ބަލާއި އެ ފަރާތްތައް މަގާމުން ދުރުކުރުމާއި މެދު ގޮތެއް ނިންމަން ޖެހެ އެވެ. 

ފުލުހުންގެ ބޯޑުން ބަލާއި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލަތަކާއި އަދި ފުލުހުންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެވެ. 

ޖިނާއި އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުން

ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ޖިންސީ ގޯނާކުރުމާއި ރޭޕްކުރުން ހިމަނާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ނިންމީ ނިމިދިޔަ 2020 ވަނަ އަހަރުގެ މަޖިލީހުގައެވެ. 

އެގޮތުން ޖިނާއީ ބޮޑު ކުށުގެ ގޮތުގައި 11 ކުށެއް ކަނޑައަޅާއި، ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރަން ޖެހޭ ގޮތަށް އެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކުރިއެވެ. 

މި އިސްލާހުގެ ދަށުން ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައެޅުނު ކަންތައްތަކުގެ ތެރޭގައި މީހުން މެރުމާއި، ރޭޕް ކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ފާހަގަކޮށްލެވެއެވެ. 

އިސްވެ ބަޔާންކުރެވުނު ކަންތައްތަކުން ވެސް 2020 ވަނަ އަހަރަކީ މަޖިލީހުގައި ގިނަ މައްސައްކަތްތަކެއް ކުރެވުނު އަދި ހާއްސަކޮށް މަޖިލީހުގެ ތާރީހުގައި ވެސް ކޮށްފައި ނުވާ ފަދަ ތަޖުރިބާތަކެއް ކުރަން ޖެހުނު އަހަރެއްކަން ހާމަވެއެވެ. މިއަހަރުގެ ތިންވަނަ ދައުރު ނިމި މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އަންނަ އަހަރުގެ ފުރަތަމަ ދައުރު ފެށޭނީ ފެބްރުއަރީ މަހުއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް