ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓަކީ ބައިނަލްއަގްވާމީ ފެންވަރުގެ އެއާޕޯޓަކަށް ހަދާ، ކާޑެއްދޫ އާއި ގދ. ތިނަދޫ ބްރިޖަކުން ގުޅުވާލާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

Advertisement
ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓަކީ ބައިނަލްއަގްވާމީ ފެންވަރުގެ އެއާޕޯޓަކަށް ހަދާ، ކާޑެއްދޫ އާއި ގދ. ތިނަދޫ ބްރިޖަކުން ގުޅުވާލާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.
ސަނީފްގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޢުނީ އާއި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީ ރޭގެ ވަގުތެއްގައި މުލިއާގޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުކުރެއްވުމާ ގުޅިގެން ސަނީފް މިއަދު ސީއެންއެމްއަށް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ސޯލިހު ވަނީ ކޮންމެ ރަށަކަށް ވެސް ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންފައި ކަމަށެވެ.
ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަަރައްގީ ކުރުން ނުވަތަ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމާއި އެ ރަށުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމުގެ އިތުރުން ރިހެބިލިޓޭޝަން ސެންޓަރެއް ތަރައްގީ ކުރުމުގެ ވައުދު ވެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
ސަނީފް ވިދާޅުވީ އެ ކަންކަމާއި ގުޅިގެން ތަފާތު އެކި ގޮތްގޮތަށް އަޑުތައް ފެތުރެމުން ދާތީ ތިން މެމްބަރުން ވެސް ރައީސް ސޯލިހުއާ ބައްދަލުކުރައްވާ، ކަންކަން ޔަގީންކުރަން ބޭނުންވި އެވެ.
އެގޮތުން އިންޓަނޭޝަނަލް އެއާޕޯޓް އަޅާނެ ތަނެއް ހުރިހާ ފަރާތްތައް މަޝްވަރާ ކުރުމަށް ފަހު ނިންމުމަށް ރައީސް އެދިވަޑައިގެންނެވިކަން ފާހަގަކުރައްވާ ސަނީފް ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ނިންމީ މަޑަވެއްޔާއި ހޯޑެއްދޫގެ ރައްޔިތުން ވެސް ބާކީ ނުކުރުމަށް ކަމަށެވެ.
އެހެން ނަމަވެސް ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރިޔަސް، ތިނަދޫ އާއި އެރަށް ގުޅުވާލުން ވެސް އެ މަސައްކަތުގެ ދަށުން ހިމެނޭ ކަމަށް ސަނީފް ފާހަަގަ ކުރައްވި އެވެ.
މި ދައުރުގެ ތެރޭގައި އެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވިކަން ފާހަގަކުރައްވަމުން ސަނީފް އިތުރަށް ވިދާޅުވީ ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަަމަށެވެ.
ކާޑެއްދޫ އާއި ތިނަދޫ ގުޅާލަން ނިންމިއިރު ލޯންޗެއްގައި އެ ދެމެދު ދަތުރު ކުރަން ނަގަނީ ހަތްވަރަކަށް މިނެޓެވެ. އަދި ފެރީއެއްގައި ނަމަ ނަގަނީ 15 ވަރަކަށް މިނެޓެވެ.