އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިިވި ކަމަށް ބުނެ ޒިޔަތުގެ މައްޗަށް އުފުލި 32 ދައުވާއަށް އޭނާ އެއްބަސްވުމާއެކު ދައުލަތުގެ ފަރާތުން އެދުނީ އޭނާއަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ކްރިމިނަލް ކޯޓުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު، އޭނާ އިއުތިރާފުވީ، ދައުލަތާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އަޑުއެހުމުގައި، ކޮންމެ ދައުވާއެއް ވަކިވަކިން އިއްވުމުން އޭނާ ވަނީ އެ ދައުވާއަކަށް އިއުތިރާފްވާ ކަމަށް ވިދާޅުވެފަ އެވެ.
އަދި އެއިން ކޮންމެ ދައުވާއަކަށް އެއްބަސްވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި އިއުތިރާފް ވަނީ އަމިއްލަ އިހްތިޔާރުގައި ތޯ ވަކިވަކިން ގާޒީ ސުުވާލު ކުރެއްވުމުން ޒިޔަތު ވިދާޅުވީ، އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި، ދައުވާތަކަށް އެއްބަސްވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ.
ދައުލަތުން ކުރި 32 ދައުވާގައި ބުނެފައި ވަނީ 781 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް ފައިސާއެއް އޭނާއަށް ނުލިބޭ ކަމަށް ވެސް ވެސް ޝަރީއަތުގައި ޒިޔަތު ވިދާޅުވި އެވެ. އަދި އަދީބު ނުވަތަ އޭނާ އެންގެވި ފަރާތްތަކާ އެ ޗެކްތައް ހަވާލު ކޮށްފައިވާނެ ކަމަށާއި އެ ފައިސާ އަދީބު އެންގެވި ފަރާތްތަކާ ހަވާލުކުރަމުން ދިޔައީ ސަރުކާރުގެ އެކި ކަންކަމަށް އެ ފައިސާ ހަރަދު ކުރާ ކަމަށް އަދީބު ވިދާޅުވެފައިވާތީ ކަމަށެވެ.
މިމަހުގެ ހަތް ވަނަ ދުވަހު ދައުލަތުން އެދުން ގޮތަށް ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު އެ ހިސާބަށް އޭނާ ހުންނެވީ ގޭގަ އެވެ. އެހެންނަމަވެސް ހުކުމް އިއްވުމާއެކު ޒިޔަތު މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން މިވަނީ ހާމަކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތަކަށް ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން އިއުތިރާފްވިއިރު އެއާއެކު އަދީބުގެ މައްޗަށް ވެސް އިއްވީ 20 އަހަރުގެ ހުކުމެކެވެ. އެހެންނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން އަދީބު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.