ads
ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން
މައްސަލަތައް ލަސްވުމުން ހުށަހަޅާ ޝަކުވާތައް ބަލާނެ މިންގަނޑު ޖޭއެސްސީން ކަނޑައަޅައިފި
ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ލަސްވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާ ޝަކުވާ ބެލުމުގައި ޖޭއެސްސިއިން އަމަލުކުރާނެ މަންގަނޑު ކަނޑައަޅާ އާންމުކޮށްފި އެވެ.
Advertisement

ޖޭއެސްސީން ބުނެފައިވަނީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި، ކޮންމެ ފަނޑިޔާރަކުމެ އެފަނޑިޔާރަކު ބެލުމަށް ހަވާލުކުރެވިފައިވާ ހުރިހާ މައްސަލަތައް ލަސްނުކޮށް ބަލައި ނިންމުމަށް މަސައްކަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވުމާއެކު، މައްސަލަތަށް ލަސްނުކޮށް ނިންމުމުގައި ފަނޑިޔާރުގެ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކޮށްފައިވޭތޯ ބެލުމުގައި ޖޭއެސްސީން ރިއާޔަތްކުރާނޭ މިންގަނޑު ނޮވެމްބަރު 30 ގައި ޝާއިއުކޮށް ޖެނުއަރީ އެކަކުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. 

އެގޮތުން އެފަދަ މައްސަލަތައް ބެލުމުގައި ޖޭއެސްސީން އަމަލުކުރާނެ މިންގަނޑުގައި ވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައި ނުވާނަމަ، އެކަން ސަބަބާއެކު ކޯޓުގެ ނުވަތަ ދާއިރާގެ އިސް ފަނޑިޔާރަށް އަންގާފައިވޭތޯ އާއި އެގޮތަށް އެންގުމަށް ފަހު އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލަ ކުރިއަށްދާ މިންވަރާ ބެހޭގޮތުން އެ ފަނޑިޔާރަކު މަދުވެގެން މަހަކު އެއްފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދެމުން ގޮސްފައިވޭތޯ ބެލުމާއޮ އަދި އިސް ފަނޑިޔާރުނަމަ، އެ ކޯޓުގެ ނުވަތަ ދާއިރާގެ ރިޕޯޓް އެކުލަވާލާފައިވޭތޯ ބެލޭނެކަމަށެވެ. 

އޭގެ އިތުރުން މައްސަލަ ނުނިމި ލަސްވާކަމުގެ ޝަކުވާ ހުށަހަޅާފައިވަނީ ޖިނާއީ މައްސަލައަކާ ގުޅިގެންނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 106 ވަނަ މާއްދާގެ (ހ) އާއި 116 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީހުތަކާއާއި ގަޑި ކަނޑައަޅައި ތާވަލު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދީފައިވޭތޯ ބެލޭނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ ޤާނޫނުގެ 36 ވަނަ މާއްދާއާއި ކޯޓުތަކުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ބ) އާއި 55 ވަނަ މާއްދާގެ (ބ) އާއި 68 ވަނަ މާއްދާގެ (ނ)ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާގޮތަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވުމާ ގުޅޭގޮތުން އިސް ފަނޑިޔާރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އިސްފަނޑިޔާރުން އަދާކޮށްފައިވޭތޯ ވެސް ކޮމިޝަނުން ބަލާނެ ކަމަށް ޖޭއެސްސީން އެކުލަވާލާފައިވާ މިންގަނޑުގައިވެ އެވެ. 

ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ކަންކަމުގައި އިންސާފު ނުލިބި ކޯޓުގައި ގިނަ ދުވަސްތަކެއް ކަޑައްތުކުރަން ޖެހުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ. އެމައްސަލައަށް ހައްލެއް ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ފަރާތުން މިފަހުން ވަނީ ބައެއް ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދުތައް ބަލާ އެ މައްސަލަތައް ނުނިމި ހުރި ސަބަބުތައް ދެނެގަނެ ރިޕޯޓެއްވެސް އެކުލަވާލާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް