ގަވާއިދުން ކަސްރަތު ކުރާ ފަރާތްތަކުގެ ތެރެއިންވެސް ދުވަންދާ ފަރާތްތައް ފާހަގަކޮށްލެވެ އެވެ. ފަތިހު ނުވަތަ އިރުއޮއްސޭ ވަގުތު ގޮސް ގަވާއިދުން ދުވާ ފަރާތްތައް ގިނަވުމަކީ އުފާކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ދުވަންދާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ދުވަން ފެށުމުގެ ކުރިން ގެންގުޅޭ ނުރަނގަޅު އާދަތަކަށާއި އޭގެ ރަނގަޅު ގޮތްތަކަށް ކުޑަކޮށް ބަލައިލާނަމެވެ.
ބައި ގަޑިއިރު ކުރިން ގިނައިން ކެއުން
ބައެއް ފަރާތްތަކަކީ ދުވަން ފެށުމުގެ ބައި ގަޑިއިރު ކުރިން ގިނައިން ކައިގެން ދުވަންދާ ފަރާތްތަކެވެ. ނަމަވެސް މިއީ އެންމެ ރަނގަޅުގޮތްތޯ އެވެ؟ ސިއްހީ ބޭފުޅުން ވިދާޅުވާ ގޮތުގައި ގިނައިން ފަރިއްކުޅުއްވައިގެން ބައިގަޑިއިރު ތެރޭ ދުވަން ފެށުމަކީ ރަނގަޅުކަމެއް ނޫނެވެ.
ދުވަން ފެށުމުގެ ބައިގަޑިއިރު ކުރިން ބަނޑުހައިވާ ނަމަ، ދޮންކެޔޮ ފަދަ ލުއި އެއްޗެއް ކާލުން ރަނގަޅެވެ. ދޮންކޭލަކީ ހަށިގަނޑަށް ބާރު ލިއްބައިދޭ ރަނގަޅު މޭވާއެކެވެ.
މާ ގިނައިން ނުވަތަ މަދުން ފެންބުއިން
ފެނަކީ ބޯން ރަނގަޅު އެއްޗެކެވެ. ހަށިގަނޑު ތާޒާކޮށްދީ ބޭނުންވާ ބައެއް މާއްދާތައް ލިއްބައިދިނުމުގައި ފެނުގެ ހިއްސާ ވަރަށް ބޮޑެވެ. އެހެންނަމަވެސް މާ މަދުން ނުވަތަ މާ ގިނައިން ފެން ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ.
މާ ގިނައިން ފެން ބޮއެގެން ދުވަން ފަށައިފި ނަމަ އޭގެ ސަބަބުން ފާހާނާއަށް ދާންޖެހޭނެ އެވެ. މާ މަދުން ފެން ބޮއެގެން ދުވަން ފަށައިފި ނަމަ އޭގެ ސަބަބުން މީހާ ވަރުބަލިވެ، ބައެއް ފަހަރު ބޯ އަނބުރައިގަނެގެން ވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ދުވަން ފެށުމުގެ ކުރިން މެދުމިނެއްގެ އަދަދަކަށް ފެން ބުއިމެވެ.
ދުވުމުގެ ކުރިން ކޮފީ ފަދަ ކެފެއިން ހުންނަ ބުއިންތައް ބުއިން
ބައެއް ފަރާތްތަކުން ދުވުމުގެ ކުރިން ކޮފީ ބުއިމަކީ ކުރާ ކަމެކެވެ. ކޮފީ އަކީ ކެފެއިން އެކުލެވޭ ބުއިމަކަށްވާ އިރު، ކެފެއިންގެ ސަބަބުން ހިތުގެ ހިނގުން އަވަސްކޮށްދެ އެވެ. އަދި ކޮފީގެ ސަބަބުން ބައެއް މީހުންނަށް އަވަސް އަވަހަށް ފާހާނާއަށް ދިއުުމަށް މަގުފަހިވެ އެވެ. އެހެންކަމުން ބޮޑެތި ދުވުންތައް ދުވުމުގެ ކުރިން ކޮފީ ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ.
ކޮފީގެ ބަދަލުގައި ފެން ކޯވަރެއް ބޯލުން ރަނގަޅެވެ. ނުވަތަ މާމުޔަށް ލުނބޯ ހުތްކޮޅެއް އަޅާލައިގެން ބުއިން މާ ރަނގަޅުވާނެ އެވެ.
މިއީ ދުވަން ފެށުމުގެ ކުރިން ސަމާލުކަންދޭން ޖެހޭ ބައެއް ކަންތައްތަކެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ދުވުމުގެ ތެރޭގަ އާއި ދުވުމަށް ފަހު ކަންތައްތައް ކުރަންޖެހޭ ގޮތްތަކަށް އަޅުގަނޑު އަލިއަޅުވާލާނަމެވެ.