ކާތިކް ވަނީ މަންމަ ކަންބޮޑުވެފައި ހުރި ކަމަށް ބުނެ އިންސްޓަގްރާމުގައި ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ކާތިކް މަސައްކަތް ފަށާފައި ވަނީ ފިލްމު "ދަމަކާ" އަށެވެ.
މަސައްކަތް އަލުން ފަށަނީ ކަމަށާއި މިހާރުވެސް މަންމަ ހުރީ ކަންބޮޑުވެފައި ކަމަށް ބުނެ އެ ޕޯސްޓުގެ ކެޕްޝަނުގައި ލިޔުމުން އެކްޓަރު ވަރުން ދަވަން ކުރި ކޮމެންޓުގައި ވަނީ ކާތިކް އަށް "ގުޑްލަކް" ކިޔާފަ އެވެ.
"ދަމަކާ" ގެ ޝޫޓިން ފަށާފައި ވާއިރު، މި ފިލްމުގައި ކާތިކް ފެނިގެން ދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ. އެގޮތުން އޭނާ ޓެރަރިސްޓު ހަމަލާއެއް ވަގުތުން ރިޕޯޓުކުރަން ފިލްމުގައި ޖެހެ އެވެ.
ފިލްމްފެއާއިން ރިޕޯޓު ކުރާ ގޮތުގައި މި ފިލްމުގައި ކާތިކް އާއެކު އަންހެން ލީޑް ރޯލުން ފެނިގެން ދާނީ މްރުނާލް ތާކޫރް އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފިލްމުގެ ޕްރޮޑިއުސަރުން ވަކި އެއްޗެއް ނުބުނެ އެވެ.
"ދަމަކާ" ގެ އިތުރުން "ބޫލް ބުލައްޔާ 2" އިން ވެސް ކާތިކް ފެންނާނެ އެވެ. އެ ފިލްމުގައި ދެން އުޅޭނީ ކިއާރާ އަދްވާނީ އެވެ. އޭގެ އިތުރުން ޖާންވީ ކަޕޫރާއެކު "ދޯސްތާނާ 2" ގައި ވެސް ކާތިކް އުޅޭނެ އެވެ.