ads
ދިވެހި ލީގުގައި ނިލަންދޫއާ ފޯކައިދޫ ކުޅުނު މެޗެއްގެ ތެރެއިން
އަތޮޅުތަކުގެ ޓީމުތައް ބާކީކޮށް ދިވެހި ލީގު މިއަދު ފަށަނީ
އަތޮޅުތަކަށް ނިސްބަތްވާ ފުޓްބޯޅަ ޓީމުތައް ބޭރުކުރުމަށް ފަހު ދިވެހި ޕްރިމިއަ ލީގު މިއަދު ފަށާނެ އެވެ. ތިން އަހަރަށް ފަހު އަތޮޅުތަކުގެ ޓީމުތައް ދިވެހި ޕްރިމިއަ ލީގުން ބޭރުކުރަން ނިންމީ މިހާރު އޮތް އެފްއޭއެމްގެ އެކްސްކޯއިންނެވެ.
Advertisement

ޕްރިމިއަ ލީގުން އަތޮޅުތަކުގެ ޓީމުތައް ބޭރުކުރަން ނިންމިއިރު، އެންމެ ފަހުން އޮތް ދިވެހި ލީގުގައި ވާދަކުރި އަތޮޅުތަކަށް ނިސްބަތްވާ ޓީމުތަކަކީ ށ. ފޯކައިދޫ ޓީމާ، ފ. ނިލަންދޫ ޓީމެވެ. އޭގެ ތެރެއިން ފޯކައިދޫ ޓީމަކީ މިއަދު ދިވެހި ލީގުގެ ފުރަތަމަ މެޗުގައި އެއް ކޮޅުން ނުކުންނަ ޔުނައިޓެޑް ވިކްޓްރީއަށް ވުރެ ރަނގަޅު ނަތީޖާ އެންމެ ފަހު ލީގުގައި ހޯދި ޓީމެކެވެ. ފޯކައިދޫ އެންމެ ފަހު ލީގު ނިންމާލާފައިވަނީ ޔުނައިޓެޑް ވިކްޓްރީއަށް ވުރެ ގިނަ ޕޮއިންޓާ އެކު ޓޭބަލްގެ ހަވަނައިގައެވެ. ދިވެހި ލީގު މިއަދު އަލުން ފަށާނީ މާޒިޔާއާ ޔުނައިޓެޑް ވިކްޓަރީގެ މެޗުންނެވެ.

އެންމެ ފަހުން ނިމުނު ތިން ސީޒަންގައި އަތޮޅުތަކުގެ ޓީމުތައް ޕްރިމިއަ ލީގުގައި ވާދަކުރި އިރު، އެންމެ ފަހު ސީޒަންގައި ވާދަކުރި ނިލަންދޫ އަދި ފޯކައިދޫއަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ އަދި އެކްސްކޯ މެންބަރު އައިމިނަތު ޝާނީޒްގެ ފިރިކަލުން ހުސެއިން ޖަވާޒު މީގެ ދުވަސްކޮޅެއް ކުރިން ފޮނުވި ސިޓީގައި ބުނެފައިވަނީ ކުރިއަށް އޮތް ސީޒަންގައި ދިވެހި ލީގަށް އެ ދެ ޓީމަށް ފުރުސަތު ނުދޭން އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައިވާ ކަމަށެވެ. އަތޮޅުތަކުގެ ޓީމުތައް ލީގުން ބާކީ ކުރަން އެފްއޭއެމުން ނިންމީ މިދިޔަ ރޯދަ މަހު އެފްއޭމުން ގެނައި ފޭސްބުކް ލައިވް ޕްރޮގްރާމެއްގައި ކުޅިވަރު ވަޒީރު މަހްލޫފު، ދިވެހި ލީގުގައި ފ. ނިލަންދޫ ޓީމުގެ މެޗުތައް ނިލަންދޫގައި ކުޅުމުގެ އިންތިޒާމްތައް ހަމަޖައްސާނެ ކަމުގެ އިޝާރާތެއް ދެއްވާފައި ވަނިކޮށެވެ.

"މިސާލަކަށް ފ. ނިލަންދޫ ފަސްޓް ޑިވިޝަންގައި ކުޅޭ ކަމަށްވަންޏާ އެ މީހުންގެ މެޗުތައް އެ ރަށުގައި ކުޅެވޭނެ އިންތިޒާމް އަޅުގަނޑުމެން ހަމަ ޖައްސައިދޭނަން. ހުރިހާ މެޗެއް ނުކުޅެވުނަސް، މިސާލަކަށް ހަ މެޗު ކުޅެންޏާ އޭގެން ދެ މެޗު ނުވަތަ ތިން މެޗު ރަށުގައި ކުޅެލެވުނަސް އެއީ ހަމަ ވަރަށް ބޮޑު ތަފާތަކަށް ވާނެ ދެއްތޯ އެ މީހުންގެ ސަޕޯޓަރުން ކުރިމަތީގައި،" މަހްލޫފު ވިދާޅުވި އެވެ. 

އަތޮޅުތަކަށް ނިސްބަތްވާ ފުޓްބޯޅަ ޓީމުތައް ބޭރުކުރަން އެފްއޭއެމްގެ އެކްސްކޯއިން ނިންމުމަށް ފަހު، މާލެއަށް ނިސްބަތްވާ ކްލަބުތަކާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދޭންވެސްވަނީ ނިންމާފައެވެ. އަތޮޅުތަކުގެ ޓީމުތައް ހިތްވަރާ އެކު ރަނގަޅު ކުޅުމެއް ކުޅެން މަސައްކަތް ކުރަމުން އަންނަނިކޮށް އެ ޓީމުތައް ބޭރުކުރުމަށް ފަހު، އެފްއޭއެމުންވަނީ މުޅި ރާއްޖެއަށް ދިވެހި ޕްރިމިއަ ލީގު ފުޅާ ކުރާނެ ކަމަށް ބުނެފައެވެ. އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ނުދޭން އެފްއޭމުން ނިންމިއިރު، އަތޮޅުތަކުން އައި ޓީމުތަކަށް ނިމުނު ސީޒަންގައި ދޭން އެފްއޭމުން ވައުދުވި މާލީ އެހީތެރިކަން ފުރިހަމައަށް ނުދެއެވެ.

އެންމެ ފަހުން އޮތް ދިވެހި ލީގުގައި އަތޮޅުތެރޭން ވާދަކުރީ ނިލަންދޫއާ ފޯކައިދޫއެވެ. އޭގެ ކުރިން ފަހަރު ނިލަންދޫއާ ފޯކައިދޫގެ އިތުރުން ފެހެންދޫ، އަދި ތިމަރަފުށި ވާދަކުރިއެވެ. އަދި އޭގެ ކުރީ އަހަރު ކުޑަހުވަދޫ، ގދ. ތިނަދޫ އަދި ށ. މިލަންދޫގެ އިތުރުން އއ. މާޅޮހު ޓީމުވެސް ދިވެހި ލީގުގައި ވާދަކުރިއެވެ. މި ޓީމުތަކުން ވަނީ އުނދަގޫ ހާލަތްތަކުގައި ހިތްވަރާ އެކު މަސައްކަތްކޮށް މާލޭގެ ނަން މަޝްހޫރު ބޮޑެތި ޓީމުތަކަށް ވަރުގަދަ ޗެލެންޖު ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް