
މޭ 3 ވަނަ ދުވަހު ހެނދުނު 10:00 ގައި ފެށުނު މި ޕްރެސް ކޮންފަރެންސް ނިންމާލެއްވީ މެންދަމު 12:52 ގައެވެ. މި ޕްރެސް ކޮންފަރެންސްއާއެކު ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ ރެކޯޑު ރާއްޖެއަށް ލިބިފައިވެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް ބޭއްވެވި މި ޕްރެސް ކޮންފަރެންސްގައި ރައީސް މުއިއްޒު ނަމާދު ވަގުތުތަކަށް އެކަނި ބްރޭކް ނަންގަވާފައިވާއިރު، ރޭގަނޑު 8:20 އިން 8:35 އަށް ކުރު ބްރޭކެއްވެސް ނެންގެވިއެވެ. މި ޕްރެސް ކޮންފަރެންސްގައި ރާއްޖޭގެ ގިނަ ނޫސްވެރިން ބައިވެރިވެ، ގިނަ ސުވާލުތަކެއް ކުރިއެވެ. އަދި ރައީސް މުއިއްޒު ގެންދެވީ މައުލޫމާތު ހުންނެވި މިންވަރަކުން ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އަދި އެމަނިކުފާނަށް މައުލޫމާތު ނެތުމުގެ ސަބަބުން ޖަވާބު ނުދެއްވޭ ސުވާލުތަކަށް ލިޔުމުން ޖަވާބުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ ރެކޯޑު ހިފަހައްޓަވާފައިވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހު ޒެލެންސްކީ ބޭއްވެވި ޕްރެސް ކޮންފަރެންސް ދެމިގެންދިޔައީ 14 ގަޑިއިރަށެވެ. ރޭގަނޑު 12:00 ގައި ޒެލެންސްކީގެ ރެކޯޑާ އެއްވަރުވުމަށްފަހު ވެސް ރައީސް މުއިއްޒު ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދެވުމުން ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ ރެކޯޑު ވަނީ މުގުރާލައްވާފައެވެ. ދުނިޔޭގެ ދެ ވަނައަށް އެންމެ ދިގު ޕްރެސް ކޮންފަރެންސް ބޭއްވެވީ ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އެވެ. 2017 ވަނަ އަހަރު ބޭއްވެވި އެ ޕްރެސް ކޮންފަރެންސް ދެމިގެންދިޔައީ 7 ގަޑިއިރަށެވެ.