
މި ދެ ޒުވާނުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު މުޒާހަރާއިންނެވެ.
ކްރިމިނަލް ކޯޓުން ދެ ޒުވާނުންގެ ބަންދަށް ތިން ދުވަސް ޖަހާފައިވީ ނަމަވެސް، ފުލުހުން ވަނީ މިރޭ އެ ދެ ޒުވާނުން ދޫކޮށްލާފައެވެ. މުޒާހަރާއަށް ނުކުތުމާއެކު 19 އަހަރުގެ ޝިމަން ވަނީ އިންސާފު ހޯދަން ނުކުމެ ތިބޭ ބަޔަކު ފަހަތަކަށް ނުޖެއްސޭނެ ކަމަށް ބުނެފައެވެ. އަދި 28 އަހަރުގެ މަހްޒޫމް ވަނީ އޭނާ ހައްޔަރުކުރިއިރު ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކޮށްފައެވެ. މުޒާހަރާގެ ފޮޓޯއާއި ވީޑިއޯތަކުން، މަހްޒޫމް ހައްޔަރުކުރި ވަގުތު އޭނާގެ ގަމީސް ވީދި، އަނިޔާވާ މަންޒަރު ފެނެއެވެ.
ޔުމްނު ރަޝީދަކީ 21 އަހަރުގެ ޒުވާނެއް ކަމަށްވާއިރު، މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓޯނިއާގެއިން ވެއްޓިފައި އޮއްވައި ފެނުނެވެ. ފުލުހުން ބުނެފައިވަނީ އޭނާ ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އެ ހާދިސާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ޒުވާނުން ދަނީ މުޒާހަރާކުރަމުންނެވެ. މުޒާހަރާތަކުގައި ޒުވާނުން ދަނީ ޔުމްނުއަށް އިންސާފު ހޯދައި ދިނުމުގެ އިތުރުން، މައްސަލައިގައި ޝާމިލްވާ ކަމަށް ތުހުމަތުވާ ސަރުކާރުގެ އިސްވެރިން ވެސް އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.
މިއަދު ރައީސް އޮފީހުގައި 14 ގަޑިއަރަށްވުރެ ގިނައިރު ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގައި ރައީސް މުއިއްޒު ވަނީ މުޒާހަރާގެ 10 ޑިމާންޑު ބަލައިގަންނަކަމަށާއި، މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން ނިންމާގޮތަކަށް ފަސްޖެހުމެއްނެތި ބަލައިގަންނާނެވާނެކަމަށެވެ.