
މިކަން ރައީސް މުއިއްޒު ހާމަކުރެއްވީ މިއަދު ހެނދުނު 10 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ކޮމިޝަނުގެ ފަސް މެމްބަރުންގެ ތެރެއިން ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދަކީ މިހާރު ވެސް ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށް ވުމުން، އެ ދެ ބޭފުޅުން ކޮމިޝަނުގެ މަސައްކަތަށް ވީއްލާފައިވަނީ މިހާރު ލިބޭ އާމްދަނީ އުނި ނުވާ ގޮތަށެވެ. އެހެންނަމަވެސް ކޮމިޝަނުގައި މަސައްކަތް ކުރައްވާތީ ކޮންމެ މަހަކު 5،000 ރުފިޔާގެ އިނާޔަތެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ޖަބީންއަކީ ހުޅުމާލެ ހޮސްޕިޓަލްގެ ނާސިން ޑިރެކްޓަރެވެ. އަދި ޑރ. މުރާދަކީ އައިޖީއެމްއެޗުގެ ސީނިއާ ފިޒީޝަނެކެވެ.
ކޮމިޝަނުގައި ދެން ތިއްބެވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދާއި އާމިނަތު އީނާސްއަކީ އެއްވެސް ތަނެއްގައި ވަޒީފާ އަދާނުކުރައްވާ ބޭފުޅުން ކަމަށް ވުމުން، އެ ބޭފުޅުންނަށް ކޮންމެ މަހަކު 15،000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ވާހަކައެއް ކޮމިޝަންގެ ރިޕޯޓުގައި ނެތް ނަމަ އެ ރިޕޯޓު އެއްކޮށް ހާމަކުރައްވާނެ ކަމަށެވެ.
ރައީސްގެ ހާއްސަ ގަރާރުގައި މި ކޮމިޝަނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާއި، ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުމާއި، ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރު ކޮށްގެން ސުވާލުކުރުމުގެ ބާރެވެ. ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.