ads
ވީޑިއޯ ރިޕޯޓް
100 މިލިއަނަށްވުރެ ގިނަ ރުފިޔާ "އޮޔާ" ދަނީ!
ކުރީގެ ރަައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ފާހަގަކޮށްލެވޭ މަޝްރޫއަކަށް ހަމަ ޔަގީނުންވެސް ވާނީ ސިނަމާލޭ ބްރިޖްގެ މަޝްރޫއެވެ. އެއަށް ފަހު، ކުރިން ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދުގައި ހުޅުވި ވިންޓާ ޕާކާއި ފްރެންޗައިސް ރެސްޓޯރަންޓްތަކަށާއި ފުޑް ޗެއިންތަކަށް ހާއްސަކޮށްގެން ހުޅުވި ބީޗް ޕެވިލިއަނަކީ ވެސް ފާހަގަކޮށްލެވޭ ތަންތަނެވެ.

އެކަމަކު މި ތަންތަން ހުޅުވިތާ އަހަރުތަކެއް ވެގެންދާ އިރު މިއިން ތަނެއްގެ އަޑެއް ބަޑެއް ވެސް މިހާރު އިވިގެނެއް ނުދެ އެވެ. ކުލަ ގަދަ ހަފުލާތަކާއި އެކު ހުޅުވި މި ތަންތަނަކީ ރައްޔިތުންގެ ފައިސާ އިން އެތައް ހަރަދެއްކޮށްގެން ހިންގި ތަންތަންކަމުން މިތަންތަނަށްވީ ގޮތެއް ރައްޔިތުންނަށް އެނގުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް ދެކެމެވެ. 

ކޮންމެއަކަސް ރައްޔިތުންގެ ފައިސާއިން މިލިއަނުން ހޭދަކޮށްގެން ހަދާފައިވާ މިފަދަ ތަންތަން ބަންދުކުރަން ޖެހުމާއި ނުބެލެހެއްޓި، ވީރާނާވާން ދޫކޮށްލުމުގެ ސަބަބުން އާހިރުގައި ވާނެ ބޮޑެތި ގެއްލުންތަކާއި މެދު ވިސްނާލަންޖެހެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް ރަސްފަންނު ބީޗުގައި ހުރި ޕެވިލިއަނަށް ބަލާލަމާތޯ އެވެ. ރާއްޖެއަށް ފްރެންޗައިޒް ރެސްޓޯރަންޓްތައް ގެނައުމަށްޓަކައި 2018 ވަނަ އަހަރު ހުޅުވާފައި ހުރި ޕެވިލިއަންގެ އަގު ގިނަ ބަޔަކަށް އަދިވެސް ނޭނގޭއިރު، 13.9 މިލިއަން މިލިއަން ރުފިޔާއެވެ. 

މި ފެވިލިއަނަށް ބަލާލާއިރު އެތަނުގެ ފުރާޅުގެ މަތިން ފަން އަޅާފައި ހުއްޓަސް ފަންތައް ފީވެފައި ހުރިއިރު ތަނުގައި ފިލާ ބޭނުންކޮށްގެން ހަދާފައިވާ ތަންތަން ފީވެ ފޫގޮސްފައި ހުރި މަންޒަރު ފެނިގެންދެ އެވެ. އަދި ދަބަރު ޖަހާއި މުޅި ތަން އެކީ އެކަށް ބާވެފައި އޮތްއިރު އެތަނުގެ ވަށައިގެން އޮތް ސަރަހައްދުގައި ވެސް އޮތީ ހުސް ކުންޏެވެ. ހައްތަހާ ވެސް އަހަރެމެން ކައިބޯން ބޭނުންކުރަމުން މިދާ ލުއިކާނާގެ ބާވަތްތަކެވެ. ޕެވިލިއަންގެ ފާރުގައި ވެސް އެތައް އެއްޗެއް ލިޔެ މުޅި ތަން އޮތީ ސުންނާފަތިކޮށްލާފަ އެވެ. އެއީ އޮޔާދާ 13.9 މިލިއަން ރުފިޔާއެވެ. 

ދެން އޮތީ ރަސްފަންނުގެ ވާހަކަ އެވެ. ރަސްފަންނަކީ 40 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހެދި ތަނެކެވެ. އެތަން ވެސް އޮޔާ ދިޔައީ އެވެ. 

ދެން އެ ރަސްފަންނުގައި އެޅީ ޖޮގިން ޓްރެކެކެވެ. އާސަންދަ އިން ސިންގަޕޫރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން އެޅި އެ ޓްރެކްގެ އަގަކީ 9.5 މިލިއަން ރުފިޔާއެވެ. 

ދެން އޮތީ ކަޅުވަކަރު މިސްކިތް ނަގާއި ހެދި ވިންޓާ ޕާކުގެ ވާހަކަ އެވެ. އާސާރީ މިސްކިތެއް ނަގާއި ރައީސް ޔާމީންގެ ވެރިކަމުގައި އެތަނުގައި ވިންޓާ ޕާކެއް އެޅީ ރާއްޖެ ފަދަ ގައުމެއްގައި އުޅޭ ކުދި ބަޔަކަށް ސްނޯގެ އިހުސާސްކޮށްލަން ނުލިބޭނެތީ އެ ތަޖުރިބާކޮށްލަން ވެސް ފުރުސަތުދޭން ބޭނުންވާތީ ކަމަށް ބުނެ އެވެ. 

މި ޕާކަށް ވެސް ވީގޮތެއް ނޭނގެ އެވެ. 2018 ވަނަ އަހަރު ހުޅުވި ވިންޓާ ޕާކަކީ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އަޅާފައި ހުރި ވިންޓާ ޕާކެކެވެ. މިތަން ހިންގުމަށް ހޭދަވާ ހަރަދު ހޯދުމަށް ރަސްރަނި ބަގީޗާގައި ކެފޭއެއް ހެދުމުގެ ހުއްދަ ދީފައިވާ އިރު، އެ ތަނުގައި އިވެންޓްތައް ބާއްވައިގެން ވެސް ފައިސާ ހޯދުމަށް ޑައިމަންޑް ވިންގްސްގެ މައި ކުންފުނި، ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ) ވަނީ ނިންމައިފަ އެވެ.

މި ސަރުކާރުން ރައީސް ޔާމީންގެ ވެރިކަމުގައި ދިން ރަސްރަނި ބަގީޗާގެ ނަން، އަލުން ސަލްޓަން ޕާކަށް ބަދަލުކޮށް ހިންގަމުން އަންނައިރު ސަލްޓަން ޕާކު ބެލެހެއްޓުމުގެ މަސައްކަތްތަކެއް ކުރެވެ އެވެ. އެތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރެވުނަސް އެއްކަލަ ބޮޑު ހަރަދުކޮށް ތަރައްގީކުރި ވިންޓާ ޕާކަށްވީ ގޮތެއް ނޭނގެ އެވެ. އެތަން ކުދިވެރިން ގޮސް ބޭނުންކުރާ ކަމެއް ވެސް ނޭނގެ އެވެ. ސުވާލަކީ މިތަން ވެސް ޕެވިލިއަނަށްވީ ގޮތްވާން ދޫކޮށްލީތޯ އެވެ. 

ކޮންމެ ދުވަހަކު ހަވީރު ފިންޏަށް އެތައް ބަޔަކު ގޮސް ހަދައި، ރަސްފަންނު ސަރަހައްދުގައި އޮތް ޕެވިލިއަން ވީރާނާވާން ދޫކޮށްލާފައި އޮތްއިރު އެތަނަށްދާ ކޮންމެ މީހެއްގެ ލޮލުގައި ވެސް އަޅުގަނޑުގެ ލޮލުގައި އަޅައި މިގަތް ތަންތަން ފެންނާނެ ކަމާއި މެދު ޝައްކެއް ނެތެވެ. 

މިއީ މިއަދުގެ ސަރުކާރުން އެކަނި ފެނިގެންދާ ކަމެއް ނޫނެވެ. ކޮންމެ ސަރުކާރަކުން ވެސް ފެނިގެންދަނީ ކުރީ ސަރުކާރުގައި ހިންގަމުން އަންނަ މަޝްރޫއުތަކަށް މާބޮޑު ސަމާލުކަމެއް ނުދީ އެތަންތަނަށްވީ ގޮތެއްވާން ދޫކޮށްލައި މަންޒަރެވެ. މި ދައްކަނީ ފައިސާގެ ގޮތުން ބަލާއިނަމަ އެތައް މިލިއަން ރުފިޔާއެއްގެ ވާހަކަ އެވެ. އެކަމަކު ކޮންމެ ސަރުކާރެއްގައި ވެސް މިކަން ތަކުރާރުކުރަމުން އަންނައިރު މި ފެނިގެންދަނީ ރައްޔިތުންގެ ފައިސާ ވީދައި ކުދިކޮށް އޮޔާދާން ދޫކޮށްލާ މަންޒަރެވެ. މިކަމުގައި ޒިންމާ ނަގާނެ ހަމަ އެންމެ އިދާރާއެއް ވެސް ނެތެވެ.

ރަސްފަންނަށް އެކަނި ބަލައިލި ކަމުގައި ވީނަމަވެސް، އެ ސަރަހައްގުދުގައި ހުރި ޕެވެލިއަން، ރަނިން ޓްރެކް އަދި ރަސްފަންނުގެ އަގު 63.4 މިލިއަން ރުފިޔާ އަރައެވެ. 

މީގެ އިތުރުން ރާއީސް ޔާމިންގެ ވެރިކަމުގައި ތަރައްގީ ކުރަންފެށި، ވޯޓާ ތީމް ޕާކާއި، ޕާކިން ސިސްޓަމްތަކާ، ވިންޓާ ތީމް ޕާކުގެ އަގާއެކު 100 މިލިއަނަށްވުރެ ހަރަދު ބޮޑުވާނެއެވެ. 

މު ހުރިހާ ފައިސާ އަކީ ރައްޔިތުންގެ ފައިސާއެވެ. އެ ފައިސާތައް އޮޔާ ދަނީ އެވެ. އަޅާލާނެ ޔާރެއް ޕިޔާރެއް ނެތެވެ. 

16%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
42%
ވަރަށް ސަލާމް
ކޮމެންޓްސް