މިލަދޫ ބަނދަރުގެ މަޝްރޫއުގެ ދަށުން މަސައްކަތްތައް ފަށާފައިވާ އިރު، އެ މަޝްރޫއު ހިންގާ ސަރަހައްދަށް ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ގެންގޮސްފަ އެވެ.
އެ މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ އިތުރުން 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.
މާޗް 25 ގައި މޮބިލައިޒް ކުރެވުނު އެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 42.1 މިލިއަން ރުފިޔާއަށެވެ.