ޓްރަމްޕު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވެފައި ވަނީ އިންތިހާބުގެ ސައްހަކަމާއި މެދު ހިތްހަމަނުޖެހި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލުމަކީ މުޅި ގައުމަށް ލިބުނު ލަދެއް ކަމަށެވެ.
އަދި އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަން ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލައްވާފައި ކަމަށް ތުހުމަތުކޮށް ހަތަރު ސްޓޭޓެއްގެ ވޯޓު އަލުން ނެގުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އަށާރަ ސްޓޭޓެއްގެ އެޓާނީންނާއި ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ 106 މަޖިލިސް މެންބަރުން ތާއިދުކޮށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުބަލާނެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.
ޓްރަމްޕް ގެންދަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލައްވާފައިވާ ކަމަށް ވިދާޅުވެ ތަކުރާރުކޮށް ވާހަކަ ދައްކަވަމުންނެވެ. ނަމަވެސް ޓްރަމްޕް ކުރާ ތުހުމަތުތަކަށް ބާރުލިބޭ އެއްވެސް ހެއްކެއް އަދި މިހާތަނަށް ދެއްކިފައެއް ނުވެއެވެ. އެހެންކަމުން އިންތިހާބާ ގުޅޭ ގޮތުން ޓްރަމްޕް މިހާތަނަށް ކޯޓަށް ހުށަހެޅި އެއްވެސް މައްސަލައެއް ވެސް އަދި ޓްރަމްޕް ކޮޅަށް ނިމިފައެއް ނުވެއެވެ.