އެހާ ރީތި އަދި ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެމުން އައި ޒުވާނަކު ހަމަ ހަގީގަތުގައި ވެސް މިފަދަ ބޮޑު ފިޔަވަޅެއް ނަގަފާނެތޯ އެތައް ބަޔަކު ސުވާލުތައް އުފައްދަމުންދިޔަ އެވެ. ކޮންމެއަކަސް، ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ދެކުނަސް، އެ ދުވަހެކޭ އެއްގޮތަށް މިއަދު ވެސް ރައުދާގެ ބައްޕަ، މުހައްމަދު އާތިފް ގަބޫލުކުރަނީ މިއީ ބަޔަކު މީހުން ފަހަތުގައި ތިބެ ހިންގި ޖަރީމާއެއްގެ ގޮތުގަ އެވެ. ރައުދާއަކީ އަމިއްލައަށް މަރުވާވަަރަށް ވުރެ ހިތްވަރު ގަދަ ޒުވާނެއް ކަމާއި އަދިވެސް އެތައް ސަބަބަކާހުރެ އޭނާގެ ބައްޕަ، ދަރިފުޅު އަމިއްލައަށް މަރުވީ ކަމަށް ގަބޫލުކުރަން ދެކޮޅު ހަދަ އެވެ. އަދިވެސް ދަރިފުޅަށް އިންސާފު ހޯދުމަށް އެ ވާހަކަތައް ދަނީ ތިލަކުރަމުންނެވެ.
މައްސަލައިގެ ތަހުގީގަށް ރައުދާ އާއި އޭނާގެ ލޯބިވެރިޔާ ވަޓްސް އެޕުން ދައްކާފައި ހުރި ވާހަކަ ހިމެނޭ 17000 ސަފުހާގެ ޗެޓު ލޮގުތަކާއި ފޭސްބުކް ޗެޓު ދިރާސާ ކުރި އިންވެސްޓިގޭޝަން ޓީމުން ބުނާއިރު ރައުދާ މަރުވުމުގެ ކުރިން ފޮނުވި މެސެޖު އޭނާގެ ލޯބިވެރިޔާ އަށް ފޮނުވާފައިވަނީ ދަންވަރު 2:30 ގައެވެ.
ރައުދާގެ މަރުގެ މައްސަލާގައި އޭނާ އާއެކު ކިޔަވަން އުޅުނު ކުއްޖަކަށް ވެސް ތުހުމަތު ކުރި އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުން ފާހަގަވީ ރައުދާ މަރުވީ އަމިއްލަ އަށް، ދަންޖެހިގެން ކަމަށެވެ.
އެކަމަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދި، ކޮމިޝަނުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި، ހުސްނުއްސުއޫދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
ރައުދާ މަރުވުމުގެ ކުރިން އެތައް އިންޒާރުތަކެއް އޭނާ ލިބުންކަމަށާއި ހުސްނުއް ސުއޫދު ވަނީ ރައުދާއަށް މަރުގެ އިންޒާރު ފޮނުވި މީހާއަކީ ކެރަފާ ވަސީމާ މުހައްމަދު ކަމަށް ވެސް ވިދާޅުވެފައި ވާކަމަށް ރައުދާގެ ބައްޕަބުޏެވެ. ނަމަވެސް މިހާރު ހައްދަވަމުން ގެންދަވަނީ ދޮގު ކަމަށް ވެސް އޭނާ ތުހުމަތު ކުރެއެވެ.
ރައުދާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު ރައްޓެހިވެގެން އުޅުނީ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބެގެ ކެރަފާ އަބްދުލްގަނީގެ ދަރިފުޅު ކެރަފާ ސާހީ ގަނީއާ ކަމަށެވެ.
ކޮންމެއަކަސް ދަރިފުޅުގެ މަރާއި 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަވަހާރަކޮށްލި އޭރުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅުމެއްވާ ކަމުގެ އިޝާރާތެއް ވެސް ރައުދާގެ ބައްޕަ ކުރި އެވެ.
ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ބުނި ކަމަށާއި ނަމަވެސް އެކަން ވެސް މަރު ކޮމިޝަނުން އޮޅުވާލީ ކަމަށް ބައްޕަ ތުހުމަތު ކުރި އެވެ.
ރައުދާގެ ބައްޕަ، އަފްރާޝީމްގެ މަރާއި އޭނާގެ ދަރިފުޅުގެ މަރާއި ގުޅުމެއްވެދާނެކަމުގެ އިޝާރާތެއް ކުރިއިރު މީގެ ކުރިން ވެސް ރާއްޖޭގައި ހިނގި މިފަދަ ބޮޑެތި މަރުގެ މައްސަލަތަކުގެ ފަހަތުގައި ޑރ،. އަފްރާޝީމްގެ މަރުގެ މައްސަލަ ހިމެނޭކަމުގެ އަޑުތައް ރަށު ތެރޭގައި ފެތުރިފައިވެ އެވެ.
އެގޮތުން ގެއްލުވާލާފައިވާ ނޫސްވެރިއާ އަހުމަދު ރިލްވާން ވެސް ވަގަށް ނަގައިގެން ގެންގޮސް މަރާލީ ޑރ. އަފްރާޝީމްގެ އަލީގެ މަރުގެ ހަގީގަތް ހާމަކުރަން އުޅުމުން ކަމަށްވެސް އަޑު ފެތުރުނެވެ. އަދި އެނާ ދުވަސްވަރު އެފަދަ މަސައްކަތެއް ކުރަމުން ދިޔަ ކަމަށް އެނާގެ އޮފީހުގައި މަސައްކަތްކުރާ މީހުންވެސް އެކި ފޯރަމްތަކުގައި ބުނެފައި އެބަހުއްޓެވެ.
ދަރިފުޅުގެ މަރަށް ތިން އަހަރަށް ވުރެ ދުވަސްވެގެން ދިޔައިރު ވެސް އާތިފް ދައްކަވާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ލިބޭ މަންޒަރެއް ނުފެނެ އެވެ. ނުވިތާކަށް އޭނާ ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު ވެސް މިއަދު ނެތީ ކަމާއި ބެހޭ ފަރާތްތަކުން ރައުދާ މަރުވީ އަމިއްލައަށް ކަމަށް ނިންމި ހިސާބުންނެވެ. ބަޔަކު ކިތަންމެ ގޮތަކަށް ދެކުނަސް، އާތިފްގެ އެތައް ސުވާލެއް އެބަ ހުއްޓެވެ.
ބަންގާޅަށް ފޮނުވި ޕޮލިސް މުހައްމަދު ރިޔާޒަށް ވަޒީފާގެ ކުރިއެރުންދީ މިއަދު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓްކުރުމުން ވެސް އެތައް ފާޑުކިޔުމެއް އަމާޒުކުރި އެވެ. ކޮންމެއަކަސް ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބުނަމުންދާތީ ރައުދާގެ ބައްޕަ ވަނީ ރައުދާއަކީ އެހެން ބުނާ މީހެއްގެ ދަރިއެއްނަމަވެސް ބުނާނީ ކީކޭތޯ ސުވާލު އުފައްދާފަ އެވެ.
ފުލުހުން ރައުދާ މަރުވި ކަމަށް ނިންމީ ދެ ފަހަރެއްގެ މަތިން އޮޓޯޕްސީ ހެދުމަށް ފަހެވެ. ބަންގްލަދޭޝްގެ ރާޖްޝަހީ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓު ކޯޓުން ކުރި އަމުރަކާއެކު ދެވަނަ އޮޓޮޕްސީއެއް ހަދަން، ގަބުރު ކޮނެގެން ރައުދާގެ ހަށިގަނޑު ވެސް ނެގި އެވެ.
އެ މައްސަލަ ކޯޓުން ބަލައިގަނެ، ރަނގަޅަށް ތަހުގީގުކުރުމަށް ކޯޓުން އަމުރު ވެސް ކުރިއިރު، އެ މައްސަލަ ބަންގާޅުގެ ސީއައިޑީން ވެސް ބެލި އެވެ. އެހެންނަމަވެސް މި ނިންމުމަކަށް ބަދަލެއް ނާދެ އެވެ. މިހެންކަމުން ރައުދާގެ މަރުގެ ތަހުގީގު ބަންގާޅު ފުލުހުން ކޮށްފައިވާ ގޮތާމެދު ސުވާލު އުފެއްދުމުގެ ޗާންސް އެބައޮތެވެ.
މަރުކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މަރުތައްވެސް އެއް މަރު އަނެއް މަރާއި ގުޅިފައިވާ މިންވަރު ވެސް އެ ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެހެން ނަމަވެސް ރައުދާގެ މައްސަލައިގައި މަރުކޮމިޝަނުންވެސް ބޮޑަށް ބުރަ ވެފައިވަނީ ބަންގުލަދޭޝްގެ ފުލުހުންގެ ނިންމުންތަކާއި ވައްޔަރު ގޮތަކަށެވެ.
ރައުދާގެ ބައްޕަ ބުނާހެން އަފްރާޝީމްގެ މަރުގެ ހަގީގަތް ރައުދާއަށް އެނގޭ އެނގުމާމެދު ސުވާލު ނޫފެދެނީތޯއެވެ؟
މީގެ އިތުރުން ޑރ އަފްރާޝީމްގެ އާއިލާއާއި ރައުދާގެ އާއިލާއިން ވަނީ މަރުކޮމިޝަނުގެ ރިޕޯޓު ގަބޫލު ނުކުރާނެކަމަށް ވެސް ބުނެފައެވެ.
ރައުދާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ ގޮތް ބެލުމަށް ބަންގާޅަށް ދިޔަ އޭރުގެ ޗީފް ސްޕަރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ރައުދާ އާތިފްގެ އަނގައިން ފައިބައިފައި ހުރި ސޮނި، އޭނާގެ ހެދުމާއި އޭނާ ދަންޖެހުމަށް ބޭނުން ކުރި ކަމަށް ބުނާ ސްކާފުން ފެނުނު ކަމަށާއި ރައުދާގެ ކޮޓަރީގެ ފަންކާގައި އައްސާފައި ހުރި ފޮތިގަނޑަކީ ދެ ސްކާފު ގޮށް ޖަހައިގެން ގުޅުވާފައި އޮތް ފޮތިގަނޑެއް ކަމަށެވެ.
ރިޔާޒް ވިދާޅުވީ ރައުދާގެ ހަށިގަނޑުގެ ފޮޓޯތައް ބެލި އިރު، ރައުދާގެ ކަރުގައި ހުރި ލައިގޭޝަން މާކްސްއަށް ބަލާއިރު، ޑިޕްރެޝަން ޕޮއިންޓްސް ގޮތުގައި ވާތް ފަރާތުން ފާހަގަކުރެވެނީ ފޮތިގަނޑުގައި ހަރުކޮށް އޮތް ބައި ޖެހުމުގެ ސަބަބުން އަޑިވެފައި ހުރި ތަނަކަށް ވެދާނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ރައުދާގެ ކޮޓަރިއަށް އޭނާގެ ރަހުމަތްތެރިން ވަދެ، އޭނާގެ ހަށިގަނޑު ތިރިކުރީ ފަންކާގައި އައްސާފައި ހުރި ވާގަނޑު ކަނޑާލައިގެންކަން އެނގޭ ކަމަށެވެ. އޭގެ އިތުރުން ރިޔާޒް ވިދާޅުވީ އާންމުކޮށް ބަންގާޅުގައި އޮޓޮޕްސީ ހަދަނީ އެންމެ ޑޮކްޓަރެއް ކަމަށާއި، ނަމަވެސް ރައުދާގެ މައްސަލަ ސީރިއަސްވުމުގެ ސަބަބުން އޭނާގެ އޮޓޮޕްސީ ހެދީ ތިން ކޮލެޖަކުން ޑޮކްޓަރުން ބައިވެރިވި ޓީމަކުން ކަމަށެވެ.
ބަންގާޅުގެ ފުލުހުންނާއި ފުލުހުންގެ މި ވާހަކަތަކެއް ރައުދާގެ ބައްޕަ ގަބޫލެއް ނުކުރެ އެވެ. ނުވިތާކަށް މަރު ކޮމިޝަނުގެ ރިޕޯޓްގައި ވެސް ރައުދާ މަރުވީ އަމިއްލައަކަމަށް ނިންމާފައި އޮތް ނަމަ ވެސް ރައުދާގެ ބައްޕަ ވަނީ ރައުދާ ދަން ޖެހިފައި ހުއްޓާ ފެނުނު މީހަކު އަދި ފޮޓޯއެއް ވެސް ނުދެއްކުނު ކަމަށް ބުނެފަ އެވެ.
އެގޮތުން ރައުދާގެ ކަރުގައި ހިފާ މަރާލުމުން ކަރުގައި ހިފި މީހާގެ ތިން އިނގިއްޔާ ބޮޑުވާ އިނގިލީގެ ނިޝާން ހުރި ކަމަށް ބުނެ އާތިފް މީގެ ކުރިން ވެސް ރާޖް ޝާހީ ޕޮލިސް އިންކުއެސްޓް ރިޕޯޓްގައި އެކަން އެގޮތަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ރައުދާގެ މޫނުގައި އަނިޔާގެ ނިޝާން ހުރި ކަމަށާއި ޕޯސްޓް މޯޓަމް އޮޓޮޕްސީ ފޮޓޯތަކުން ވެސް އެކަން ސާބިތުކޮށްދޭ ކަމަށް އާތިފް ބުނެ އެވެ.
ރައުދާއަށް ފޮނުވި ކަމަށް ސީއައީޑީ ފުލުހުން ބުނި ޓްވިޓާ މެސެޖާއި އެކައުންޓް ހޯދުނު ކަމަށް ހުސްނުއް ސުއޫދު ވިދާޅުވި ކަމަށް ވެސް ބުނެފައިވެ އެވެ. މި ހުރިހާ ހެކި ހުރި އިރުވެސް މަރު ކޮމިޝަނުން ބުހުތާން ދޮގު ހަދާ ރައުދާގެ މަރުގެ ހަގީގަތް އޮޅުވާލާ އާއިލާއަށް އިތުރު ހިތްދަތިކަމެއްދީ ރައްޔިތުންނަށް އޮޅުވާލީ ކަމަށް ވެސް އާތިފް ބުނެ އެވެ.
ކޮންމެއަކަސް މިއަދު ވެސް އެތައް ސަބަބެއް ފެންމަތިކޮށް، ރައުދާގެ މަރާލީ ކަމަށް އޭނާގެ ބައްޕަ ތުހުމަތުކުރަމުންދަނީ އެކަމުގެ ފަހަތުގައި ތިބި ބަޔަކު ކޮންމެވެެސް ދުވަހަކުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމުގެ އުއްމީދުގަ އެވެ. އެކަމަކު މިއަދު ޑރ. އަފްރާޝީމްގެ މަރާއި އެމަރާއި ގުޅުމެއް އޮތް ކަމުގެ އިޝާރާތެއް ވެސް ދެން އުފަދޭ ސުވާލަކީ މިކަމެއް މިކުރީ އެކަމުގެ މައުލޫމާތުތައް ރައުދާއަށް އެނގުމުންތޯ؟ މިއީ އުފެދޭ ސުވާލެކެވެ.