ads
ނިހާން--
އެމްއެމްޕީއާރުސީ މައްސަލާގައި ނިހާންގެ ޕާސްޕޯޓް ހިފަހައްޓައިފި
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލާގައި ކުރިއަށްދާ ތަހުގީގަކާއި ގުޅިގެންނެވެ. މިކަން މިހާރު ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. 

މިކަމާއި ގުޅިގެން މިހާތަނަށް ފުލުހުން ބުނެފައިވަނީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ނިހާން ވަނީ ރާއްޖެއިން ފުރުން މަނާކޮށްފައި ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ގިނަ މެމްބަރުންތަކަކަށް ލިބުނު ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން ހިޔާނާތުގެ ފައިސާއިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ 16 މެމްބަރަކަށް މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެއެވެ. 

މި މައްސަލާގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު ނިހާން މީގެ ކުރިން އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް ހާޒިރުކޮށްފައި ވެއެވެ.

ބޮޑުހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވާއިރު އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެ ދެބޭފުޅުންގެ މައްޗަށް ވެސް ވަނީ ހުކުމް ކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް