ads
ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްފައި ވަނީ މި ކަމަށްޓަކައި ވާޗުއަލް ކޮށް ބޭއްވި ރަސްމިއްޔާތެއްގައި——
"ނޫ ރާއްޖެ"ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފި
ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން "ނޫ ރާއްޖެ" ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފި އެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ އެ ކަމަށްޓަކައި "ވާޗުއަލް"ކޮށް ބޭއްވި ހަފުލާއެއްގައެވެ.

އެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއެކު އެއްބަސްވުމެއް އެކުލަވައިލައި، މަސައްކަތް ކުރައްވަން ނިންމެވީ، ދިވެހިން ކަނޑުފަޅުތަކަށް ބަރޯސާވާ މިންވަރު ބޮޑުކަމުން ކަމަށެވެ.

ކަނޑުތަކާއި ފަޅުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އދ ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައެވެ.

ރައީސް ސޯލިހްގެ އިތުރުން އެ ހަފުލާގައި ފިޝަރީޒް މިނިސްޓަރު، ޒަހާ ވަހީދާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު ވެސް ވާހަކަފުޅު ދެއްކެވިއެވެ.

 ވިހި ސައުވީސްވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން  ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާތަކާއި، އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދާނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. 

“މި ޕްރޮގްރާމް މެދުވެރިކޮށް، ނޫ އިޤްތިސާދެއް ބިނާކުރުމުގައި ގުދުރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިއަށް ދިއުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވައިލުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތައަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ސަރުކާރުގެ މަގްސަދެކެވެ.” ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

ނޫ ރާއްޖެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާގައި، އެ ޕްރޮގްރާމްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށްދިޔައެވެ.

އެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި، މޯލްޑިވްސް މެރިން ރީސާޗް އިންސްޓިޓިއުޓްގެ މެރިން ބަޔޮލޮޖިސްޓެއް ކަމުގައިވާ ހަނާ އާމިރާއި، ނޫ ރާއްޖޭގެ ޕްރޮގްރާމް ކޯޑިނޭޓަރު މޫސާ ޒަމީރު ހަސަނާއި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ އެއް ބައިވެރިއެއް ކަމުގައިވާ ވެއިޓް އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ.ކެތެރިން މެންގެރިންކްއާއި، ވެއިޓް އިންސްޓިޓިއުޓްގެ ބްލޫ އިކޮނޮމީ ޑިރެކްޓަރު ޑރ.އަންގަސް ފްރައިޑޭ ހިމެނިވަޑައިގަންނަވައެވެ.

ނޫ ރާއްޖެ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު އެ ޕްރޮގްރާމްގެ ވެބްސައިޓް އިން ލިބޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް