
ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުގައި ބެންގަލޫރު މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.
އޮޑިއްޝާގެ މައްޗަށް ކުރި ހޯދައި، ޕޮއިންޓް ޓޭބަލްގެ ތިންވަނައަށް ބެންގަލޫރު ކުރިއަށް ޖެހުނީ ހަ މެޗުން ބާރަ ޕޮއިންޓް ހޯދައިގެންނެވެ. ބެންގަލޫރު އެފްސީ ހިމެނެނީ މިހާތަނަށް މި ލީގުގައި އަދި އެއްވެސް މެޗަކުން ބަލިނުވާ ތިން ޓީމުގެ ތެރޭގައެވެ. ބެންގަލޫރު ތިން މެޗުން މޮޅުވެފައިވާއިރު، ތިން މެޗުން އެއްވަރުވިއެވެ.
ބުރާސްފަތި ދުވަހުގެ ރޭގެ މެޗުގައި ބެންގަލޫރަށް ފުރަތަމަ ލަނޑު ޖަހައިދީ ކުރި ހޯދައިދިނީ ކެޕްޓަން ސުނިލް ޗެތްރީއެވެ. މިއީ އިންޑިއަން ސުޕާ ލީގުގައި ޗެތްރީ ޖެހި ފަންސާސްވަނަ ލަނޑެވެ. ޗެތްރީގެ ލަނޑާއެކު ފުރަތަމަ ހާފުގައި ބެންގަލޫރުން ކުރި ހޯދާފައިވަނިކޮށް އޮޑިއްޝާއިން އެއްވަރު ކުރީ ދެވަނަ ހާފުގައި ކެޕްޓަން ސްޓީވަން ޓެއިލާ ޖެހި ލަނޑުންނެވެ. އޭގެ ފަހުން ބެންގަލޫރުގެ ބިދޭސީ ފޯވާޑު ކްލެޓަން ސިލްވާ އިތުރު ލަނޑެއް ޖަހައި ބެންގަލޫރަށް ތިން ޕޮއިންޓް ހޯދައިދިނީއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް ބްރެޒިލްގެ ސިލްވާއެވެ.