އަލީ ހުސެން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދުމުގެ މަސައްކަތް 12 ނޮވެމްބަރު 2008 ގައި އޮންނަން ވާނީ ފަށާފައި ކަމަށެވެ.
"އިންސާފު ލަސްވުމަކީ ނާއިންސާފު. އަނިޔާވެރިކަމަށް މައާފު ދިނުމަކީ ވެސް އަނިޔާއެއް. އިންސާފުގެ ބަދަލުގައި އިތުރު އެހެން އެއްޗެއް ނޯންނާނެ،" އަލީ ހުސެން ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
އަލީ ހުސެން އެހެން ވިދާޅުވެފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ އިންތިގާލީ އިންސާފުގެ ބިލްގެ ދަށުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އޮމްބަޑްސްމަން އޮފީހުން ހަމަނުޖެހޭ މައްސަލަތަކުގައި ދެން އޮންނާނީ އެކަމަށް އިއުތިރާފްވެ މައާފަށް އެދުން ކަމަށާއި މައާފަށް ނޭދޭ ނަމަ ޖިނާއީ ދައުވާ ކުރާނެ ކަމަށެވެ.
އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެޖެންޑާ-19 ގެ ލީފްލެޓްގައި ތެދު ހާމަކުރުމާއި މައާފުކުރުން ފާހަގަކޮށްފައިވާނީ ޓިނު ގޮޅިއަކުން ކަމަށެވެ. އޭގެ ބޭނުމަކީ މައާފުކުރުން ކަމާއި އެކަކު އަނެކަކަށް ވީގޮތް އެނގުމާއި، އަނެއް މީހާ ވެސް މައާފަށް އެދުމުގެ އިތުރުން ސުލްހަ މަސްލަސްކަން ގާއިމުކޮށް، ރުޅިވެރިކަން ނައްތާލުމާއި ހަދަސަވެރިކަ ންފިލުވާލުން ކަމަށެވެ.
ނަޝީދު ވިދާޅުވީ އިންތިގާލީ އިންސާފުގެ ދަށުން ހުށަހެޅޭ މައްސަލަތަކުގެ ޝަކުވާތައް ލިބެމުންދާ ވަރަކަށް ކޮންމެ ޝަކުވާއެއް ވަކިވަކިން މުރާޖައާ ކުރަމުން ގެންދެވޭނެ ކަމަށް ވައުދުވެފައި ވާނެ ކަމަށާއި އަދި އެއަށްފަހު އިތުރު ގޮތްތަކެއްގެ ތެރެއިން ޝަކުވާތަކާއި މެދުގައި އަމަލުކުރަމުން ދާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ ލިބިފައިވާ އަނިޔާތައް ދެނެގެނެވޭނެ ކަމަށާއި، ފިޔަވަޅު އެޅުމަށް އެހެން ކޮމިޝަނެއް ވާނަމަ އެ ކޮމިޝަނަށް މައްސަލަ ފޮނުވޭނެ ކަމަށެވެ. އަދި އޮމްބަޑްސްމަން އޮފީހުން ހައްލު ނުވާ މައްސަަލަަތަކުގައި ޖިނާއީ ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ވެސް ފޮނުވޭނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އެދުމަކީ ރުކުގައި ބަދެފައި ބަހައްޓާފައިހުރި ކުއްޖާ އާއި އަނިޔާ ދިން މީހާއާއި ބައްދަލުވެ އެދެމީހުން ސުލްހަކޮށްދިނުން ކަމަށެވެ. ބަދަލެއް ހޯދުމަށް އޮމްބަޑްސްމަންގެ އޮފީހުން ހަމަނުޖެއްސޭ ކަންތައް ހަމަޖެއްސުން އޮތީ އެހެން ޝަރީއަތްތައް ހިންގާގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މާފަށް ނޭދިއްޖެނަމަ ދެން ޖެހޭނީ ޖިނާއީ ދައުވާ ފަށަން ކަމަށެވެ.
އިންތިގާލީ އިންސާފުގެ ބިލަކީ ކޮބާ؟
އެމްޑީޕީ ސަރުކާރުގެ އެޖެންޑާ19 ގައި އިންސާފުގެ ވައުދުގައި ހިމެނޭ ކަންތަކުގެ ތެެރޭގައި، އިންތިގާލީ އިންސާފުގެ ބިލާއި، ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުމުގެ އިތުރުން، ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމުކުރުމާއި ޖަވާބުދާރީ ކުރަވަނިވި ދައުލަތެއް ބިނާކުރުން ހިމެނެއެވެ. އޭގެ ތެރެއިން އިންތިގާލީ އިންސާފުގެ ބިލް ރައީސް ތަސްދީގުގުރައްވާފައިވަނީ އިއްޔެއެވެ.
އެ ބިލަކީ، މިދިޔަ ނޮވެންބަރު މަހުގެ 29 ވި އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހްގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެކެވެ.
އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެ އެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހެއް އުފެދިގެންދާނެ ކަމަށް ބުނެފައިވާއިރު އިއްޔެ ވަނީ ރައީސް އެ އޮފީސްވެސް އުފައްދަވާފައެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހްސެކެވެ.
އޭގެ އިތުރުން ޝަރުއީ ދާއިރާގެ ގިނަ ކަންތައްތަކެއް ވެސް ވަނީ އިސްލާހުކޮށްފައެވެ. އެގޮތުން ޑީޖީއޭއަކީ ޗީފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ހިންގާ ވަކި ޑިޕާޓްމެންޓެއްގެ ގޮތުގައި ހަމަޖެއްސުމާއި ޗީފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް ވަކިކޮށް އަދި ޖަވާބުދާރީކުރުވުން އެއީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަށް އެޖެންޑާ19 ގައި ވެފައިވާ ވައުދުވެސް ވަނީ ފުއްދާފައެވެ.