ސާފު ހުޅުމާލެ ނަމުގައި ބޭއްވި ހަރަކާތުގައި ނައިބު ރައީސް ބައިވެރިވެލައްވަނީ
ޖަޒީރާވަންތަކަމުގެ އެންމެ މުހިންމު އެއް ސިފައަކީ ސާފުތާހިރުކަން: ނައިބު ރައީސް
Share
ރާއްޖެއަށް ލިބިފައިވާ ޖަޒީރާވަންތަ ރީތިކަމުގެ އެންމެ މުހިންމު އެއް ސިފައަކީ ސާފުތާހިރުކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
Advertisement

ނައިބު ރައީސް މިހެން ވިދާޅުވީ، މިއަދު، އެޗްޑީސީ އާއި މައި ކޮލެޖް ގުޅިގެން "ސާފު ހުޅުމާލެ" ނަމުގައި ހުޅުމާލެ ސާފުކުރުމަށް ބޭއްވި ހާއްސަ ހަރަކާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. 

ނައިބު ރައީސް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ބޭއްވި ބޮޑު ހަރަކާތަކީ، މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތެއް ކަމަށާއި، އެކަމުންވެސް ސާފުތާހިރުކަމަށް މިސަރުކާރުން ބޮޑު އަހައްމިއްތުކަމެއް ދޭކަން ހާމަވާކަމަށެވެ. 

ނައަބު ރައީސް ވިދާޅުވީ، ފަތުރުވެރި ކަމަށް ބަލާލިކަމުގައި ވިޔަސް، ރާއްޖެއަށް އެހާގިނަ ފަތުރުވެރިން އައުމުގެ ފަހަތުގައި އޮތް އެއް ސަބަބީ ރާއްޖޭގެ ސާފުތާހިރުކަމަށް ދުވެހިން ދޭ ސަމާލުކަން ކަމަށެވެ. އަދި ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި މިހާރު އާއްޖެއިން ވަރަށް ބޮޑަށް ވަކާލާތުކުރަމުން އަންނައިރު، ސަމާލުކަންދޭން ޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކު ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް ކާމިޔާބު ވާނީ ހުރިހާ ރައްޔިތުންވެސް އެކަމަށް ސަމާލުކަންދީ އެއްބާރުލުން ދެއްވައިގެން ކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސިޓީއެއް ރީތި ސިޓީއަކަށް ވަނީ ނަލަ އިމާރާތްތަކުގެ ސަބަބުން ނޫން ކަމަށާއި، ސިޓީއެއް ހިތްގައިމު ތަނަކަށް ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެސިޓީއެއްގެ ސާފުތާހިރުކަން ކަމަށެވެ. މިކަމަށް މިސާލު ނަންގަވަމުން ނައިބު ރައީސް ވިދާޅުވީ، ސިންގަޕޫރު ހިތްގައިމު ނަލަ ސިޓީއެއްގެ ގޮތުގައި ފެންނައިރު އެތަނުގެ މަގުމަތިން އެންމެ ކުނިކޮޅެއްވެސް ނުފެންނަ ކަމަށެވެ. 

ނައިބު ރައީސް ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުންވެސް އަޅުގަނޑުމެންނަށް ދަސްކޮށްދިން އެންމެ މުހިންމު ކަމަކީ ސާފުތާހިރުކަން ކަމަށާއި، މި ބަލިމަޑުކަމުން އަރައިގަންނަންވެސް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ސާފުތާހިރުކަން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް