
ސަރުކާރުން ބޭނުން ނަމަ އެއާޕޯޓް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ވިދާޅުވުމަށް ފަހު، ވިލާ ކުންފުނިން ސަރުކާރަށް ހުށަހަޅާފައިވަނީ ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް، އިކޮނޮމިކް ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވަނީ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދިނުމަށެވެ.
އިކޮނޮމިކް ކައުންސިލުން ވިލާ ކުންފުންޏަށް ފޮނުވާފައިވާ ސިޓީ މިރޭ ގާސިމް އެކްސްގައި ހާމަކޮށްފައިވާއިރު، އޭގައިވާ ގޮތުން ސަރުކާރުން ނިންމާފައިވަނީ އެއާޕޯޓް ސަރުކާރަށް ނެގުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު 18 މަސް ދުވަހަށް ބަހާލައިގެން ވިލާ ކުންފުންޏަށް ދިނުމަށެވެ.
ނުވަތަ ވިލާ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ އިން 18 މަސް ދުވަހަށް ބަހާލައިގެން އެޖަސްޓްމަންޓެއް ހެދުމަށެވެ. އެ ދެ ގޮތުން ކުރެ، ވިލާ ކުންފުނިން އެދޭ ގޮތެއް އަންގައިދޭން ސަރުކާރުން ވަނީ އެދިފަ އެވެ.
ކާޑެއްދޫ އެއާޕޯޓް ދޫކޮށްލާ "ޑީލް" ސަރުކާރުން ހާމަކޮށްފައި މިވަނީ ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ކާޑެއްދޫ އެއާޕޯޓާ ގުޅުވައިގެން ވިލާ ކުންފުންޏަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރެއް އަޔަސް، ކާޑެއްދޫ އެއާޕޯޓަކީ ވިލާގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް "ތަރިކަ މުދާގަނޑެއް" ގޮތަށް ދީފައި އޮންނަ ފަދަ ތަނެކެވެ.
ރައްދުގައި ގާސިމް މިރޭ ވިދާޅުވީ ކާޑެއްދޫ އެއާޕޯޓްގެ ކަންކަން ހިނގާފައިވާ ގޮތް އޮޅުވާލަން ޔާމީން ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. މިހާރު ދައުލަތުން ހުށަހަޅާފައިވާ ދެ ގޮތުން ކުރެ ގޮތެއް ވިލާ އެއާއިން ހިޔާރުކުރި ކަމެއް އަދި މިހާތަނަށް އެނގިފައެއްނެތެވެ.