
މި ބުރު މިއަދު މެންދުރު ފަހު 02:00 ޖެހީއިރު ފެށިއިރު، ޖުމުލަ 19 ޓީމު ބައިވެރިވެފައިވާ ކަމަށް އުރީދޫއިން ބުންޏެވެ.
މި މުބާރާތް ހުރާގެ އިތުރަށް ށ. ފުނަދޫގައި ބާއްވަން އުރީދޫން ވަނީ ނިންމާފައެވެ. މިގޮތުން، ފުނަދޫގައި ނިންމާފައި އޮތީ، އަންނަ ހުކުދު ދުވަހެވެ. މި ރޭޙުގައި އުރީދޫއިން ހިމެނީ 12 މީހުން ހިމެނޭ ޓީމުތަކެވެ.
ކޮންމެ ރަށެއްގެ ޗެމްޕިއަންކަން ޓީމަށް 25،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ. އަދި ދެ ވަނަ އަށް 10،000ރ. ތިން ވަނައަށް 5،000ރ. ދޭނެ އެވެ. އޭގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާ އަށް ވެސް ހާއްސަ އިނާމެއް ދޭނެ ކަމަށް އުރީދޫން ބުންޏެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި ފޯރިނަގާ އުރީދޫގެ މަސްރޭހުގެ މި އަހަރުގެ ހަރަކާތުގައި ކޮންމެ ސަރަހައްދަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ. އެ 16 ޓީމަށް ވުރެ ގިނައިން ރަޖިސްޓަރީ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ކަނޑައެޅީ ގުރުއަތުންނެވެ. އަދި ނުހޮވޭ ޓީމުތަކަށް ރަޖިސްޓްރޭޝަން ފީގެ ފުލް ރިފަންޑް ލިބޭނެ އެވެ.