
ކޯޓުން ވަނީ އޮގަސްޓު މަހުގެ 26ވަނަ ދުވަހާ ހަމައަށް އޭނާ ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. މިއީ ސްރީ ލަންކާގައި ރައީސްކަން ކުރެއްވި ބޭފުޅެއް ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.
ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ފުލުހުން ހުށަހެޅި ހުށަހެޅުންތަކުން އެނގޭ ގޮތުގައި މުޅި މައްސަލަ ބިނާވެފައި ވަނީ ޔުނިވާސިޓީ އޮފް ވޮލްވާހެމްޕްޓަންގައި އަނބިކަނބަލުންގެ ޕީއެޗްޑީ ގްރެޖުއޭޝަން ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ދަތުރަށެވެ.
ލަންކާގައި 2022 އިން 2024 އަށް ރައީސްކަން ކުރެއްވި ރަނިލް ހައްޔަރު ކުރީ އިނގިރޭސިވިލާތުގައި އޮތް ޔުނިވާސިޓީ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކަށް ސަރުކާރުގެ ބަޖެޓުން ހަރަދު ކުރުވެއްވުމުން ކަމަށް ލަންކާ ނޫސްތަކުން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
އިންވެސްޓިގޭޓަރުން ބުނަނީ ބައިނަލްއަގުވާމީ ދަތުރެއްގެ ތެރެއިން ކުރި މި ދަތުރުފުޅަކީ ރަސްމީ ބޭނުމެއްގައި ކުރެއްްވި ދަތުރެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވުން ކަމަށެވެ.
ކުރީގެ ޕްރެޒިޑެންޝަލް ސެކްރެޓަރީ ސަމަން އެކަނަޔަކަ އާއި ކުރީގެ ޕްރައިވެޓް ސެކްރެޓަރީ ސަންޑްރާ ޕެރޭރާއާ، މި ދަތުރުފުޅު އިންތިޒާމު ކުރި ގޮތާ ބެހޭ ގޮތުން މި މަހުގެ ކުރީކޮޅު ވަނީ ސުވާލުކޮށްފަ އެވެ.
ލަންކާގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރުން އަންނަނީ އެ ގައުމުގައި ހިންގާފައި ހުރި ހިޔާނާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންނެވެ.