ads
ވީޑިއޯ ރިޕޯޓް
4 ކިލޯ މީޓަރުން، 16000 ކިލޯގެ ކުނި!
އެޗްޑީސީން އިންތިޒާމްކޮށްގެން "ސާފު ހުޅުމާލެ" ނަމުގައި މިއަދު ވަނީ ހުޅުމާލޭގައި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި އިވެންޓުގައި ވަނީ 16329.3 ކިލޯގެ ކުނި ހޮވާފައެވެ. ކިރިޔާ 4 ކިލޯ މީޓަރު ހަމަވާ ހުޅުމާލޭ އެއް ވަނަ ފޭސް އިން މިހާ ގިނަ އަދަދެއްގެ ކުނި ހޮވިއިރު، މިއިން ކޮންމެ ކުނި ކޮޅަކީވެސް ކޮންމެވެސް މީހެއްގެ އިހުމާލުން މަގުމަތީގައި އޮންނާނެ ކުނިކޮޅެކެވެ.
Advertisement

ރުއްގަނޑު 1 ސަރަހައްދުގައި ބޭއްވި އެ ޕްރޮގްރާމް ފަށާފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ޕްރޮގްރާމް ފައްޓަވާދެއްވާފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި ސަރުކާރުން ސާފުތާހިރުކަމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ދެއްވާ ސަމާލުކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް މިސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރެއްވެވިއެވެ. އަދި ހަމަ އެއާއެކު ސަރުކާރު ހަވާލުވުމަށްފަހުވެސް އެންމެ ފުރަތަމަ ބޮޑު އިވެންޓެއްގެ ގޮތުން ބޭއްވިގެން ދިޔައީ ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއްކަން ނައިބު ރައީސް ފާހަގަކުރެެއްވިއެވެ.

މިއަދު މި ފެށި ހަރަކާތުގައި ހުޅުމާލޭގެ 40 ސަރަހައްދެއް ސާފުކޮށް 2 ގަޑިއިރުގެ ތެރޭގައި ޖުމްލަ 18 ޓަނު (16329.3 ކިލޯ) ގެ ކުނި ވަނީ އެއްކޮށްފައެވެ. މި އިވެންޓުގައި މައިކޮލެޖްގެ ފަރާތުން ވަނީ 20 އަށްވުރެ ގިނަ ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވެފައެވެ. "ލެޓްސް ގްރީން އިޓް ކެމްޕެއިންގެ ދަށުން މައި ކޮލެޖްގެ ތީމަކީ "ކީޕް ސިޓީ ކްލީން"އެވެ.

ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް ދައުވަތު ދެވިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އާއްމުން ވެސް ވަނީ އެމީހަކަށް ވެވުނު ގޮތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

އެގޮތުން ރަށުތެރޭގެ އެކި ސަރަހައްދުތަކަށް އެ ހަރަކާތުގެ ބައިވެރިން ފެތުރުގަނެ ކުނި ނެގުމުގެ ފޯރު ހިފާލިއިރު އެ މަންޒަރު ބަލަން ކެތް ނުކުރެވިގެން އެެޕާޓްމެންޓްތަކުން ނިކުމެ އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ.

އެގޮތުން އަޅުގަނޑުގެ ލޮލުގައި އަޅާގަތީ މެދު އުމުރުފުރާގެ ދަތްތައަކު އެ ސަރަހައްދުގައި ހަރަކާތްތެރިވެ ވަރަށް ފޯރީގައި އެހީތެރިކަން ފޯރުކޮށްދެމުން ދިޔަތަން ފެނުމުންނެވެ. ދައްތަގެ ހުރި ޖޯޝް ފެނި އެ ސަރަައްދުގައި ކުރަނީ ކީއްތޯ އަހާލުމުން ދައްތަ ބުނީ އެ ސަރަހައްދު ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑަށް ހަޑިވި ދުވަސްކޮޅު އެ ސަރަހައްދު ސާފުކުރަމުން އައީ ދައްތަ އާ އެ ސަރަހައްދުގައި ދިރިއުޅޭ ދެތިން މީހެއް ކަމަށެވެ. މިއަދު ބަޔަކު އެގޮތަށް ސާފުކުރަން ނިކުތުމުން ނުހުރެވިގެން އަނެއްކާ ވެސް އައީކަމަށް ދައްތަ ކިޔައި ދިނެވެ. 

އެ ސަރަހައްދު އަބަދުވެސް ސާފުކުރާކަމަށް ދައްތަ ބުނެއެވެ. ފެނުނީ އަތޮޅުތެރޭގަ ރީތިކޮށް ގަސް އިންދާފަ ހުންނަހެން އެ ސަރަހައްދަު ސާފުކޮށް ބެލެހެއްޓުމުގެ އިތުރުން މާހައުލު ފެހިކޮށް އެކި ޒާތުގެ ގަސްތައްވެސް އިންދާ ތަން ވަރަށް އުޖާލާކޮށްފައި އޮށްވައެވެ.

މީގެ އިތުރުން ވެސް އެކި އެންޖީއޯސް ތަކުންނާއި މުވައްސަސާ ތަކުން ވަނީ އެ ހަރަކާތުގައި ހުޅުމާލެ ސާފުކުރުމަަށް ފޯރިއާއިއެކު ހަރަކާތްތެރިވެފައެެވެ. އޭގެ ތެރޭގައި އެޗްޑީސީގެ އިތުރުން ޔޫތު މިނިސްޓްރީއާއި ޓްރީޓޮޕް ވެސް ބައިވެރިވެފައިވެއެވެ. އެފަރާތްތަކާއި ވާހަކަދައްކާލެވުމުން އެގިގެންދިޔައީ މިފަދަ ކޮންމެ ކަމެއްގައި އެއްބާރުލުން ދިނުމަށް ކޮންމެ ވަގުތެއްގައިވެސް މި މުވައްސަސާތައް ތައްޔާރަށް ތިބި ކަމެވެ. އެހެންނަމަވެސް ދިރިއުޅޭ މާހައުލު ހަޑިވިޔަ ނުދީ " ސާފު ހުޅުމާލެ ގޮތުގައި ބޭއްވުމަށް މަގުތަކުގައި ޑަސްބިން ބެހެއްޓުމަށާއި އާޢްމުން ހޭލުންތެރިކުރުވުން މުހިންމުކަމެވެ. 

"ސާފު ހުޅުމާލެ" ނަމުގައި ބާއްވާ އެ ޕްރޮގްރާމް ބޭއްވުމުގެ މަގްސަދަކީ ތިމާވެށި ސާފުކޮށް ބޭއްވުމަށް ބާރުއަޅައި، ހުޅުމާލޭގައި ކުނި ގިނަވެފައިވާ ސަރަހައްދުތައް ދެނެގަނެ އެ ތަންތަން ސާފުކުރުމުގެ އިތުރުން، ރައްޔިތުންގެ މެދުގައި ތިމާވެށި ސާފުކުރުމުގެ ލޯބި އާލާކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް