
މި އަހަރުގެ ލީގާ ޔުނައިޓެޑް ވިކްޓްރީން ކުރިމަތިލީ އިރު އެ ޓީމުގެ ކޯޗު މުހައްމަދު އާދަމްގެ ޓާގެޓެއް ކަމަށް ކަނޑައަޅާފައިވަނީ ލީގު ޗެމްޕިއަންކަން ހޯދުމެވެ. ލީގުގައި މިއަދު ހަވީރު ކްލަބު ވެލެންސިއާ އަތުން ހަތަރު ލަނޑު ސުން ލަނޑުން ބަލިވިއިރު، ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ އަތުންވެސް ޔޫވީ ބަލިވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މާނައަކީ ލީގަށް ޓާގެޓް ކުރި ޔޫވީ ދެ މެޗު ކުޅުނު އިރު ލަނޑެއް ނުޖެހޭ އިރު ބައިކޮޅަށް އަށް ގޯލުވަނީއެވެ.
ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގައި ޔޫވީ ކޮޅަށް ލަނޑުތައް ޖެހީ ދަގަނޑޭ، ސެންޓޭ އަދި ބިޗަޑުއެވެ. ސެންޓޭ ދެ ގޯލު ޖެހިއެވެ. މިއާ އެކު ވެލެންސިއާއިން ކުޅުނު ދެ މެޗުންވެސް އެ ޓީމުވަނީ މޮޅުވެފައެވެ. ޔޫވީ ދެން ކުޅެން ޖެހޭނީ ގްރީން ސްޓްރީޓްސްއާއެވެ.
ޔޫވީ ވެލެންސިއާ މެޗުގެ ތެރެއިން ބަކާ އަދި ސެންޓޭ
މިދިޔަ ސީޒަން ހަތްވަނައިގައި އޮވެ ނިންމާލި ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު އާދަމް، ސީޒަން ފެށުމުގެ ކުރިން ބުނެފައިވަނީ ޔޫވީން ނުކުންނަނީ ލީގު ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ.
ދިވެހި ލީގުގެ މި އަހަރުގެ މުބާރާތުން ޔުނައިޓެޑް ވިކްޓްރީއަށް ފުރުސަތު ދީފައިވަނީ ޔުނައިޓެޑް ވިކްޓަރީއަށް ވުރެ މަތިން އެންމެ ފަހުން ލީގުގައި ވާދަކުރި ފޯކައިދޫ މުބާރާތުން ބާކީ ކުރަން އެފްއޭއެމްގެ އެކްސްކޯއިން ނިންމުމަށް ފަހުއެވެ. މިދިޔަ ލީގަށް ފަހު އެފްއޭއެމުން ނިންމީ އަތޮޅުތަކުން އައިސްފައިވާ ޓީމުތަކަށް ދިވެހި ލީގުން ފުރުސަތު ނުދޭށެވެ. މި ނިންމުމާއި އެކު ޔޫވީއަށްވުރެ ރަނގަޅު ނަތީޖާ ހޯދާފައިވާ ފޯކައިދޫ ލީގުން ބާކީކުރިއެވެ.