
ފީފާގެ މެންޑޭޓް
ނޯމަލައިޒޭޝަން ކޮމިޓީ ފޭލްވީ ފީފާގެ މެންޑޭޓާ ހިލާފް ވުމުންނެވެ. ފީފާގެ މެންޑޭޓް އެވަނީ ފީފާގެ އަސާސީ ގަވާއިދުގެ 8 ވަނަ މާއްދާގެ 2 ވަނަ ނަމްބަރުގައި ބަޔާން ކޮށްފަ އެވެ. އެ މާއްދާގެ ދަށުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އެ ވަނީ އުވާލާފައެވެ. އަދި އެ ކޮމިޓީގެ ބާރުތައް ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފަ އެވެ.
ފީފާގެ އަސާސީ ގަވާއިދުގެ 8 ވަނަ މާއްދާގެ 2 ވަނަ ނަންބަރު
މި މާއްދާ ގެދަށުން އެގްޒެކެޓިވް ކޮމިޓީ "ރިޕްލޭސް" ކުރަނީ އެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ ބަދަލުގައި ނޯމަލައިޒޭޝަން ކޮމިޓީ އަށް އެފްއޭއެމް ދުވަހުން ދުވަހަށް ހިންގުމުގެ ހުރިހާ ބާރެއް ދެނީ އެވެ. ވީމާ އަސާސީ ގަވާއިދާ ހިލާފަށް ކުރީގެ އެސޯސިއޭޝަނުން ނުކޮށް ހުރި ކަންކަން ދެން ކުރަން ޖެހެނީ ނޯމަލައިޒޭޝަން ކޮމިޓީއަށެވެ. ނޯމަލައިޒް ކުރުމަކީ މިއީ އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ މެންޑޭޓް އިތުރަށް ތަފްސީލްކޮށް ދީފައި ވަނީ ފީފާގެ "ރެގިއުލޭޝަންސް ގަވަރނިންގް ދަ އެޕްލިކޭޝަން އޮފްދަ ސްޓެޓިއުޓްސް" ގެ ތިން ވަނަ ބާބުގަ އެވެ. އެބާބުގައި ތަފްސީލްކޮށްދީފައިވާ ނުކުތާތަކުގެ ތެރއިން 3 ވަނަ ނުކުތާ ހާއްސަގޮތެއްގައި ފާހަގަ ކުރަން ޖެހެ އެވެ. އެ ނުކުތާގައި ވަނީ ދުވަހުން ދުވަހަށް އެފްއޭއެމް ހިންގުމާއި، ފީފާ އާއި މަޝްވަރާކޮށްގެން އަސާސީ ގަވާއިދު ދިރާސާ ކުރުމަށް ފަހު ގެންނަންޖެހޭ ބަދަލުތައް ގެނައުމަށެވެ. އަދި އެއަށް ފަހު އާ އެގްޒެކެޓިވް ބޮޑީ އެއް (އެގްޒެކެޓިވް ކޮމިޓީ) އިންތިހާބު ކުރުމަށެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ މެންޑޭޓް އިތުރަށް ތަފްސީލްކޮށް ދީފައި ވަނީ ފީފާގެ "ރެގިއުލޭޝަންސް ގަވަރނިންގް ދަ އެޕްލިކޭޝަން އޮފްދަ ސްޓެޓިއުޓްސް" ގެ ތިން ވަނަ ބާބު
ފީފާގެ މެންޑޭޓާ ހިލާފުވުން
ނޯމަލައިޒޭޝަން ކޮމިޓީން ދުވަހުން ދުވަހަށް އެފްއޭއެމް ހިންގުމާ ހަވާލެއް ނުވެ އެވެ. މެމްބަރުންގެ އޮފީސް ގަޑިއަށް ފަހު، ގެއަށް ވަޑައިގަންނަވާ މަގުމަތީ، ކުޑަ ވަގުތުކޮޅަކަށް ބައެއް ފަހަރަށް އެފްއޭއެމަށް ވެދެވަޑައި ގަންނަވާކަމަށް ވެ އެވެ. އެހެން ނަމަވެސް ފީފާއިން ދޭ 4،000 އާއި 6،000 ޔޫއެސް ޑޮލަރުގެ މަހު މުސާރަ ގަވާއިދުން ހިނގާތާ އަހަރެއް ވަނީ އެވެ.
އެފްއޭއެމް ހިންގަން ދޫކޮށްލާފައި ވަނީ ކުރީގައި ވެސް އެފްއޭއެމް ހިންގި އޮފިޝަލުންގެ އަތްމައްޗަށް ކަމަށް ވެއެވެ. އެ ވެރިންގެ ރައުޔޫ އާ އެއްގޮތަށް މާލޭގެ މަދު ކްލަބްތަކެއް ބޭނުން ވާގޮތަށް އެފްއޭއެމް ހިންގާށެވެ. މި ކްލަބްތަކުން ބޭނުން ވަނީ އަސާސީ ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން އުފައްދަން ޖެހޭ ރީޖަނަލް އެސޯސިއޭޝަންތައް ގާއިމް ކުރިޔަ ނުދީ، ޒޯން ވޯޓް އުވާލާށެވެ. އަދި 10 ވަނަ މާއްދާގެ 1 ގެ (ޑީ) އިން އުފައްދަން ޖެހޭ އިންޓަރެސްޓް ގްރޫޕްތައް ވެސް އުފެދުނަ ނުދީ، އުވާލާށެވެ.
ނިލަންދޫ ސކ ގެ މައްސަލަ
ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީ އާ ހަވާލުކޮށްފައި ވަނީ އަސާސީ ގަވާއިދާ އެއްގޮތަށް، 9 ޒޯންގެ ވޯޓިންގް ޑެލިގޭޓުންނަށް ކޮންގްރެސްއަށް ދައުވަތު ދޭ ށެވެ. އަސާސީ ގަވާއިދުގެ 22 ވަނަ މާއްދާގެ (ޑީ) އިން މިކަން ކަށަވަރުކޮށްދީފައިވެ އެވެ.
ވީމާ، ޒޯން-5 ގެ ޗެމްޕިޔަން ނިލަންދޫ ސކ ން 15 މާޗް 2025 ގެ ކޮންގްރެސްގެ ޒޯން ވޯޓިންގް ޑެލިގޭޓް އޮޅުން ފިލުވުމަށާއި، އޭނާއަށް ދައުވަތު ދިންތޯ އޮޅުން ފިލުވުމަށް ނޯމަލައިޒޭޝަން ކޮމިޓީއަށް ސިޓީއެއް ފޮނުވި އެވެ. ކޮންގްރެސްގެ ހަފްތާއެއް ކުރިން 8 އޭޕްރިލް 2025 ގައި ފޮނުވި އެސިޓީގައި އިތުރަށް ފާހަގަކޮށްފައި ވަނީ، އެކްލަބަށް ކޮންގްރެސްއެއްގެ ހަބަރު ލިބުނީ ވެސް އޮންލައިން ނޫސްތަކުން ކަމަށެވެ.
ނޯމަލައިޒޭޝަން ބޮޑުތަނުން ފޭލްވެއްޖެ!؟
ގަވާއިދާ ހިލާފަށް ކޮންގްރެސް ބޭއްވުން
ނިލަންދޫ ސކ އަށް ޖަވާބެއް ނުދީ ގަވާއިދާ ހިލާފަށް ކޮންގްރެސް ކުރިއަށް ގެންދިޔަ އެވެ. ޖެހިގެން އައި ދުވަހު ސޭވް އެފްއޭއެމްގެ މަންދޫބު ހުސެއިން ރަޝީދު، ކޮންގްރެސް ހިންގަން ބޭނުން ކުރި އަސާސީ ގަވާއިދާއި، ވޯޓާ ލިސްޓްގެ ކޮފީއަކަށް އެދުނެވެ. ސެކްރެޓްރީ ޖެނެރަލް ނާހިލް އަހްމަދު ސިއްދީގީ މިމައުލޫމާތު ދޭން އިންކާރު ކުރި އެވެ. އެއަށް ފަހު، ލިޔުމަކުން ހުށަހެޅިތާ ދެ ހަފްތާވީ އެވެ. މިއަދާ ހަމައަށް ވެސް ނޯމަލައިޒޭޝަން ކޮމިޓީން ޖަވާބެއް ނުދެ އެވެ.
ކޮންގްރެސް އޮބްޒާވް ކުރަން ވަޑައިގެންނެވި ފީފާގެ ހައްރާޒް ފުރާވަޑައިގަތީ ކޮންގްރެސްގެ ސައްހަ ކަމާބެހޭ ގޮތުން ބަސްފުޅެއް ވިދާޅުނުވެ އެވެ. ކޮންގްރެސްގެ ހަފްތާއެއް ފަހުން 23 އޭޕްރިލް 2025 ގައި ނިލްނަދޫ ސކ ގެ މެނޭޖަރު އަންވަރު އަލީ، ސޭވް އެފްއޭއެމް އާ އެކު ނޯމަލައިޒޭޝަން ކޮމިޓީ އާ ބައްދަލުކޮށް އެކްލަބްގެ NSC-A/2025/02 ސިޓީއަށް ޖަވާބު ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައިވެ އެވެ.
ނިލަންދޫ ސކ އަށް ވެސް އަދި ހުސެއިންވރަޝީދަށް ވެސް މިހާތަނަށް ޖަވާބެއް ނުދޭކަމަށްވެ އެވެ. ނަމަވެސް އެނގެންވާނެ ކަމަކީ ޖަވާބު ނުދި ފަރަކު ނުޖެއްސޭނެ ކަމެވެ. އެއީ، ނޯމަލައިޒޭޝަން ކޮމިޓީ އަށް ވެސް ކޮންގްރެސްއެއް ބޭއްވޭނީ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށްވާތީ އެވެ. ނިލަންދޫ ސކ ން އެ ބުނާގޮތަށް 9 ޒޯންގެ ވޯޓިންގް ޑެލިގޭޓުން ބައިވެރި ކުރަން އަސާސީ ގަވާއިދު ލާޒިމް ކުރެ އެވެ. އަދި އުވާލަން އުޅުނު އިންޓަރެސްޓް ގްރޫޕްތައް ވެސް ބައިވެރިވކުރަން ޖެހެ އެވެ.
އެހެން ނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީން މިވަގުތު ވެސް މަސައްކަތް ކުރަމުން އެ ގެންދަނީ އިތުރު ގޯސްވހަދާށެވެ. އެއީ މާލޭގެ 18 ކްލަބް ބައިވެރިކޮށްގެން އަސާސީ ގަވާއިދު ބަދަލު ކުރަން އަނެއްކާ ވެސް ކޮންގްރެސްއެއް ބާއްވާށެވެ. ވީމާ ނޯމަލައިޒޭޝަން ކޮމިޓީން އަމަލު ކުރަނީ ފީފާއިން ހަވާލުޗކުރި މެންޑޭޓާ ސީދާ އިދިކޮޅަށެވެ.
ގޯހުން ގޯހަށް!
އެކްސްޓަރާ އޯޑިނަރީ ކޮންގްރެސް އަސާސީ ގަވާއިދާ ހިލާފަށް މާލޭ ޒޯންގެ އާއްމު ޖަލްސާއެއް ގޮތުގައި ބޭއްވުމަށް ފަހު މިހާރު މަސައްކަތް ކުރަމުން ގެންދަނީ އެފަދަ ދެ ވަނަ އާއްމު ޖަލްސާއެއް ބާއްވާށެވެ. މިފަހަރު އާއްމު ޖަލްސާ ބާއްވަނީ އަސާސީ ގަވާއިދު ބަދަލު ކުރަން ކަމަށް އިއުލާނުކޮށްފައި ވެއެވެ.
ފީފާގެ ހައްރާޒުގެ ނުރައްކާ -
ނޯމަލައިޒޭޝަންގެ ކަންކަމުގައި ފީފާގެ ހައްރާޒްގެ ނުރައްކާ ވަރަށް ވެސް ބޮޑުކަމަށް އެއް ބަޔަކު ދެކެ އެވެ. އޭނާ ވަނީ މާލޭގެ މަދު ކްލަބެއް އެދޭގޮތަށް އަސާސީ ގަވާއިދު ބަދަލު ކުރަން ފުޓްބޯލް ކޮންފަރެންސެއް ބާއްވާފަ އެވެ. އޭނާ ހުށަހެޅި އަސާސީ ގަވާއިދަކީ ފުޓުބޯޅަ 20 އަހަރު ފަހަތަށް ޖައްސާނެ ގަވާއިދެއް ކަމަށް ސޭވް އެފްއޭއެމްގެ މެމްބަރު ޝާހް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.
ނޯމަލައިޒޭޝަން ބޮޑުތަނުން ފޭލްވެއްޖެ!؟
ތުންތުން މަތިން ދެކެވޭ ވާހަކަ
ތުންތުންމަތިން ދެކެވޭ ވާހަކައަކީ ފީފާގެ ހައްރާޒަކީ ކުރީގެ ސެކެރެޓްރީ ޖެނެރަލް ޖައުޝަން ޝަރީފް އަދި މިނިސްޓަރު ރާފިއުއާ ވެސް ގުޅިފައިވާ ބޭފުޅެއް ކަމަށެވެ. މިބޭފުޅުން ބޭނުންފުޅު ވަނީ ފީފާގެ ހައްރާޒް މެދުވެރިކޮށް މާލޭގެ ކްލަބްތައް ޑޮމިނޭޓް ކުރެވޭގޮތަށް އަނެއްކާ ވެސް އެފްއޭއެމް ބައްޓަން ކުރާށެވެ. މި ވިސްނުމުގައި މިހާރު ވެސް މިނިސްޓަރު ރާފިއު އެވަނީ މާލޭގެ 10 ކްލަބަކަށް 1،000،000 ރުފިޔާގެ ރޭޓުން ފައިސާ ބަހާފަ އެވެ. އެހެން ނަމަވެސް ފައިސާ ލިބުނު 10 ކްލަބަގެ ތެރެއިން 7 ކްލަބް އެވަނީ ލީގް ކަޕް ކުޅެން އުޒުރު ވެރިވެފަ އެވެ. މިލިއަނުން ފައިސާ ބެހި ނަމަވެސް މާލޭ ކްލަބަތަކުގެ މެޖޯރިޓީ ވެސް މިހާރު އެވަނީ ގެއްލިފަ އެވެ.
ނޯމަލައިޒޭޝަން ބޮޑުތަނުން ފޭލްވެއްޖެ!؟
ސަރުކާރުން ބޭނުންވާގޮތް:
ސަރުކާރުން ބޭނުންވާކަމަށް ވަނީ އަނެއްކާ ވެސް މާލެއަށް ވޯޓް ގިނަ ވާގޮތަށް ގަވާއިދު ބަދަލު ކުރާށެވެ. މި ވަގުތު ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ އެފްއޭއެމްގެ ރިޔާސީ ކެންޑިޑޭޓް، މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު ތާރިގެވެ. ގަވާއިދު އިސްލާހު ކުރަން އިއުލާނު ކުރުމާ އެކު 10 ކްލަބެއްގެ ތާއީދާއިއެކު އެމަނިކުފާނު އެ ވަނީ ވަގުތުން އިސްލާހް ހުށަހަޅުއްވާފަ އެވެ.
ގަވާއިދު އިސްލާހްކުރާ ކޮންގެރެސް:
މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، އަސާސީ ގަވާއިދާ ހިލާފަށް ބާއްވާ ކޮންގްރެސްއަކުން އަސާސީ ގަވާއިދު އިސްލާހް ކުރާށެވެ. ނޯމަލައިޒޭޝަން ކޮމިޓީން މާލެއަށް ބުރަވާ އެސޯސިއޭޝަނެއް ބައްޓަން ކުރަން މިހާ ވަރަކުން އެ އުޅުއްވަނީ ކީއްވެތޯ ސުވާލު އުފެދެ އެވެ. ފީފާގެ މެންޑޭޓާ ހިލާފަށް އަމަލު އެ ކުރަނީ ސިޔާސީ ނުފޫޒުގެ ބަޑި ނޯމަލައިޒޭޝަން ކޮމިޓީގެ ބޮލުގައި ޖެއްސުމުން ކަމުގައި ގިނަ ބަޔަކު ދެކެ އެވެ.
ފޭލްވީމާ ސަސްޕެންޑްކުރުން
2016 އިން ފެށިގެން ކަން ކުރަމުން ގެންދިޔަގޮތަށް، މިފަހަރު ވެސް، ފީފާއަށް އޮޅުވާލުމަށްޓަކާ ކޮންގްރެސް ހިންގާފައި ވާނީ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް ސޮއި ކުރައްވާ ތައްގަނޑު ޖައްސަވާނީ ވަގުތީ ސެކެރެޓްރީ ޖެނެރަލް ކަމަށް ވާނެ އެވެ. މީގެވކުރިން ވެސް މިކަން ކުރަމުން އައިސްފައި ވަނީ މިގޮތަށްކަމަށް، ޝާހް އިސްމާއިލް ވަނީ ކޮމިޓީގެ ޗެއަރޕާސަން އަހްމަދު މުއިއްޒުއަށް ދާދި ފަހުން ހަނދުމަފުޅުކޮށް އަރުވާފަ އެވެ.
ފީފާއިން ރާއްޖެ ނޯމަލައިޒޭޝަން ކޮމިޓީ އަކަށް ފޮނުވީ ދެ ވަނަ ފުރުސޮތެއް ދިނުމުގެ ގޮތުން ކަމަށް ބެލެވެ އެވެ. ފީފާއިން ދެ ވަނަ ފުރުސަތެއް ދޭން ބޭނުންވި ނަމަވެސް، އޭޝިއަން ފުޓްބޯޅް ކޮންފެޑެރޭޝަން، (އޭއެފްސީ) ގެ ހިޔާލު ތަފާތެވެ. އޭއެފްސީން ރާއްޖެ މާ ގާތުން ދަނެ އެވެ. އޭއެފްސީން ދެކެނީ، އެފްއޭއެމް ޖެހޭނީ ސަސްޕެންޑް ކުރަން ކަމަށެވެ!
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލް ޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލް ޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލް ކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.