ކުރީގެ އިސްގާޒީ ހައިލަމް ޑރ. އިޔާޒް އަށް ފާޑުވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން، އޭރު ޖަލުގައި ތިބި ހުރިހާ ސިޔާސީ ފަރާތްތަށް ދޫކޮށްލުމަށް ނެރުނު އަމުރާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ގާނޫނާއި ހިލާފަށް ކަމަށް ޑރ. އިޔާޒް ވިދާޅުވުންނެވެ.
އިޔާޒް ކުރެއްވި ޓްވީޓަށް ރަށްދު ދެއްވަމުން ހައިލަމް ވަނީ، "ފުރާޅުން ޓިނު ނަގައިގެން ދެ ފަނޑިޔާރަކު ހައްޔަރުކުރަން ޖެހުނު ސަބަބު ފުލުހުން އެވިދާޅުވެދެއްވީ" ކަން ފާހަގަކުރައްވައި އޭރު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ވީޑިއޯކޮޅެއް ދޫކޮށްލައްވާފަ އެވެ.
އެ ވީޑިއޯގައި، ގާޒީ އަބްދުﷲ ސައީދުގެ މައްޗަށް އޭރު ކުރެވުނު، ރާއްޖޭގެ ބޮޑު ކުންފުންޏަކުން ސުޕްރީމް ކޯޓުގެ ގާޒީންނަށް ނާޖާއިޒު މަގްސަދެއް ހިމެނޭގޮތަށް ދިންކަމަށް ތުހުމަތު ކުރެވޭ 2.4 މިލިއަން ޑޮލަރުގެ މައްސަލާގައި އެއް ބެނެފިޝަރީއަކީ އަބްދުﷲ ސައީދުކަމަށް ފުލުންނަށް ޔަގީން ކުރެވޭކަމަށާއި، އަދި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން ރައްޖެއިން ބޭރުން އަގުބޮޑެތި މުދާ ގަތުމަށް އެތަކެތި ބަލަން ދަތުރުކޮށް އެތަންތަނަށް ޒިޔާރަތް ކޮށްފައިވާކަމާއި، އެކަންކަމުގައި ގާޒީ އަބްދުﷲ ސައީދު އަމަލީގޮތުން ބައިވެރި ވެފައިވާކަމުގެ ކިތާބީ ހެކި ފުލުހުންނަށް ލިބިފައިވާކަމަށް ފުލުން ބުނެއެވެ.
މި ވީޑިއޯ ދޫކޮށްލެއްވުމަށްފަހު ގާޒީ ހައިލަމް ވިދާޅުވީ، ކިތާބީ ހެކި ހުރި މިވަރުގެ މައްސަލައެއްގެ ތަހުގީގު ހުއްޓާލެއްވި ސަބަބު ރައްޔިތުންނަށް ސާފުކޮށްދެއްވުން އެދިލައްވާ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެ ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެވެ.