ads
ވީޑިއޯ ރިޕޯޓް
ގައުމީ ތަރައްގީގެ ހަގީގީ "ބާނީންނަކީ" ބިދޭސީން!
ތޮއްޖެހި، ބާރުވެ ފުރިފައިވާ ރާއްޖޭގެ ވެރިރަށް މާލޭގައި ތޮއްޖެހިގެން ދެ ލައްކައަށްވުރެ ގިނަ މީހުން ދިރިއުޅޭ އިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެއެވެ. މާލޭގައި ދިރިއުޅޭ މީހުން ގޯއްޗަކާއި، އުޅޭނެ ތަނެއްގެ ވާހަކަ ދައްކާލާއިރު، އެންމެ ނިކަމެތި ހާލުގައި އުޅޭ ބިދޭސީންގެ ވާހަކަ ނުގެނައުމަކީ އަޅުގަނޑުގެ ހިތުގައި ވަރަށް ބައިވަރު ޝުއޫރު އުފެދޭ ކަމެކެވެ.
Advertisement

މިހެން ބުނުމުން ތިޔަ އެންމެ ބޭފުޅުން ކުއްވެރިކުރާނީ އަޅުގަނޑެވެ. ނަމަވެސް ހަގީގަތް ވާނީ ހަމަ ހަގީގަތަށެވެ. މާލޭގެ އެންމެ ނިކަމެތި ހާލުގައި އުޅެނީ މަސައްކަތްތައް ކުރުމުގެ ނަމުގައި ކޮންމެވެސް އަހުވައެއް ދައްކައިގެން ގެންނަ ބިދޭސީންނެވެ. އާއިލާ އާއި ދަރިން އަމިއްލަ ގައުމުގައި ބައިތިއްބައި ހުރިހާ ކަމެއް ގުރުބާން ކުރުމަށްފަހު އެ ބިދޭސީން މަސައްކަތްކުރަން ރާއްޖެ އަންނަނީ ބޮޑެތި އުންމީދުތަކެއް ކޮށްގެންނެވެ. ނަމަވެސް އެ އުންމީދުތައް ވިއްސި ވިހާލެވިގެން ދަނީ ހަމަ ބައެއް ޖާހިލު، ހަޔާތްކުޑަ ބައެއް ދިވެހިންގެ ސަބަބުންނެވެ. 

އަމިއްލަ ގެދޮރާއި އާއިލާ ގުރުބާން ކޮށްލައިގެން މަސައްކަތް ކޮށްދޭން އަންނަ އެ ބިދޭސީ މީހާ ރާއްޖެއަށް ގެނަސް އެންމެ ފުރަތަމަ ކުރާ ކަމަކީ އެމީހާގެ އަތުގައި އޮތް ޕާސްޕޯޓް ނަގައި ހިފެހެއްޓުމެވެ. އެއަށްފަހު އޭނާ ގެންދަނީ ޖާގަ ކުޑަ، ގޮޅި އެއް ހެން ހީވާ ކޮތަރު ކޮށްޓެއް ކަހަލަ "ބަނގާޅު ކޮށި" ނަން ދީފައިވާ ކޮށްޓަކަށެވެ.  އެ ކޮޓަރިގަނޑުގައި އިތުރު ވިއްސަކަށް ބިދޭސީން ނިދައި ކައިބޮއި ހަދައެވެ. ޖާގަ ކުޑަ އެ ކޮޓަރިގަނޑުގެ ސާފުތާހިރުކަންވެސް ހުންނަނީ ކަންބޮޑުވާންޖެހޭ މިންވަރަށެވެ. 

އެއަށްފަހު އެ ބިދޭސީން ނެރެ، އެމީހުން ލައްވައި ބުރަ މަސައްކަތްތައް ކުރުވަ އެވެ. މަގުމަތި ހަދަން ބިދޭސީންނެވެ. ގެއެއް ނުވަތަ އިމާރާތެއް އަޅަން ވިޔަސް ބިދޭސީންނެވެ. ކުނި އުކާލަންވެސް ބިދޭސީންނެވެ. ބިދޭސީން ލައްވައި އެ ހުރިހާ މަސައްކަތެއް ކުރުވާ އިރު އެ ބިދޭސީ ރައްޔިތުންނަށް ހަމަ މުސާރަ ނުދެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ މަސައްކަތް ހަވާލުކުރާ ފަރާތުން ކޮންމެވެސް ގޮތަކުން އެ ލާރިކޮޅު ކާލައި، ބިދޭސީންނަށް ހަ މަހުގެ އިތުރުން އެއް އަހަރަށް ވާ ވަރަށް މުސާރަ ނުދީ ހިފަހައްޓާ ތަނެވެ. 

މިއަހަރު ވެސް އަޅުގަނޑަށް އިވުނު އެއް ހަބަރަކީ ރައްޔިތުންގެ މަޖިލިސް މެމްބަރަކު ހިންގާ ކުންފުންޏެއްގެ ދަށުން މަސައްކަތްކުރަމުން އައި ބިދޭސީންތަކަށް އަށް މަހުގެ މުސާރަ ނުދީ ހިފަހައްޓާފައިވާ ހަބަރެވެ.

ރާއްޖޭގައި ބިދޭސީންނާއި މެދު މިފަދައިން އަމަލު ކުރެވޭ އިރު، ކަމާއި ބެހޭ ފަރާތްތަކުން މި މައްސަލައަށް ހައްލެއް ގެނައުމަށް އެދެވޭ މަސައްކަތެއް ނުކުރުން އެއީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. ސަރުކާރުން ވަނީ "ގަވާއިދާއި ހިލާފަށް" އުޅޭ ބިދޭސީންނާއި، ލިޔެކިއުންތައް ނެތް ބިދޭސީން ފޮނުވާލުމަށް ޕްރޮގްރާމެއް ފަށައިފަ އެވެ. ނަމަވެސް މިއީ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލުތޯ އެވެ؟

އެ ބުނާ "ގަވާއިދާއި ހިލާފަށް" އުޅޭ ބިދޭސީ ފަރާތްތައް ވެސް ގެންނަނީ އެކަމުގެ އަޑީގައި ހުރެ ކޮންމެވެސް ދިވެއްސެކެވެ. ނުދަންނަ ޓްރެވަލް އޭޖެންސީ އަކުން ބިދޭސީ ފަރާތްތައް ގެނެސް އެ މީހުން މަގުމަތިކޮށްލަނީ އެ ނުބައި ނުލަފާ ދިވެހި މީހާއެވެ. ބިދޭސީ ފަރާތްތަކަށް އެ ހާލު ޖައްސައި، "ގަވާއިދާއި ހިލާފަށް" އުޅުމަށް މަޖުބޫރު ކުރުވަނީވެސް އެ ދިވެހި މީހާ އެވެ. އެހެންނަމަވެސް ކުށްވެރިވަނީ ބިދޭސީންނެވެ. ދިވެހި މީހާ ހުންނަނީ ހިމާޔަތްކޮށްފަ އެވެ.

މިފަދަ ކަންތައްތައް ހިނގާ އިރު، އެ ބިދޭސީންގެ ނިގުޅައިގަނެވިފައިވާ ހައްގުތައް ރައްކާތެރިކުރުމަށް ކިހާ ވަރެއްގެ މަސައްކަތްތަކެއް ކުރެވިފައިވޭތޯ އެވެ؟ އެ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫނެއް ހެދިފައިވޭތޯ އެވެ؟ ޖެންޑާ މިނިސްޓްރީންނާއި ފޮރިން މިނިސްޓްރީން މިވީހާ ދުވަހު ކުރީ ކޮން މަސައްކަތްތަކެއްތޯ މިއީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލުތަކެކެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިހުގައި ބިދޭސީންގެ ހައްގުތަކުގެ ވާހަކަތައް ދެކެވިފައިވަނީ ކިހާވަރަކަށްތޯ އެވެ؟ ސަރުކާރުންނާއި ކަމާއި ބެހޭ އިދާރާތަކުން މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އެދެވޭ ގޮތެއްގައި މަސައްކަތްކުރެވިފައި ވަނީ ކޮން އިރަކުތޯ އެވެ؟ މީސްމީޑިއާގައި ބައެއް އާންމުން ކަންބޮޑުވެ ވާހަކަ ދައްކާފައިވާ އިރު، ދެން ތިބި ގިނަ ބަޔަކު އަނގައިގައި ޒިބު އަޅުވައިގެން ތިބެނީ ކީއްވެތޯއެވެ؟

ބިދޭސީންނާއި މެދު މިފަދައިން އަމަލުކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހެއެވެ. އެމީހުންނާއި މެދު އިހާނެތިކޮޮށް ކަންތައްތައްކޮށް ހައްގުތައް ނިގުޅައިގަތް މީހުންނަށް ހަރުކަށި އަދަބު ދޭން ޖެހެއެވެ.

އަހަރެންގެ ނަޒަރުގައި ބިދޭސީންގެ ހައްގުތައް ހިމާޔަތްކުރަން ޖެހެއެވެ. ގާނޫނުގެ ދަށުން އެފަރާތްތަކަށް ރައްކާތެރިކަން ދޭން ޖެހެއެވެ. ބިދޭސީންނަކީ ހަމަ އަހަރެމެން ފަދައިން އިންސާނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް