ads
ރެދަން ލާފައި
ރެދަން ބަލަން ދިޔުމުން އަވަލި ޖިންނި
ރެދަނަކީ މީހާ އާޝޯހް ކޮށްލާ ބަލާލަން ރީތި އެއްޗިހިތަކެކެވެ. ނަމަވެސް އޭގެ ފަހަތުގައި ފޮރުވިފައިވާ ބިރުވެރިކަމާ ނާމާންކަން އިގެނީ މަދު ބަޔަކަށެވެ. އެގޮތުން އަހަރެންނަށްވެސް އެ ރީތި ތަރިތަކެއް ފަދަ ރީތިކަމުން ލިބުނީ ބިރުވެރިކަމާއި ސިހުމެވެ.

އެއީ މީގެ އަހަރުތަކެއްގެ ކުރިން ދިމާވި ހާދިސާއެކެވެ. އަހަރެއްގެ އުފަންރަށަކީ ވަރަށް ގިނައިން ރެދަން އަރާ ރަށެކެވެ. ނަމަވެސް އަހަރެން މަދު ފަހަރަކު ނޫނީ ބަލާކަށް ނުދަމެވެ. މަންމަ އަބަދުވެސް ރެދަނަކީ ނާމާން އެއްޗެކޭ ކިޔާތީއެވެ.

އެއް ރެޔަކު އަހަރެން ދަންވަރު ގަޑީގައި ނުނިދިގެން އަތިރި މައްޗަށް ވައި ޖައްސާލަންވެގެން ދިޔައީމެވެ. ގެއިން ނިކުމެ 5 މިނެޓް ތެރޭގައި އަތިރިމަށްޗައް ދެވެއެވެ. ހޭޅިފަށުގައި ހުރި ދިއްގާ ގަހެއްގެ ދަށުގައި އިން ޖޯލިފަތީގައި އަހަރެން އިށީނީމެވެ. ކަޑުން އަންނަ ފިނި ރޯޅިތައް އަހަރެންގެ މޫނުގައި ބޮސްދެމުން ދިޔައެވެ. މި މާހައުލުގެ ހިތްގައިމުކަނުން އަހަރެން ރަގަނޅަށް ހަމަ ޖެހިލުމަށް ފަހު ދެލޯ މަރާލީމެވެ.

އިރުކޮޅަކުން އަހަރެން ލޯހުޅުވާއިރު މުޅި ގޮޑުދޮށުގައި އޮތީ ރެދަންލާފައެވެ. ނޫކުލަިއގެ އަލިން އަތިރި ދިއްލިފަ ހުރި މަންޒަރަކީ ގައިމުވެސް ހިތަށް ފިނިކަމެށް ގެނެސްދިން މަންޒަރަކެވެ. ކުރިން އަހަރެންނަށް ފެނިފަ ހުރި މަންޒަރަކަށް ވިޔެށްކަމަކު ފުރަތަމަ ފަހަރަކާ އެއްގޮތަށް އަހަރެން އާސޯހުވިއެވެ.

މަޑުމަޑުން ޖޯލިން ތެދުވެގެން ގޮސް ރެދަން ތަކުގެ ތެރެއަށް އަހަރެން އެރުނީމެވެ. އޭއްޗިއްސާ ކުޅެން އަހަރެންނަށް ހުރެވުނީ ކިހާއިރު ކަމެއް ނޭގެއެވެ. މަންމަ އަހަރެންނަށް ދިން ނަސޭހަތް މަތިން ވެސް އަހަރެން ހަދާނެތުނެވެ.

އަހަރެން ގެ ލޮލުގައި ޖޯލިކައިރީގައި ހުރި ހިޔަންޏެއް އަޅައިގަތެވެ. ދެވަނަ ފަހަރަށް ބަލާލިއިރު އެތާކު އެއްވެސް އެއްޗެއްނެތެވެ. ވަހުމެއް ކަމަށް ހީކިށް ލުމަށްފަހު ރެދަން ތަކުގެ މަތީގައި އަހަރެން ހިނގަމުން ދިޔައީމެވެ. ހިތް ފުރޭވަރަށް އެތާގައި އުޅުވުމުން އަހަރެން ގެޔަށް ދިޔައީމެވެ. ފެންވަރަލައިގެން އެނދަށް އަރާ އަހަރެންނަށް ނިދުނީ ހިތްހަމަޖެހިގެން އޮތް ހިތަކާ އެކުގައެވެ. ނަމަވެސް ދެލޯ މެރެމުން ދިޔަގަޑީގައި ހިޔަންޏެއް ފެނުނުހެން އަހަރެންނަށް ހީވިއެވެ.

ޖެހިގެން އައިދުވަހު އަހަރެންނަށް ހޭލެވުނީ އިރުގެ ދޯދިތައް އަހަރެންގެ މޫނަށް އެޅި އުނދަގުވާން ފެށުމުންނެވެ. މޯޅިއަކަށް ދެމިލުމަށްފަހު އަހަރެން ދެލޯ ހުޅުވާލީމެވެ. އަހަރެންނަށް ލިބުނީ ސިހުމެކެވެ. އެނދުގެ ބަދަލުގައި އަހަރެންނަށް މި އޮވެވުނީ އަތިރިމަތީގައި ހުރި ޖޯލިފަތީގައެވެ. ރޭގައި މިތާގަ އޮއްވާ ނިދުނީހެއްޔޭ ވެސް އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ގެޔަށް ދެވުމުން އަހަރެން ރޭ ގެޔަށް ދިޔަކަން އެނގުނެވެ. 

އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. ސުވާލުތަކާއި ނާމާން ހިޔާލުތަކުން އަހަރެންގެ ހިތް ފުރި ބަންޑުވެގެން ދިޔައެވެ. އެ ހިޔާލުތަކުގައި ހުރެ މޫނުދޮވެގެން އަހަރެން ސައިބޯން ދިޔައީމެވެ. އޭރު ކާގޭގައި މަންމަމެން ދައްކަމުން ދިޔައީ މިގޭ ކުރިމަތީގައި ހުރި ގޭގައި އުޅޭ ކުއްޖަކު ޖިއްނި މޮޔަވެގެން އުޅޭވާހަކައެވެ. މަންމަ ބުނިގޮތުގައި އެކުއްޖާ ދެތިން ރެޔަކު ރެދަން ބަލަން ދިޔައެވެ. އަހަރެން ކައިރީގައި ރޭގަނޑު އަތިރިޔަށް ނުދިޔުމަށް މަންމަ ނަސޭހަތްތެރިވިއެވެ.

ސައިބޮއި ނިންމާލައިގެން އަހަރެން އޮފީހަށް ދިޔައީމެވެ. ނަމަވެސް އަހަރެންގެ ސިކުޑީގައި އެބުރެމުން ދިޔައީ ރޭގެ ހާދިސާއެވެ. އަދިވެސް އަހަރެން ޖޯލިޔަށް ދިޔަ ގޮތެއް ނުވިސްނުނެވެ. ހިޔާލުތަކުގެ ތެރޭގައި މިހެން މުޅި ދުވަސް ނިމިގެން ދިޔައެވެ.

ރޭނޑު ކެޔުމަށް ފަހު އަރަހެން ދިޔައީ ކޮޓަރިއަށް ނިދާށެވެ. ވަޒީފާ ނިންމާފައި ވެފައި ހުރި ވަރުބަލި ކަމުންނެވެ. ނަމަވެސް ކުރިން ރެޔެކޭ އެއްގޮތަށް މިރޭވެސް އަހަރެންގެ ލޮލަށް ނިދިއަށްނަ ގޮތެއް ނުވިއެވެ. ކޮޓަރީގައި އޭސީ ޖައްސާފައި ހުރިނަމަވެސް ހޫނުވާވަރުން އަހަރެން މިރޭވެސް ދިޔައީ އަތިރިޔަށް ވައިޖައްސާލުމަށެވެ. 

އަހަރެން އެތަނަށް ދިޔައިރު ގޮޑުދޮށުގައި ހުރީ ރެދަންލާފައެވެ. އެ ރީތި މަންޒަރުން ހިތްހަމަ ޖެހުން ލިބުމުގެ ބަދަލުގައި މިރޭ އަހަންނަށް އިހްސާސް ވަމުން ދިޔައީ ނާމާން ކަމެވެ.

ކުއްލިޔަކަށް މީހަކު ފަހަތުން  ކަންފައްދޮށުގައި ވައި އަޑަކުން އަހަރެންނަށް މީހަކު ގޮވާލިއެވެ. ސިއްސައިގެން ގޮސް ފަހަތް ބަލާލިއިރު އެކަކުވެސް ފެންނާކަށްނެތެވެ. އަހަރެންގެ މުޅިގައިން ހީބހި ނަގައިގެން ދިޔައެވެ. މި މާހައުލަގައި އަހަރެން ފިޔަވާ އެހެން މަހުލޫގެއް އުޅޭކަމުގެ އިހްސާސް ވާން ފެށިއެވެ.

ބާރު ފިޔަވަޅުތަކެއް ގައި އަހަރެން ގެއާ ދިމާލަށް ދާން ހިގައިގަތީމެވެ. އޭރު އަހަރެންގެ ލޮލުގައި އަޅައިގަތީ ޖޯލިފަތި ކައިރީގައި ހުރި ބޮޑު ހިޔަންޏެކެވެ. މެޔަށް ހީވީ ހޫނުފެންއެއްޗެއް އޮއްސާލިހެންނެވެ. ފަޔަށް ލެވުނުހާ ބާރެއް ލަމުން ދުވަމުން އަހަރެން ގޮސް ގެއަށް ވަނީމެވެ.

ގެޔަށް ވަތް ގޮތަށް އަހަރެން މަންމަމެންނަށް ގޮވާ އަތިރި މަތީގައި ދިމާވި ހާދިސާ ކިޔާދިނީމެވެ. އޭރު ގޭގެ ބޭރުން ބާރުގަދަ އަޑުފަތް ގަޑެށް އިވެމުން ދިޔައެވެ. ވަގުތުން ޓީވީއިން ބައްޕަ ޤުރުއާން ޖެހިއެވެ. އިރުކޮޅެށްފަހުން އަޑުތަށް މަޑުވުމުން ބައްޕަ ހުސެންބެ ބަލާ ދިޔައެވެ.

ހުސެންބެ އައިސް ރުގްޔާ ކުރިއެވެ. އަދި ދަންވަރު ގެއިން އެއްވެސް ގޮތަކަށް ބޭރަށް ނުދިޔުމަށް އަހަރެންކައިރީގައި އެދުނެވެ. އެހެންނޫނީ ރެދަން ޖިންނީގެ ކިބައިން އަހަރެން ސަލާމަތް ނުވާނެކަމަށް ވެސް ބުންޏެވެ.

އޭގެފަހުން ކިތަންމެ ހޫނުވިޔަސް، ބޭރަށް ދާހިތްވިޔަސް އަހަރެން ދަންވަރު ގޮޑުދޮށަކަށް ނުދަމެވެ. އަދި ރެދަން ބަަލަން ދިޔުންވެސް އަހަރެން ގޭފަހުން ހުއްޓާލީމީމެވެ.

25%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް