ads
އިސްލާމީ މަރުކަޒު
ޑީއެންއޭ އިން ބައްޕަ ދެނެގަނެވޭ، ހުކުމެއް ނުކުރެވޭ؟
ނަހަލާލަށް ވިހެއި ކުއްޖެއްގެ ބައްޕަ އަކީ ކާކުކަން ސާބިތުކުރުމަށް ޑީއެންއޭ ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށާއި، ޒިނޭކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް އިސްލާމީ ޝަރީއަތާއި ހަވާލާދީ ހައި ކޯޓުން ހުކުމް ކޮށްފައިވަނީ މިހަފްތާގެ ތެރޭގައެވެ. މި ކަމާ ގުޅިގެން މި ކުޑަ މުޖުތަމައުގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު، ގިނަ ބަޔަކު އަންނަނީ ޑީއެންއޭ އިން ކުއްޖާގެ ބައްޕަ ދެނެގަނެވޭ އިރު ހުކުމް ނުކުރެވެނީ ކީއްވެތޯ ސުވާލު އުފައްދާ ފައެވެ.
Advertisement

ޑީއެންއޭ މައްސަލައާއި ގުޅިގެން އާންމުންގެ ހިޔާލު ތަފާތުވެފައިވާ މި ދަނޑިވަޅުގައި ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގްގައި އޭނާ ވަނީ މިކަމާ ދެކޭ ގޮތް ހިއްސާ ކުރައްވާފައެވެ.

އެގޮތުން މި މައްސަލައަކީ ޒިނޭ ސާބިތު ކުރުމަށް ކުރިއަށް ގެންދިޔަ މައްސަލައެއް ކަމަށާއި، މި ކުށް ސާބިތު ކުރުމަށް ހެއްކެއްގެ ގޮތުގައި ހުށަހެޅީ ޒިނޭކުރި އަންހެންމީހާ ބުނި ބުނުމާއި އަންހެންމީހާ ވިހެއި ދަރިފުޅުގެ ޑީއެންއޭ ކަމަށް ޝަމީން ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޒިނޭގެ ކުށަކީ ޝަރުއީ ގޮތުން ވަކި ގޮތަކަށް ސާބިތުވާން ޖެހޭ ކުށެއް ކަމަށެވެ. އަދި ޝަރުއީ ހަމަތަކުގެ މަތިން ޑީއެންއޭ އެވިޑެންސަކީ ކުށްސާބިތު ކުރުމަށް ބޭނުންކުރެވޭނެ ހެއްކަކަށް ނުވުމުން، އެ ފިރިހެންމީހާގެ މައްޗަށް ޒިނޭގެ ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ނިންމި ނިންމުން ރަނގަޅުކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް ގިނަ ބަޔަކު މި ހުކުމާ ދެކޮޅަށް ވާހަކަ ދައްކަނީ "މެޑިކަލް ސައިންސް" މިހާ ކުރިއަރާފައިވާ ޒަމާނެއްގައި މިފަދަ ކުރިއެރުންތައް ހުކުމްތަކުގައި ބޭނުން ނުކުރެވެނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އެކި މީހުންގެ ހިޔާލުުތަކުން ސޯޝަލް މީޑިއާ ބަންޑުން ކޮށްލާފައިވާއިރު، ޑީއެންއޭ ބަލައިނުގަތުމަކީ މޮޔަކަމެއް ކަމުގައިވެސް ބުނާ މީހުން މަދެއް ނޫނެވެ.

އެއްބަޔަކު ވަނީ ޑީއެންއޭއިން ބައްޕަ ކަށަވަރު ނުކުރެވޭނަމަ ދެން ކުއްޖާގެ ބައްޕަ އަކީ ކާކުކަން ދެނެގަންނާނީ ކިހިނެތްތޯ ސުވާލު އުފައްދާފައެވެ. އަދި ޑީއެންއޭއަކީ މުޅި ދުނިޔެވެސް ބަލައިގަނެފައިވާ ކަމަކަށްވާއިރު ރާއްޖޭގައި ޑީއެންއޭ ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވެނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ.

މި މައްސަލައިގައި އެކި އިލްމުވެރިންވެސް ވަނީ އެބޭފުޅުންގެ ހިޔާލު ހިއްސާ ކުރައްވާފައެވެ. އެގޮތުން ޑީއެންއޭއަކީ އެވިޑެންސްގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް ޝައިހް އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. ނަމަވެސް ޝަރުއީ ހަމަތަކުން ޒިނޭ ސާބިތު ކުރުމަށް ޑީއެންއޭއަކީ ބޭނުން ކުރެވޭނެ ވަސީލަތެއް ނޫން ކަމަށް ޒައިދު ވިދާޅުވިއެވެ. މީގެ އިތުރުން ފަތުވާ މަޖިލީހުންވެސް ވަނީ ނަހަލާލަށް ވިހާ ކުދިންގެ ބައްޕަ ހޯދުމަށް ޑީއެންއޭ ހެދުން ހަރާމް ކަމަށް ބުނެފައެވެ.

ކޮންމެއަކަސް މިއީ ނިމުމެއް ނުވާ ބަހުސެކެވެ. ކަށަވަރުވާ އެއް ކަމަކީ ހައި ކޯޓުގެ ނިންމުން ބަދަލު ނުވާނެ ކަމެވެ. އެކަން ބަދަލު ކުރެވޭނީ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅައިފި ނަމައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް