ads
އޭޑީކޭ ހޮސްޕިޓަލް -- ފޮޓޯ: އޭޑީކޭ
އޭޑީކޭއިން އިތުރު ލެބޯޓްރީއެއް ހުޅުވާ، ކޮވިޑު ޓެސްޓުގެ އަގުހެޔޮ ކޮށްފި
އޭޑީކޭ ހޮސްޕިޓަލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، ވީއައިއޭގައި ކޮވިޑް-19 ޕީސީއާރު ލެބޯޓްރީއެއް ހުޅުވައި އެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓު ހަދާ އަގު ކުޑަކޮށްފިއެވެ.

ލަކްސް ރިސޯޓްސް، ޓީއެމްއޭ އަދި އޭޑީކޭ ގުޅުގެން ވީއައިއޭގައި ކޮވިޑް-19 ޕީސީއާރު ޓެސްޓު ހަދާ ޒަމާނީ ލެބެއް ހުޅުވާފައިވަނީ ބުދަ ދުވަހު ކަމަށް އޭޑީކޭ އިން ބުނެއެވެ.

މި ލެބޯޓްރީ ހުޅުއްވާދެއްވީ ވާޗުއަލް ހަފްލާއެއްގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދު ﷲ މައުސޫމް އެވެ.

އޭޑީކޭއިން ބުނީ މި ލެބާއެކު އޭޑީކޭ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓު ހެދޭ ކެޕޭސިޓީ ދުވާލެއްގެ މައްޗަށް 2000 ޓެސްޓަށް އިތުރުވެގެން ދާނެ ކަމަށެވެ. އަދި މި ލެބޯޓްރީއާއެކު އެ ހޮސްޕިޓަލުގެ މަސައްކަތުގެ އެފިޝެންސީ އަށް ކުރިއެރުމެއް ލިބިގެން ދާނެ ކަމަށެވެ.

މިބަދަލާއެކު އޭޑީކޭއިން ޕީސީއާރު ޓެސްޓު ހަދައިދޭ އަގު ކުޑަކޮށްފައިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެގޮތުން މިހާރު އެ ހޮސްޕިޓަލުން ދިވެހީންނަށް ޓެސްޓް ހަދައިދޭ އަގު، 1200 ރުފިޔާއިން 1000 ރުފިޔާއަށް ކުޑަކޮށްފައިވާނެ ކަމަށް އޭޑީކޭއިން ބުނެއެވެ. އަދި ފަތުރުވެރިންނަށް ޓެސްޓް ހަދައިދޭ އަގު 80 އެމެރިކާ ޑޮލަރުން 70 އެމެރިކާ ޑޮލަރަށް ކުޑަކޮށްފައިވާނެ ކަމަށް އޭޑީކޭއިން ބުނެއެވެ.

އެއާޕޯޓުގައި އޭޑީކޭއިން ހުޅުވި ލެބޯޓްރީގައި ބޭނުން ކުރަނީ ޖަރުމަނުވިލާތުގެ ރޯޗް މަރުކާގެ ލައިޓް ސައިކްލަރ 480 ޕީސީއާރް މެޝިނަކާއި ވެގްނާ ޕިއޯ އެކްސްޓްރެކްޓާ އެއް ކަމަށް އޭޑީކޭއިން ބުނެއެވެ. އޭޑީކޭ އިން ވަނީ މިއީ ދުނިޔޭގައި މިހާރު ކޮވިޑް 459 ޕީސީއާރު ޓެސްޓު ހަދާ އެންމެ މަތީފެންވަރުގެ ފުލީ އޮޓޮމޭޓެޑް ލެބޯޓްރީއެއްކަން ފާހަކޮށްފައެވެ.

އޭޑީކޭގެ މި ލެބާއެކު ކޮވިޑް 19 ޕީސީއާރު ޓެސްޓު ހަދަން ޖެހޭ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭޑީކޭ އިން ބުނެއެވެ. އެގޮތުން ޓީއެމްއޭގައި ހުންނަ ލެބުން ސާމްޕަލް ނެގުމުގެ އިތުރުން ރިސޯޓު ތަކުންނާއި ރަށްރަށުން ގެންނަ ސާމްޕަލް ބަލައިގަނެ، ޓެސްޓު ކުރެވޭނެކަން އޭޑީކޭއިން ފާހަގަ ކުރެއެވެ. ހަމައެއާއެކު އެއާޕޯޓު ފެރީ ޓާމިނަލްގައި ވެސް ސާމްޕަލް ޑްރޮޕް-އޮފް ޕޮއިންޓެއް ގާއިމް ކޮށްފައިވާނެ ކަމަށް އޭޑީކޭއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް