އެކަން ކަށަވަރު ކުރައްވައި މިއަދު ދެކުނު ކޮރެއާގެ ބޮޑުވަޒީރު ޗުން ސައި-ކުން ވިދާޅުވީ އެގައުމުން ވަނީ ފިޒާ އާއި ޖޯންސަން ޖޯންސަން ކުންފުންޏާއި އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، އެ އެއްބަސްވުންތަކުގެ ސަބަބުން ދެކުނު ކޮރެއާގެ 16 މިލިއަން މީހުންނަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ސައި-ކުން ވިދާޅުވިއެވެ.
ސައި-ކުން މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ދެކޮޅަށް ދެކުނު ކޮރެއާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެގައުމުގެ ރައްޔިތުންގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. ދެކުނު ކޮރެއާ އަށް ކޮވިޑްގެ ތިންވަނަ ރާޅެއް ބިންދާލާފައިވާ އިރު، މި ހަފްތާގެ އަންގާރަ ދުވަހުގައިވެސް ރެކޯޑް އަދަދަކަށް ކޭސްތައް ފެނިފައިވެ އެވެ.
ދެކުނު ކޮރެއާއިން ބުނާ ގޮތުގައި އަންނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެގައުމުގެ ދިހަ މިލިއަން މީހުންނަށް ވާވަރަށް ފިޒާ އިން ތައްޔާރުކޮށްފައިވާ ވެކްސިންގެ ޝިޕްމެންޓެއް އެގައުމަށް އަންނާނެއެވެ.
އެހެންނަމަވެސް ފިޒާގެ ވެކްސިންގެ ޝިޕްމެންޓްތައް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ދެކުނު ކޮރެއާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފަ އެވެ.
ސައި-ކުން އިތުރަށް ވިދާޅުވީ ޖޯންސަން ޖޯންސަންގެ ދަށުން ހިނގަމުން އަންނަ ޖާންސެންގެ ވެކްސިން ކުރިން ދެ މިލިއަން މީހުންނަށް ދިނުމަށް ހަމަޖެހިފައިވީ ނަމަވެސް، މިހާރު އެ އަދަދު ހަ މިލިއަނަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ޖާންސެންގެ ވެކްސިން ދެވަނަ ކުއާޓަރުން ފެށިގެން ދޭން ފަށާނެ ކަމަށްވެސް ސައި-ކުން ވިދާޅުވި އެވެ.
ފިޒާ އާއި ޖޯންސަން ޖޯންސަންގެ އިތުރުން ދެކުނު ކޮރެއާ އިން އެއްބަސްވުމަކަށް އައިސްފައިވަނީ އަސްޓްރާޒެނެކާ އާއި މޮޑާނާ އާއި އެއްކޮށެވެ.
އެ ހަތަރު ކުންފުނީގެ އިތުރުން ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ދެކުނު ކޮރެއާގެ ދިހަ މިލިއަން މީހަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވެ އެވެ.
ދެކުނު ކޮރެއާގައި ދުވަހުން ދުވަހަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު، އާ އަހަރުގެ ޗުއްޓީއާއި ދިމާކޮށް އެގައުމުން ވަނީ ސްކީ ރިިސޯޓްތަކާއި ފަތުރުވެރިން އާންމުކޮށް އެއްވާ ސަރަހައްދުތައްވެސް ބަންދުކޮށްފަ އެވެ.
މިހާތަނަށް ދެކުނު ކޮރެއާ އިން 53،533 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު، 756 މީހުން ވަނީ އެގައުމުން މަރުވެފަ އެވެ.