ads
ވެމްކޯގެ މުވައްޒަފުންތަކެއް ކުނި ނެގުމުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ވެމްކޯ
ރޭގަނޑު ކުނި ނަގާނީ އަންނަ މަހުގެ 10 އިން ފެށިގެން
މާލޭ ސަރަހައްދުގައި ރޭގަނޑު ކުނި ނަގަން ފަށާނީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށް ވެމްކޯ އިން ބުނެފި އެވެ.

ވެމްކޯ އިން ބުނީ ކުނި ނެގުމުގެ މަސައްކަތް މިވަގުތު ފޯރުކޮށްދެމުންދާ މެންދުރުގެ ވަގުތަކީ، މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދާއި، އާންމުން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ވަގުތެއްކަމަށް އެކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކުނި ބޭލުމަށް ހަމަޖެހިފައިވާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ކުނި ގިނަ އަދަދަކަށް ޖަމާކޮށްފައި ހުންނަ މައްސަލަ ވެސް ފާހަގަކުރެވޭކަމަށް ވެމްކޯ އިން ބުނެ އެވެ. 

ވެމްކޯ އިން ވަނީ އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިދިނުމަށް މަޝްވަރާކުރަމުންދިޔުމާއި އެކު، ވެމްކޯގެ އޮޕަރޭޝަނަށް ވެސް ބަދަލު ގެންނަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. 

ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އަންނަ މަހުގެ 10 އިން ފެށިގެން ކުނި ނަގާނީ ރޭގަނޑު 10:00 އިން ފެށިގެން 12:00 އާ ހަމައަށް ކަމަށެވެ. އެހެންކަމުން، އެ ދެގަޑިއިރުގެ ތެރޭގައި ކުނި ނެރުމަށް ވެސް އެދިވަޑައިގަތެވެ. 

އާދަމް ވިދާޅުވީ ފަތިސް ނަމާދަށް މީހުން ނިކުންނައިރު މަގުތައް އޮންނާނީ ސާފުކޮށް ކަމަށާއި މާލޭގެ މަގުތައް ކުނިކެހުން ވެސް އޮންނާނީ އެގަޑިތަކުގައި ކަމަށެވެ. 

ވެމްކޯ އިން ބުނީ ވެމްކޯއިން ހިދުމަތްތައް ފޯރުކޮށްދޭނީ ކުރިއެކޭވެސް އެއްފަދައިން އިމާރާތުގެ ބޭރުން، ދޮރުމަތިން ކަމަށާއި އެ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ނާރާނެ ކަމަށެވެ. 

އޭގެ އިތުރުން، އެ ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އަންނަ މަހު ސްކޫލުތައް ވެސް ހުޅުވާއިރު މާލެ ތެރެ ސާފުކޮށް ބާއްވަން ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ އެގަޑިއަށް ކުނި ނެރެން ޖެހުމުން ދަތިތަކެއް ހުއްޓަސް، ކުނީގެ މައްސަލައަށް ހައްލެއް ބޭނުންވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތްކުރަމުން އަންނަ ވެމްކޯ އިން އެ މަަސައްކަތް ކުރަމުން އަންނަނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު 12:00 އާއި 2:00 އާ ދެމެދުގަ އެވެ.

އެކަމަކު އެ ވަގުތަށް ގޭގެއިން ކުނި ކޮތަޅުތައް މަގުމައްޗަށް ނެރެފައި ހުއްޓަސް، ކުނި ނެގުމުގައި ގިނައިރުތަކެއްވެ އެވެ. މިހާރު ކަނޑައަޅާފައިވާ ގޮތަށް ކުނި ނުނެގި ގިނައިރުތަކެއްވަމުންދާއިރު މަގުތަކުން ފެނިގެންދަނީ ބުޅާތައް ހޮތަޅު ހާވާއި މަގުތަކަށް ކާބޯތަކެތި އަޅާފައި އޮންނަ މަންޒަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް